ހުޅުމާލޭގައި އިމާރާތްކުރާ "ކޭ-ޕާކް ރެސިޑެންސް" އިން އެޕާޓްމަންޓެއް ގަތް މީހަކަށް އެ ތަން ހަވާލުނުކުރާތީ، ގެއްލުމުގެ ބަދަލާއި ޝަރީއަތުގެ ހަރަދުގެ ގޮތުގައި 1.06 މިލިއަން ރުފިޔާ ދެއްކުމަށާއި، އެޕާޓްމަންޓް ހަވާލުކުރަންދެން ކޮންމެ މަހަކު 25،000 ރުފިޔާ ދައްކަން ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ހަންބޯ ކުންފުނީގެ ޣައިރު ހާޒިރުގައި ސިވިލް ކޯޓުން މި ހުކުމް ކުރީ، ނ. ހޮޅުދޫ އޯކިޑްވިލާ، އާމިނަތު ވަދީފާ އެ ކުންފުންޏާ ދެކޮޅަށް ހުށަހެޅި މައްސަލައިގަ އެވެ.
ކޭ-ޕާކް ރެސިޑެންސްގެ ދެވަނަ ފަންގިފިލާގައި ހަދާ އެޕާޓްމަންޓެއް ގަތުމަށް އާމިނަތު ވަދީފާ އާއި ހަންބޯ ކުންފުންޏާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރީ 12 މެއި 2022 ގަ އެވެ. އެ އެޕާޓްމަންޓްގެ ޖުމްލަ އަގަކީ 1,750,000 ރުފިޔާ އެވެ.
ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 13.7 ވަނަ މާއްދާގައިވާ ގޮތުން، ކަނޑައެޅިފައިވާ މުއްދަތަށް އެޕާޓްމަންޓް ނިންމައި ހަވާލުނުކުރެވި ލަސްވެއްޖެ ނަމަ، 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެޕާޓްމަންޓް ހަވާލުކުރާ ތާރީހާ ހަމައަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ކޮންމެ މަހަކު 25،000 ރުފިޔާ ދައްކަން ހަންބޯ ކުންފުނިން ވަނީ އެއްބަސްވެފަ އެވެ.
ނަމަވެސް، އެ ކުންފުނިން ޑިސެމްބަރު 2023 ގެ ނިޔަލަށް އެޕާޓްމަންޓް ހަވާލުކުރާނެ ކަމަށް އިއުލާންކުރުމަށް ފަހު ވެސް، އެ ތަން ނިންމައި ހަވާލުކޮށްފައެއް ނުވެ އެވެ. އެހެންކަމުން، އެޕާޓްމަންޓް ހަވާލުކުރުމަށާއި އެއްބަސްވުމާ އެއްގޮތަށް ގެއްލުމުގެ ބަދަލު ހޯދުމަށް އާމިނަތު ވަދީފާގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެވެ.
މި މައްސަލައިގެ ދައުވާ ފޯމާއި ލިޔެކިޔުންތައް ހަންބޯ ކުންފުންޏާ ހަވާލުކުރުމުން ވެސް، ގާނޫނުގައި ބުނާ 14 ދުވަހުގެ މުއްދަތުގެ ތެރޭގައި އެ ކުންފުނިން ދައުވާއަށް ޖަވާބުދާރީވެފައެއް ނުވެ އެވެ. އެހެންކަމުން މައްސަލަ ކުރިއަށް ގެންދިޔައީ ހަންބޯ ކުންފުނީގެ ޣައިރު ހާޒިރުގަ އެވެ.
މި މައްސަލަގައި ސިވިލް ކޯޓުން ކުރި ހުކުމްގައި ކަނޑައެޅީ އެ އެޕާޓްމަންޓަކީ ހަންބޯ ކުންފުނިން އާމިނަތު ވަދީފާއާ ހަވާލުކުރަން ޖެހޭ އެޕާޓްމަންޓެއް ކަމަށެވެ. އެޕާޓްމަންޓް ހަވާލުކުރުން ލަސްވުމުގެ ބަދަލުގެ ގޮތުގައި، ޖެނުއަރީ، 2023 އިން ފެށިގެން ޖޫން، 2026 ގެ ނިޔަލަށް ޖެހޭ 1,050,000 ރުފިޔާ އާއި ޝަރީއަތުގެ ހަރަދުގެ ގޮތުގައި 10،000 ރުފިޔާއާއެކު ޖުމްލަ 1,060,000 ރުފިޔާ، ހުކުމްކުރި ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރުމަށް އެންގި އެވެ.
މީގެ އިތުރުން، މި އަހަރުގެ ޖޫން މަހުން ފެށިގެން އާމިނަތު ވަދީފާއާ އެޕާޓްމަންޓް ހަވާލުކުރާ ތާރީހާ ހަމައަށް ހިނގާ ކޮންމެ މަހަކަށް 25،000 ރުފިޔާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައްކަމުން ގެންދިއުމަށް ވެސް ހުކުމުގައި އަމުރުކޮށްފައިވެ އެވެ.
ކޭ-ޕާކް ރެސިޑެންސްގެ އެޕާޓްމަންޓްތައް ވިއްކުމުގައި މަކަރާއި ހީލަތް ހެދި މައްސަލައިގައި އެ ކުންފުނީގެ ކުރީގެ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) އާއި އެ ކުންފުނީގެ މުވައްޒަފު ޖައިޝާން ސައީދުގެ މައްޗަށް ދައުލަތުން އުފުލި ޖިނާއީ ދައުވާތައް ސާބިތުވެ، އެމީހުން ތިބީ ޖަލުގަ އެވެ. މަންޑޭއަށް އިއްވި ޖުމްލަ ޖަލު އަދަބަކީ 393 އަހަރެވެ.
އަދި އެޕާޓްމަންޓްތައް ގަތް ގިނަ އަދަދެއްގެ ބަޔަކު ވަނީ ބަދަލު ހޯދުމަށް ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ. މީގެކުރިން ވެސް ގިނަ ހުކުމްތަކެއް ސިވިލް ކޯޓުން ކޮށްފައިވީ ނަމަވެސް، އެ ހުކުމްތައް ތަންފީޒުވެފައެއް ނުވެ އެވެ.