ޒައިދުގެ މައްޗަށް ތިން ދައުވާއެއް އުފުލައި މާދަމާ ޝަރީއަތް ފަށަނީ

ފަނޑިޔާރަކު ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، މާލެ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީންގެ މައްޗަށް ތިން ދައުވާއެއް އުފުލައި އޭނާގެ ޝަރީއަތް މާދަމާ ފަށާ ގޮތަށް ނިންމައިފި އެވެ.


މިހާރު ގޭބަންދުގައި ހުރި ޒައިދުގެ މައްޗަށް ކުރަނީ ހުއްދަ ނޫން ގޮތެއްގައި މައުލޫމާތު ހާމަކުރަން އުޅުމާއި ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުން އަދި ގާނޫނީ ބާރު ހިންގުމަށް ދަތިކުރަން އުޅުމުގެ ދައުވާ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ގާތްގުޅުމެއް އޮންނަ ޒައިދުގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ވަނީ މާދަމާ ހެނދުނު 11:00 އަށް ކްރިމިނަލް ކޯޓުގައި ޝެޑިއުލް ކޮށްފަ އެވެ.

މިދިޔަ ޖެނުއަރީމަހުގެ ފަހުކޮޅު ހައްޔަރުކުރި ޒައިދު އެންމެ ފަހުން ގޭބަންދަށް ބަދަލުކުރީ މި މަހުގެ 16 ވަނަ ދުވަހު އެވެ. އޭގެ ކުރިން ވެސް އެއް ފަހަރު އޭނާ ގޭބަންދަށް ބަދަލުކުރި އެވެ.

ޒައިދު މީގެ ކުރިން ވިދާޅުވީ އޭނާ އަށް ކުރަނީ އަސްލެއް ނެތް ތުހުމަތެއް ކަމަށާއި ބޭނުމަކީ މައުމޫން ހައްޔަރު ކުރެވޭ ފަދަ ބަޔާނެއް ހޯދުން ކަމަށެވެ.

އޭނާއާ ސުވާލު ކުރަނީ ވެރިކަން ކުރާ ޕީޕީއެމްގެ ތެރޭގައި އުފެދުނު މައްސަލަތަކުގެ ތެރެއިން ގެއްލުނު ހާޑްޑިސްކާ ގުޅޭ ގޮތުން ކަމަށް ވެސް ވިދާޅުވި އެވެ.

ބްލެއިކްމެއިލް ކުރަން އުޅުނީ ކާކު ކަމެއް މިހާތަނަށް ފުލުހުން ސާފުކޮށްދީފައި ނުވާ ކަމަށް ވެސް ޒައިދު ވިދާޅުވެފައި ވެ އެވެ. އޭގެ ބަދަލުގައި ސުވާލުކުރަނީ "ދައުލަތުގެ އެއްވެސް އިސް ވެރިއެއްގެ ގެއަށް ގޮސް އެ މީހަކު ދެއްކި ވާހަކަ ރެކޯޑު ކުރިންތޯ" ކަމަށް އޭނާ ވިދާޅުވެ އެވެ.