ޒައިދު އަނެއްކާ ވެސް ގެއަަށް ބަދަލުކޮށް ބަންދަށް 15 ދުވަސް ޖަހައިފި

ފަނޑިޔާރަކު ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، މާލެ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ގެއަށް ބަދަލުކޮށް، ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް މިއަދު އިތުުރުކޮށްދީފި އެވެ.


މިިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅު ހައްޔަރުކުރި ޒައިދު މިދިޔަ ފެބްރުއަރީ މަހު ވެސް ގޭ ބަންދަށް ބަދަލުކުރި އެވެ. އެކަމަކު މަހެއްހާ ދުވަސް ވަންދެން ގޭ ބަންދުގައި ބެހެއްޓުމަށް ފަހު އަނެއްކާ ވެސް އޭނާ ފުލުހުންގެ ބަންދަށް ދޫނިދޫ ޖަލަށް ބަދަލުކުރީ އެވެ.

މިއީ ޒައިދުގެ ބަންދުގެ މުއްދަތު އިތުުރުކުރި ނުވަ ވަނަ ފަހަރެވެ.

ޒައިދު ހައްޔަރުކޮށްގެން އުޅޭ މައްސަލަ ބަލައިދިނުމަށް އެދި އޭނާގެ އަންހެނުން ވަނީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ވެސް މައްސަލަ ހުށަހަޅައިފަ އެވެ. އެކަމަކު ކޮމިޝަނުން ވަނީ އެ މައްސަލަ ނުބަލަން ނިންމައިފަ އެވެ.

ޒައިދު މީގެ ކުރިން ވިދާޅުވީ އޭނާ އަށް ކުރަނީ އަސްލެއް ނެތް ތުހުމަތެއް ކަމަށާއި ބޭނުމަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހައްޔަރު ކުރެވޭ ފަދަ ބަޔާނެއް ހޯދުން ކަމަށެވެ.

އޭނާއާ ސުވާލު ކުރަނީ ވެރިކަން ކުރާ ޕީޕީއެމްގެ ތެރޭގައި އުފެދުނު މައްސަލަތަކުގެ ތެރެއިން ގެއްލުނު ހާޑްޑިސްކާ ގުޅޭ ގޮތުން ކަމަށް ވެސް ވިދާޅުވި އެވެ.

ބްލެއިކްމެއިލް ކުރަން އުޅުނީ ކާކު ކަމެއް މިހާތަނަށް ފުލުހުން ސާފުކޮށްދީފައި ނުވާ ކަމަށް ވެސް ޒައިދު ވިދާޅުވެފައި ވެ އެވެ. އޭގެ ބަދަލުގައި ސުވާލުކުރަނީ "ދައުލަތުގެ އެއްވެސް އިސް ވެރިއެއްގެ ގެއަށް ގޮސް އެ މީހަކު ދެއްކި ވާހަކަ ރެކޯޑު ކުރިންތޯ" ކަމަށް އޭނާ ވިދާޅުވެ އެވެ.