ފަނޑިޔާރަކު ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، މާލެ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީންގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ހަތް ދުވަސް އިތުރުކޮށްދީފި އެވެ.
މިއީ އޭނާ ހައްޔަރުކުރި ފަހުން ބަންދުގެ މުއްދަތު އިތުރުކުރި އަށް ވަނަ ފަހަރެވެ.
ޕީޕީއެމް ދެ ބައިވެ ޕާޓީގެ މެމްބަރުކަމުން ދުރުކޮށްފައިވާ މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނަށް ނިސްބަތްވާ ޒައިދު މިދިޔަ ޖެނުއަރީ މަހު ހައްޔަރުކުރުމަށް ފަހު ގޭ ބަންދުގައި ވެސް ބެހެއްޓި އެވެ. ނަމަވެސް މަހެއްހާ ދުވަސް ފަހުން އަނެއްކާވެސް އޭނާ ވަނީ ދޫނިދު އަށް ބަދަލުކޮށްފަ އެވެ.
ޒައިދު މީގެ ކުރިން ވިދާޅުވީ އޭނާ އަށް ކުރަނީ އަސްލެއް ނެތް ތުހުމަތެއް ކަމަށާއި ބޭނުމަކީ މައުމޫން ހައްޔަރު ކުރެވޭ ފަދަ ބަޔާނެއް ހޯދުން ކަމަށެވެ. އޭނާއާ ސުވާލު ކުރަނީ ޕީޕީއެމްގެ ތެރޭގައި އުފެދުނު މައްސަލަތަކުގެ ތެރެއިން ގެއްލުނު ހާޑްޑިސްކާ ގުޅޭ ގޮތުން ކަމަށް ވެސް ވިދާޅުވި އެވެ. ބްލެއިކްމެއިލް ކުރަން އުޅުނީ ކާކު ކަމެއް ތުހުމަތުގައި މިހާތަނަށް ފުލުހުން ސާފުކޮށްދީފައި ނުވާ ކަމަށް ވެސް ޒައިދު ވިދާޅުވެފައި ވެ އެވެ. އޭގެ ބަދަލުގައި ސުވާލުކުރަނީ "ދައުލަތުގެ އެއްވެސް އިސް ވެރިއެއްގެ ގެއަށް ގޮސް އެ މީހަކު ދެއްކި ވާހަކަ ރެކޯޑު ކުރިންތޯ" ކަމަށް އޭނާ ވިދާޅުވި އެވެ.