ޒައިދުގެ ބަންދަށް ފަސް ދުވަސް އިތުރުކޮށްފި

ފަނޑިޔާރަކު ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މާލެ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީންގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ފަސް ދުވަސް އިތުރުކޮށްދީފި އެވެ.


މިއީ އޭނާ ހައްޔަރުކުރި ފަހުން ބަންދުގެ މުއްދަތު އިތުރުކުރި ހަތް ވަނަ ފަހަރެވެ. ޒައިދުލް އަމީންގެ ބަންދުގެ މުއްދަތު އެންމެ ފަހުން އިތުރު ކުރީ މިދިޔަ މަހުގެ 20 ގަ އެވެ.

ޕީޕީއެމް ދެ ބައިވެ ޕާޓީގެ ރައީސްކަމުން ދުރުކޮށްފައިވާ މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނަށް ނިސްބަތްވާ ޒައިދު މިދިޔަ ޖެނުއަރީ މަހު ހައްޔަރުކުރުމަށް ފަހު ޖެނުއަރީ މަހުގެ ފަހުކޮޅު ގޭ ބަންދުގައި ވެސް ބެހެއްޓި އެވެ. ނަމަވެސް މަހެއްހާ ދުވަސް ފަހުން އަނެއްކާވެސް ދޫނިދުއަށް ބަދަލުކުރި އެވެ.

ޒައިދު މީގެ ކުރިން ވިދާޅުވީ އޭނާއަށް ކުރަނީ އަސްލެއް ނެތް ތުހުމަތެއް ކަމަށާއި ބޭނުމަކީ ކުރީގެ ރައީސް މައުމޫން ހައްޔަރުކުރެވޭ ފަދަ ބަޔާނެއް ހޯދުން ކަމަށެވެ. އޭނާއާ ސުވާލުކުރަނީ ޕީޕީއެމް ތެރޭގައި އުފެދުނު މައްސަލަތަކުގެ ތެރެއިން ގެއްލުނު ހާޑްޑިސްކާ ގުޅޭ ގޮތުން ކަމަށް ވެސް ވިދާޅުވި އެވެ.

ބްލެއިކްމެއިލް ކުރަން އުޅުނީ ކާކު ކަމެއް ތުހުމަތުގައި މިހާތަނަށް ފުލުހުން ސާފުކޮށްދީފައި ނުވާ ކަމަށް ވެސް ޒައިދު ވިދާޅުވެފައިވެ އެވެ. އޭގެ ބަދަލުގައި ސުވާލުކުރަނީ "ދައުލަތުގެ އެއްވެސް އިސް ވެރިއެއްގެ ގެއަށް ގޮސް އެ މީހަކު ދެއްކި ވާހަކަ ރެކޯޑު ކުރިންތޯ" ކަމަށް އޭނާ ވިދާޅުވި އެވެ.