ޒައިދުގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި

ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މާލެ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީންގެ ބަންދަށް ކްރިމިނިލް ކޯޓުން 15 ދުވަސް މިއަދު އިތުރުކޮށްދީފި އެވެ.


ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނަށް ނިސްބަތްވާ ޒައިދު މިދިޔަ ޖެނުއަރީ މަހު ހައްޔަރުކުރީ ފަނޑިޔާރަކު ބްލެކްމެއިލް ކުރުުމުގެ ތުހުމަތަށެވެ. އަދި ޖެނުއަރީ މަހުގެ ފަހުކޮޅު ގޭ ބަންދުގައި ހުއްޓާ މަހެއްހާ ދުވަސް ފަހުން އަނެއްކާވެސް ދޫނިދުއަށް ބަދަލުކުރި އެވެ.

މިއީ އޭނާ ހައްޔަރުކުރި ފަހުން ބަންދުގެ މުއްދަތު އިތުރުކުރި ހަ ވަނަ ފަހަރެވެ.

ގޭ ބަންދުން ޖަލަށް ގެންދިއުމުގެ ކުރިން ޒައިދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އޭނާއަށް ކުރަނީ އަސްލެއް ނެތް ތުހުމަތެއް ކަމަށާއި ބޭނުމަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރުކުރެވޭ ފަދަ ބަޔާނެއް ހޯދުން ކަމަށެވެ. އޭނާއާ ސުވާލުކުރަނީ ޕީޕީއެމް ތެރޭގައި އުފެދުނު މައްސަލަތަކުގެ ތެރެއިން ގެއްލުނު ހާޑްޑިސްކާ ގުޅޭ ގޮތުން ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ހައްޔަރުކޮށްގެން އުޅެނީ ކާކު ބްލެއިކްމެއިލް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ކަމެއް މިހާތަނަށް ފުލުހުން ސާފުކޮށްދީފައި ނުވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އޭގެ ބަދަލުގައި ސުވާލުކުރަނީ "ދައުލަތުގެ އެއްވެސް އިސް ވެރިއެއްގެ ގެއަށް ގޮސް އެ މީހަކު ދެއްކި ވާހަކަ ރެކޯޑު ކުރިންތޯ" ކަމަށް އޭނާ ވިދާޅުވި އެވެ.