މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރު ކުރީ ފަނޑިޔާރަކު ބްލެކްމެއިލް ކުރިކަމުގެ ތުހުމަތެއްގައި ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ޒައިދުލް އަމީން ހައްޔަރުކުރީ ފަނޑިޔާރަކު ދެއްކެވި ވާހަކަތަކެއް ރެކޯޑްކޮށްފައިވާ ވީޑިއޯއެއް އުޅޭ ކަމަށް ބައެއް މީހުން ކައިރީ އޭނާ ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. އެކަމަކު އެ ވީޑިއޯގެ ހަގީގަތެއް "މިހާރު" އަށް އެނގިފައެއް ނުވެ އެވެ.

މި މައްސަލާގައި ފުލުހުންނާއި ޒައިދުލް އަމީންގެ ވަކީލް އަހުމަދު މަހްފޫޒް ވެސް އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ފުލުހުން ހަމައެކަނި ބުނީ ޒައިދުލް އަމީން ހައްޔަރުކުރީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

ޒައިދުލް އަމީން ރޭ ވަނީ ގޭބަންދަށް ބަދަލުކޮށްފަ އެވެ. އަދި އޭނާގެ ފޯނު ވެސް ފުލުހުން ވަނީ އަތުލައިފަ އެވެ. އޭގެ އިތުރުން ކޯޓު އަމުރެއްގެ ދަށުން ތިން މަސްދުވަހުގެ މުއްދަތަށް ޕާސްޕޯޓް ވެސް ހިފަހައްޓާފައިވާ ކަމަށް ވަކީލް މަހްފޫޒް ވިދާޅުވި އެވެ.

ޒައިދުލް އަމީން ގޭ ބަންދަށް ބަދަލުކުރިއިރު، އޭނާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ވަނީ ދެ ފަހަރެއްގެ މަތިން ޖަހައިފަ އެވެ. އެންމެ ފަހުން އޭނާގެ ބަންދަށް 15 ދުވަސް ޖެހީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ. އޭނާ ހައްޔަރުކުރީ ޖެނުއަރީ 12 ވަނަ ދުވަހުގަ އެވެ. އަދި ޖެނުއަރީ 13 ގައި ފުރަތަމަ ފަހަރަށް 15 ދުވަހަށް ބަންދުގެ މުއްދަތު ޖަހައި ދޫނިދޫ ޑިޓެންޝަން ސެންޓަރުގައި ބެހެއްޓި އެވެ.

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނާ ދެ ބޭފުޅުންގެ މެދުގައި އުފެދުނު ކޯޅުމުގެ ތެރެއިން، ޒައިދުލް އަމީން ޖެހިވަޑައިގެންފައި ވަނީ މައުމޫންގެ ފަޅިއަށެވެ.