ރާއްޖޭގެ 55 ރަށެއްގެ ކައުންސިލް އިދާރާގެ އާ އިމާރާތް އެޅުމަށް ސަރުކާރުން ހަވާލުކުރި މަޝްރޫއުގެ ދަށުން ނިމިފައިވާ އޮފީސްތައް އަންނަ މަހުން ފެށިގެން ސަރުކާރާ ހަވާލު ކުރަމުން ގެންދާނެ ކަމަށް އެ މަސައްކަތާ ހަވާލުވި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އިން މިއަދު ބުނެފި އެވެ.
ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން 55 ރަށެއްގައި ކައުންސިލް އިދާރާތައް އިމާރާތް ކޮށްދޭން ރާއްޖޭގައި އެންމެ ކާމިޔާބު އެއް ކުންފުނި އާރުސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮގަސްޓް 16 ވަނަ ދުވަހު އެވެ. އިމާރާތްތަކުގެ އިތުރުން އެ ތަނަށް ބޭނުންވާ ހުރިހާ ސާމާނެއް ހިމެނޭ ގޮތަށް [ފަރުނީޗަރުތަކާއި އޭސީ ހަރުކުރުން] އެ ޕްރޮޖްކެޓުގެ އަގަކީ 631 މިލިއަން ރުފިޔާ އެވެ. އެއްބަސްވުމުގައިވާ ގޮތުން އެ އިމާރާތްތައް އެޅުމުގެ މަސައްކަތް ނިމުމުން ފަސް އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން އެ ފައިސާ އާރުސީސީއަށް ދައްކަން ޖެހެ އެވެ.
އާރުސީސީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، މިހާރު ވަރަށް ގިނަ އިމާރާތްތައް ނިމިފައިވާ ކަމަށާއި ސަރުކާރާ ހަވާލުކުރުމުގެ މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ފަށާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ފުރަތަމަ ހަވާލު ކުރާނީ ޓައިޕް A އާއި ޓައިޕް Bގެ އިމާރާތްތަކެވެ.
"ޓައިޕް A ގެ އިމާރާތްތައް ސަރުކާރާ ހަވާލުކުރުން ޑިސެމްބަރުމަހުގެ ނިޔަލަށް ނިންމާލާނެ. ޓައިޕް A އާއި ޓައިޕް B އަދި ޓައިޕް Cއާ އެކު ހުރިހާ އިމާރާތްތައް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް އަޅުގަނޑުމެން ސަރުކާރާ ހަވާލު ކުރާނަން،" އާރުސީސީގެ އޮފިޝަލް ވިދާޅުވި އެވެ.
ޓައިޕް A ގައި ހިމެނެނީ ފުރަތަމަ ފްލޯގެ އިމާރާތްތައް އެކަންޏެވެ. ޓައިޕް B އަކީ ދެ ފްލޯ އަށް ހަދާ ތަންތަނެވެ. ޓައިޕް C ގައި ހިމެނޭނީ ތިން ފްލޯގެ އިމާރާތްތަކެވެ.
"ކައުސިލްތަކުގެ މުވައްޒަފުން ވަދެ މަސައްކަތް ވަގުތުން ފެށޭ ވަރަށް އެ ތަންތަން ހަދާފައި ހުންނާނީ. ސަރުކާރުން ދިން ޑިޒައިންތަކަށް ފެތޭ ގޮތަށް އިމާރާތްތައް ހަދާފައި ހުންނާނީ،" އޮފިޝަލް ވިދާޅުވި އެވެ.
އާ ކައުންސިލް އިދާރާތައް އިމާރާތް ކުރުން އާރުސީސީއާ ހަވާލުކުރީ ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި އެ ކުންފުނި ހިމެނޭ ގޮތަށް، ހަތަރު ކުންފުންޏެއްގެ ޕްރޮޕޯޒަލް އިކޮނޮމިކް ކައުންސިލުން ވެސް ދިރާސާ ކުރުމަށް ފަހު އެވެ. އެންމެ ކުޑަ އަގެއް ހުށަހެޅީ އާރުސީސީން ކަމަށް ވާތީ އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ ކަމަށް ސަރުކާރުން ބުނެފައި ވެ އެވެ.
ރަށްރަށުގައި އާ ކައުންސިލް އޮފީސްތައް އިމާރާތް ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވި ކަމަކަށް ވާތީ އެ ކަމަށް ހާއްސަ ސަމާލުކަމެއް ދީފައިވާނެ ކަމަށް ސަރުކާރުން ބުނެފައި ވެ އެވެ.