ފުވައްމުލަކު ކައުންސިލްތަކުގައި ހުރި މުދާ ގެންދަން އުޅުމުން މައްސަލަ ހޫނުވެއްޖެ!

ފުވައްމުލަކު އަށް އަވަށުގައި ހިންގި ކައުންސިލް އިދާރާތަކުގައި ހުރި މުދަލާއި ލިޔެކިޔުންތައް ހައުސިން މިނިސްޓްރީގެ ޓީމަކުން ގެންދަން އުޅުމުން އެކަމަށް ކައުންސިލަރުން ހުރަސްއަޅައި މައްސަލަ ހޫނުވެއްޖެ އެވެ.


ފުވައްމުލަކުގައި ސިޓީ ކައުންސިލް ނުއުފައްދަނީސް އެ ރަށުގެ އަށް އަވަށުގައި އަށް ކައުންސިލް ހިންގި އެވެ. އެކަމަކު ފުވައްމުލައް، ސިޓީއަކަށް ބަދަލުކުރުމުން އެ ރަށުގައި މިހާރު ޖުމްލަ ތިބޭނީ ތިން ދާއިރާއަކުން އިންތިޚާބުކުރި ތިން ކައުންސިލަރުންނެވެ.

ހޯދަޑު ކައުންސިލްގެ ރައީސް އަބްދުﷲ ނާސިރު މިއަދު ވިދާޅުވީ އެ ރަށަށް ވަޑައިގެން އުޅުއްވާ ހައުސިން މިނިސްޓްރީގެ ޓީމުން ބޭނުންވީ ކައުންސިލްތަކުގައި ހުރި މުދަލާއި ލިޔެކިޔުންތައް ގެންދިއުމަށް ކަމަށެވެ. ކައުންސިލްތަކުގައި ހުރި މުދާ ބަންދުކޮށް، ލިޔެކިޔުންތައް ހަވާލުކޮށްދިނުމަށް އެ ޓީމުން އެދުނު ނަމަވެސް މުދާތައް އެ މީހުންނާ ހަވާލުކުރަން ޖެހޭ ކަމުގެ އެއްވެސް ލިޔެކިޔުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"މުދަލާއި ލިޔެކިޔުން ހަވާލުކުރާށޭ ބުންޏަސް އެގޮތަށް އެކަމެއް ނުކުރެވޭނެ. މުދަލާއި ލިޔެކިޔުން ހަވާލުކުރެވޭނެ ގޮތްތައް ގާނޫނުގައި ކަނޑައަޅާފައި އޮވޭ. ފިނޭންސް މިނިސްޓްރީ ނުވަތަ ހައުސިން މިނިސްޓްރީ އަދި އެލްޖީއޭގެ ލިޔުމެއް ވެސް ނުދައްކައި މުދާ ހަވާލުކުރަން އެންގީ. އެހެންވެ މުދާ ހަވާލެއް ނުކުރޭ ކައުންސިލްތަކުން،،" އޭނާ ވިދާޅުވި އެވެ.

މި މައްސަލާގައި ހައުސިން މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.

މާލެ އާއި އައްޑޫޫ ސިޓީ ކައުންސިލެކޭ އެއްގޮތަށް ފުވައްމުލަކު ސިޓީ ކައުންސިލަށް ގާނޫނުން ލިބިދީފައިވާ ބާރުތައް ރައީސް އަބްދުﷲ ޔާމީން ވަނީ ނަންގަވައިފަ އެވެ.

ނާސިރު ވިދާޅުވި ގޮތުގައި ސަރުކާރުގެ ވިސްނުން ހުރީ ކައުންސިލާ ނުބައްސައި، ފުވައްމުލަކުގައި ހައުސިން މިނިސްޓްރީގެ ތިން ޔުނިޓް ގައިމްކޮށްގެން ހިދުމަތްތައް ދިނުމަށެވެ. ކައުންސިލަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި އެ ރަށުގައި ޔުނިޓްތައް ގާއިމްކުރާނެ ވާހަކަ ހައުސިން މިނިސްޓްރީގެ ޓީމުގެ ބޭފުޅުން ވިދާޅުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންތިހާބުވި ކައުންސިލަރުންނަށް އެއްވެސް އެއްޗެއް، މިވާނުވާއެއް، ސަރުކާރުން ހަދަން މިއުޅޭ ގޮތެއް ނޭނގޭ،" އޭނާ ވިދާޅުވި އެވެ.

ފުވައްމުލަކު ކައުންސިލްގެ އިންތިޚާބު ވެސް އަނެއް ދެ ސިޓީ ކައުންސިލެކޭ އެއްގޮތަށް ކާމިޔާބުކޮށް އަޣުލަބިއްޔަތު ނެގީ އިދިކޮޅު އެމްޑީޕީންނެވެ.

ކައުންސިލްތަކުގެ މުދާ ގެންދަން ހުރަސްއެޅުމުން މިހާރު އެކަން ހުއްޓިފައިވާ ކަމަށް ވެސް ނާސިރު ވިދާޅުވި އެވެ.