ގަތަރުގެ ދޯހާގައި ބާއްވާ ސިއްހަތާ ގުޅޭ ސަމިޓެއްގައި ބައިވެރިވެވަޑައިގަތުމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިރޭ ފުރާވަޑައިގެންފި އެވެ.

ވޯލްޑް އިނޮވޭޝަން ސަމިޓް ފޯ ހެލްތު (ވިޝް 8) ގެ 8 ވަނަ ބައްދަލުވުމުގައި ރާއްޖޭގެ ފަސްޓް ލޭޑީ ބައިވެރިވެވަޑައިގަންނަވަނީ ރައީސް އޮފީހުން ބުނި ގޮތުގައި ގަތަރު ފައުންޑޭޝަންގެ ޗެއާޕާސަން މޫޒާ ބިންތު ނާސިރުގެ ރަސްމީ ދައުވަތަކަށެވެ.

"ގްލޯބަލް ހެލްތު ބިޔޯންޑް 2030: އިމާޖިން ހެލްތު ޗެލެންޖަސް، ކޯޕަރޭޝަން، އެންޑް ދަ ރޯލް އޮފް މިޑްލް ޕަވާސް" ގެ ނަމުގައި ވިޝް 8 ސަމިޓްގެ ތެރެއިން ބާއްވާ މަތީ ފަންތީގެ ބައްދަލުވުމުގައި ފަސްޓް ލޭޑީ ސާޖިދާ ވާހަކަފުޅު ދައްކަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

"މީގެ އިތުރުން، ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާ އިއްޒަތްތެރިންނާ އެކަމަނާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.

ގަތަރު ފައުންޑޭޝަނުން އިންތިޒާމު ކޮށްގެން ބާއްވާ ވިޝް ސަމިޓުގެ ބޭނުމަކީ، ސިއްހީ ދާއިރާގެ ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި އައު އީޖާދުތައް ކުރާ ފަރާތްތަކާއި އިލްމުވެރިންނާއި އިސްވެރިން އެއްތަނަކުން ބައްދަލުކުރައްވައި، ސިއްހީ ދާއިރާއަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި އަމަލީގޮތުން ތަންފީޒު ކުރެވޭނެ ސިޔާސަތުތައް އެކުލަވައިލުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.