ހަރުދަނާ ސިއްހީ ނިޒާމެއްގެ ވެސް މައިގަނޑު އަސާސަކީ ރައްކާތެރި، ފެންވަރު ރަނގަޅު ބޭހާ މެދު އާންމުންގެ މެދުގައި އޮންނަ ޔަގީންކަމާއި، ކުރާ އިތުބާރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ. 

ފަސްޓް ލޭޑީ މިއަދު ވަނީ އިސްލާމްއާބާދުގައި ހުންނަ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީ އޮފް ޕާކިސްތާން (ޑްރެޕް) އަށް ޒިޔާރަތް ކުރައްވައި، އެ އިދާރާގެ އިސްވެރިންނާއި މުވައްޒަފުންނާ މުހާތަބުކުރައްވައި ވާހަކަ ދައްކަވައިފަ އެވެ. 

ޕާކިސްތާނަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ހަވާސާގައި ކުރިއަށްދިޔަ މި އިވެންޓުގައި ސާޖިދާ ވިދާޅުވީ ރައްކާތެރި އަދި ފެންވަރު ރަނގަޅު ބޭސް މެދުނުކެނޑި ލިބޭނެ މަގު ފަހިކުރުމަކީ ދިވެހިރާއްޖެ ފަދަ، ރަށްތައް ވަކިވަކިން އޮންނަ ޖަޒީރާ ގައުމަކުން، ގައުމީ ފެންވަރުގައި އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތައް ކަމަށެވެ.

އަދި މި އިތުބާރު ދެމެހެއްޓޭނީ ހަރުދަނާ ސައިންޓިފިކް މިންގަނޑުތަކާއި، ވަރުގަދަ ރެގިއުލޭޓަރީ އިދާރާތަކާއި، ބިނާކުރަނިވި ބައިނަލްއަގުވާމީ އެއްބާރުލުމުގެ ތެރެއިންކަން ވެސް ސާޖިދާ ފާހަގަކުރެއްވި އެވެ.

ސިއްހީ ދާއިރާގެ ހިދުމަތުގައި ގިނަ އަހަރުތަކެއް ހޭދަކުރެއްވި ސާޖިދާ ވަނީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ޕާކިސްތާނުން ވެދެއްވާ އެހީތެރިކަމަށް، ހާއްސަކޮށް ޕާކިސްތާނުގެ ސިއްހީ މާހިރުން ރާއްޖޭގައި މަސައްކަތްކުރެއްވުމާއި، ދިވެހި ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ހިދުމަތްތެރިން ތަމްރީނުކުރުމުގައި ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ދެ ގައުމުގެ މެދުގައި މިއަދު ސޮއިކުރި މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އޮން ހެލްތު ކޯޕަރޭޝަނަކީ ކުރިއަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ވެސް ސާޖިދާ ވިދާޅުވި އެވެ. 

ފަސްޓް ލޭޑީ ވިދާޅުވީ މި އޮނިގަނޑުގެ ދަށުން ފަންނީ މައުލޫމާތު ބަދަލުކުރުމާއި، ގާބިލުކަން އިތުރުކުރުމާއި، ރެގިއުލޭޓަރީ ދާއިރާގެ އެންމެ ރަނގަޅު އުސޫލުތައް ހިއްސާކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި މި ގުޅުމުގެ ހަގީގީ އަގު ވަޒަންކުރެވޭނީ ހަރުދަނާ ސިއްހީ ނިޒާމެއްގެ ތެރެއިން، ރައްޔިތުންގެ ދިރިއުޅުމަށް އަންނަ ހެޔޮ ބަދަލުތަކުން ކަމަށް އެކަމަނާ ވިދާޅުވި އެވެ. 

ޑްރެޕްއަށް ޒިޔާރަތްކުރެއްވުމުގެ ކުރިން، ސާޖިދާ ވަނީ އިސްލާމްއާބާދުގައި ހުންނަ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތަށް ޒިޔާރަތްކުރައްވައި، އެތަން ބައްލަވާލައްވައިފަ އެވެ.