ރާއްޖޭގައި ޕާކިސްތާނުން މެޑިކަލް ކޮލެޖެއް ގާއިމުކޮށްދޭނެ ކަން އެ ގައުމުގެ ބޮޑުވަޒީރު ނަވާޒު ޝަރީފް އިއްޔެ އިއުލާން ކުރައްވައިފި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ދައުވަތަކަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ނަވާޒު ޝަރީފް، ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވީ މެޑިކަލް ކޮލެޖެއްގެ އިތުރުން، ސިއްހީ ދާއިރާ އާއި އިންޖިނިއަރިން އާއި ފާމަސީ އަދި ޑެންޓިސްޓު ހިމެނޭ ގޮތަށް ޕާކިސްތާނުގައި މަތީ ތައުލީމް ހާސިލް ކުރުމަށް ދިވެހި ދަރިވަރުންނަށް ސްކޮލަޝިޕްގެ ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމަށެވެ.
ރާއްޖެ އާއި ޕާކިސްތާނުން އިއްޔެ ވަނީ ހަ ދާއިރާއަކުން ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފަ އެވެ.
ސޮއި ކުރި ދާއިރާތައް
- ޓޫރިޒަމް ދާއިރާ
- މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށި ހިމާޔަތް ކުރުމަށް
- ރާއްޖޭގެ ގައުމީ ޔުނިވަސިޓީ އާއި ޕާކިސްތާނުގެ ވާޗުއަލް ޔުނިވަސިޓީއާ ގުޅުން ބަދަހި ކުރުމަށް
- ރާއްޖެ އާއި ޕާކިސްތާނުގެ ޖޮއިންޓް ބިޒްނަސް ކައުންސިލްގެ ކަންކަމާ ގުޅޭގޮތުން ގުޅުން ބަދަހި ކުރުމަށް
- ރާއްޖޭގެ ސިވިލް ސާވިސް ކޮމިޝަނާއި ޕާކިސްތާނުގެ ނޭޝަނަލް ސްކޫލް އޮފް ޕަބްލިކް ޕޮލިސީއާ ދެމެދު ގުޅުން ބަދަހި ކުރުމަށް
- ރާއްޖޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓާއި ޕާކިސްތާނުގެ ފޮރިން ސާވިސް އެކަޑަމީއާ ދެމެދު ގުޅުން ބަދަހިކުރުމށް
މިއިން ކޮންމެ އެއްބަސްވުމެއްގައި ވެސް ދެ ގައުމުގެ ފަރާތުން ވެސް ސޮއިކުރައްވާފައި ވަނީ އެކަމާ ގުޅޭ ދާއިރާއެއްގެ އެންމެ އިސްވެރިންނެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ވިދާޅުވީ ރާއްޖެއާ އެ ގައުމާ ދެމެދުގައިވާ ޒަމާންވީ ގުޅުން ކުރިމަގުގައި ތަފާތު ދާއިރާތަކުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި ވިޔަފާރި އާއި ފަތުރުވެރިކަމާއި ތަޢުލީމާއި ދެ ގައުމުގެ ރައްޔިތުންގެ މެދުގައިވާ ދޭދޭ ގުޅުން ވެސް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.