މިނިވަން ދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމަށް ރާއްޖެ ވަޑައިގެންނެވި ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ދެކަނބަލުން މިއަދު ފުރާވަޑައިގެންފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ނަވާޒް ޝަރީފްގެ ދެކަނބަލުންނަށް އަލްވަދާއު ދެންނެވީ ރައީސް ޔާމީންގެ ދެކަނބަލުންނެވެ.
ނަވާޒް ޝަރީފްގެ ދެކަނބަލުން ވަނީ މިނިވަން ދުވަހުގެ މުނާސަބަތުގައި ރޭ ގަލޮޅު ދަނޑުގައި ބޭއްވި ކުޅިވަރުތައް ބައްލަވާލައްވައިފަ އެވެ.
ނަވާޒް ޝަރީފް މިދިޔަ އަންގާރަ ދުވަހު ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބާއްވައިފަ އެވެ. އަދި ދެ ގައުމުން އެއްބާރުލުން ދިނުމާ ގުޅޭ ހަ އެއްބަސްވުމެއްގައި މި ދަތުރުފުޅުގައި ސޮއިކުރެއްވި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް ޔާމީނާއި ނަވާޒް ޝަރީފް މަޝްވަރާ ކުރެއްވި ކަންތައްތަކުގެ ތެރޭގައި އިގްތިސާދާއި ތައުލީމާއި ސިއްހަތާއި ފަތުރުވެރިކަމާއި ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ވަރުގަދަ ކުރުން ހިމެނެ އެވެ. އަދި ބައިނަލްއަގްވާމީ ގޮތުންނާއި ސަރަހައްދީ ގޮތުން ދެ ގައުމަށް މުހިންމު އެކިއެކި ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.
މީގެ އިތުރުން ރާއްޖެ އާއި ޕާކިސްތާނާ ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ބެހޭ ހަ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ. އަދި ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދެކަނބަލުންގެ ޝަރަފުގައި، ރައީސް ޔާމީންގެ ދެކަނބަލުން ރަސްމީ ޖާފަތެއް ވަނީ ބާއްވައިފަ އެވެ.