ރާއްޖޭގައި ހުންނަވައި ނަވާޒް ޝަރީފުގެ ބަހުގެ ހަމަލާތައް އިންޑިއާ އަށް!

ސާކް ސަމިޓް މިދިޔަ އަހަރު ޕާކިސްތާނުގައި ނުބޭއްވުނީ އިންޑިއާ އިން ހުރަސްއެޅުން ކަަމަށް ވިދާޅުވެ، މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް އިންޑިއާ އަށް ވަރަށް ބޮޑަށް އިއްޔެ ފާޑުވިދާޅުވެއްޖެ އެވެ.


މިއަދު ފާހަގަކުރާ ރާއްޖޭގެ މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވަން ރައީސް އަބްދުﷲ ޔާމީންގެ ދައުވަތަކަށް ރާއްޖެ ވަޑައިގެން، ދެ ގައުމުގެ ރަސްމީ ވާހަކަތަކަށް ފަހު، ނަވާޒް ޝަރީފް އިންޑިއާ އަށް ފާޑުވިދާޅުވީ، ރާއްޖެ އާއި އިންޑިއާގެ ސިޔާސީ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ.

ރާއްޖެ އާއި ޕާކިސްތާނުގެ ޒަމާންވީ ގުޅުން އަދިވެސް އޮތީ ބަދަހިކޮށް ކަމަށް ވިދާޅުވެ، ރައީސް އޮފީހުގައި ދެއްވި ބަޔާންގައި ނަވާޒް ޝަރީފް ވިދާޅުވީ އިންޑިއާ އިން އަމަލުކުރަމުން ދަނީ ސާކުގެ ޗާޓަރުގެ ރޫހާ ޚިލާފަށް ކަމަށެވެ. ޕާކިސްތާނުގެ އިސްލާމްއާބާދުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބާއްވަން އުޅުނު 19 ވަނަ ސާކް ސަމިޓް ނުބޭއްވުނީ ވެސް އިންޑިއާއާ ހެދި ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ވިދާޅުވި އެވެ.

"މީގެ ކުރިން ވެސް ހަތަރު ފަހަރެއްގެ މަތިން އިންޑިއާ އިން ވަނީ މިގޮތަށް އަމަލުކޮށްފައި،" އެމަނިކުފާނު ވިދާޅުވި

އެވެ.

މިނިވަން ދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ރާއްޖެ ވަޑައިގަތުމަށްފަހު ރައީސް އޮފީހުގައި ރައީސް އަބްދުﷲ ޔާމީނާއި ދެރައީސުން މީޑިއާއާއި މުހާތަބުކޮށް ވާހަކަދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު /މިހާރު

އިންޑިއާ އަށް ނުރުހުން އަމާޒުކުރެއްވުމަށް ފަހު، ޕާކިސްތާނުގައި ސާކް ސަމިޓް ބާއްވަން ރައީސް ޔާމީން ދެއްވާ އެއްބާރުލުން ފާހަގަކުރައްވައި، އެމަނިކުފާނަށް ނަވާޒް ޝަރީފް ޝުކުރު އަދާކުރެއްވި އެވެ.

ރައީސް ޔާމީނާ އެކު އިއްޔެ ބޭއްވެވި ވާހަކަތަކުގައި، ކަޝްމީރުގައި އިންޑިއާ ސިފައިން ހިންގަމުންދާ ލާއިންސާނީ އަނިޔާތަކާ ގުޅޭގޮތުން ވެސް ރައީސް ޔާމީނާ ހިޔާލު ބަދަލުކުރެއްވި ކަން ނަވާޒް ފާހަގަކުރެއްވި އެވެ.

ސަރަހައްދީ އަށް ގައުމު ހިމެނޭ ޖަމާއަތުގެ ބައްދަލުވުން އިންޑިއާ އިން މިދިޔަ އަހަރު ބޮއިކޮޓްކުރީ ކަޝްމީރުގެ މައްސަލައިގައި އިންޑިއާ އާއި ޕާކިސްތާނުގެ ހަމަނުޖެހުން ބޮޑުވެފައި ވަނިކޮށެވެ. އިންޑިއާ އިން އޭރު ބުނެފައި ވަނީ ސާކް ސަމިޓުގައި އެ ގައުމުން ބައިވެރިވާފަދަ ފަހި މާހައުލެއް ނެތް ކަމަށެވެ.

ޕާކިސްތާނުގައި ނޮވެމްބަރު 9-10 އަށް ބާއްވަން ހަމަޖައްސާފައި އޮތް ސާކް ސަމިޓު އިންޑިއާ އިން ބޮއިކޮޓް ކުރުމުން، ހަތަރު ގައުމަކުން ވަނީ ބައިވެރިވެރި ނުވާނެ ކަމަށް ބުނެ އެވެ. ސާކް ސަމިޓް ބޮއިކޮޓް ކުރި ގައުމުތަކުގެ ތެރޭގައި އިންޑިއާގެ އިތުރުން، އަފްގާނިސްތާނާއި ބަންގްލަދޭޝް އަދި ބޫޓާން ހިމެނެ އެވެ.

އޭރު ރާއްޖޭގެ ނިންމުން އިއުލާނެއް ނުކޮށް ސާކް ސަމިޓް ބޭއްވޭނެ ފަދަ މާހައުލެއް ގާއިމްކޮށް ދިނުމަށް މެމްބަރު ގައުމުތަކުގެ ކިބައިން ރާއްޖޭން އެދުނެވެ.

ސާކުގެ މެމްބަރު އަށް ގައުމުގެ ތެރޭން އެންމެ ގައުމަކުން ސަމިޓުގައި ބައިވެރި ނުވިޔަސް އޮޓޮމެޓިކުން ސަމިޓް ފަސްކޮށް ނުވަތަ ކެންސަލް ވާނެ އެވެ.