ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް އިއްޔެ ރައީސް އަބްދުﷲ ޔާމީނާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި އިންޑިއާއަށް ފާޑު ވިދާޅުވިއިރު ހިމޭނުން ހުންނެވުމުން އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ރައީސް ޔާމީނާ އެކު ކުރިޔަށް ގެންދެވި ނޫސްކޮންފަރެންސްގައި އިންޑިއާއަކީ ސާކަށް އޮތް ނުރައްކަލެއް ކަމަށް ދޭހަވާ ގޮތަށް ބޮޑުވަޒީރު ނަވާޒް ވާހަކަދެއްކެވިއިރު ރައީސް ހިމޭނުން ހުންނެވުމުން ދޭހަކޮށްދެނީ ދެ ގައުމުގެ ވިސްނުން އެއްގޮތްކަން ކަމަށެވެ.
ނަވާޒް ޝަރީފް އިއްޔެ ރާއްޖެ ވަޑައިގެންނެވީ މިނިވަން ދުވަހުގެ ރަސްމީ އިހުތިފާލްތައް ޝަރަފްވެރިކޮށްދެއްވުމުގެ ގޮތުންނެވެ.
އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ އެ ނޫސްކޮންފަރެންސްގައި ރާއްޖެއިން ސާކްގެ ކަންތައްތަކާ މެދު ދެކެވަޑައިގަންނަވާ ގޮތް ރައީސް ޔާމީން ހާމަނުކުރެއްވުމުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އަދި ނަވާޒް ޝަރީފް ދެއްކެވި ވާހަކަތަކާ ގުޅިގެން ރާއްޖޭގެ ވިސްނުން ހާމަކޮށްނުދެއްވުމުން ދޭހަކޮށްދެނީ ރާއްޖެ އާއި ޕާކިސްތާނުގެ ވިސްނުން އެއްގޮތްކަން ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
އެ ނޫސްބަޔާނުގައި ބުނެފައި ވަނީ ދިވެހި ސަރުކާރުން ގެންގުޅޭ ހާރިޖީ ސިޔާސަތުގެ ސަބަބުން ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖޭގެ އަގު ވަރަށް ބޮޑަށް ވެއްޓިފައިވާ ކަމަށެވެ. އަދި އެ ސިޔާސަތުގެ ސަބަބުން ރާއްޖޭގެ އެކުވެރި ދައުލަތްތަކާ ދެމެދު އޮތް ޒަމާންވީ ގުޅުން ކެނޑި ރާއްޖޭ އެކަހެރިވަމުން އަންނަ ކަމަށް ވެސް އެމްޑީޕީން ބުނެފައިވެ އެވެ.
އެ ނޫސްބަޔާނުގައި ނޮވެމްބަރު 3، 1988ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާއިން ސަލާމަތްވުމަށް އިންޑިއާ ސަރުކާރުން ދިން އެހީތެރިކަން ފާހަގަކޮށްފައިވެ އެވެ.