ކޮވިޑް-19 ޖެހުނު ވިޔަފާރިވެރިޔާ ރާއްޖެ އައީ ދުބާއީ އަށް ގޮސް ޕާކިސްތާނުގައި ހުރެފައި

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން، ހާލު ބޮޑުވެގެން ދަރުމަވަންތަ ހޮސްޕިޓަލްގެ "ޑީއެޗް11" އައިސީޔޫގައި ފަރުވާ ދެމުން އަންނަ ޕާކިސްތާންގެ އުމުރުން 48 އަަހަރުގެ މީހާ ރާއްޖެ އަަށް އައީ ދުބާއީ އަށް ދިއުމަށް ފަހު ޕާކިސްތާނުގައި ހުރެފައި ކަމަށް އޭނާގެ ކުންފުނީގެ މީހަކު ބުނެފި އެވެ.


އެކަމަކު ޕާކިސްތާނު މީހާގެ ކިބައިން ފެނުނު އާ އަލާމާތްތަކާ އެކު، އެކޭސް އާ ގުޅުވައިގެން، ގަލްފް އެކްސްޕޯ އަށް ދިޔަ މީހުން ހެލްތު ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ) އަށް ރިޕޯޓް ކުރަން އެޗްޕީއޭ އިން ވަނީ އެދިފަ އެވެ. އެޗްޕީއޭ އިން އެގޮތަށް އެދުނީ ތަރުކާރީ އާއި މޭވާގެ ވިޔަފާރިކުރާ ރާއްޖޭގެ ކުންފުންޏެއްގައި ހިއްސާ އޮންނަ އެ މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްކަން އެނގުނު އިރު ވެސް އޭނާ އަށް ނިއުމޯނިއާ ޖެހިފައި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވާކަން އޭނާގެ މެޑިކަލް ރިޕޯޓްތަކުން ދައްކާތީ އެވެ.

ޕާކިސްތާނު މިހާ ހިއްސާވާ ކުންފުނީގެ އިސް މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި މިދިޔަ ފެބްރުއަރީ 16-20 އަށް ދުބާއީގައި އޮތް "ގަލްފް ފުޑް އެކްސްޕޯ" އަށް ދިއުމަށް ފަހު ޕާކިސްތާން މީހާ ރާއްޖެ އަށް ނައިސް ފުރަތަމަ ދިޔައީ ޕާކިސްތާނަށެވެ. އެ ގައުމުގައި އުޅުމަށް ފަހު އޭނާ ރާއްޖެ އަށް އެނބުރި އައީ މާޗް، 9 އެއްގައި ކަމަށް އޭނާ ބުންޏެވެ.

"އޭރު އައި އިރު އެހާ ބަލިވެއެއް ނޫން އުޅުނީ. ސައިނަސް މައްސަލައެއް ޖެހިގެން އުޅޭ ކަމަށް އޭރު ބުނީ،" ކުންފުނިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އާއްމު ގޮތެއްގައި ސިއްހީ ދުޅަހެޔޮ އާދަތަކެއް ގެންގުޅޭ، އަދި ދިރިއުޅުމުގެ ފެންވަރު ވެސް ރަނގަޅު އެ މީހާ ބޮޑަށް ބަލިވެގެން ފުރަތަމަ އޭޑީކޭ ހޮސްޕިޓަލަށް ދެއްކީ މި މަހުގެ 15 ގައި މާލެ ލޮކްޑައުން ކުރި ފަހުންނެވެ. އޭޑީކޭ އިން ފަރުވާ ހޯދުމަށް ފަހުގައި ވެސް މާބޮޑު ކުރި އެރުމެއް ނުލިބުމުން ދެން އޭނާ ދެއްކީ ހުޅުމާލޭގެ ޓްރީޓޮޕް ހޮސްޕިޓަލަށް ކަމަށާއި އޭނާ އަށް ނިއުމޯނިއާ ޖެހިފައިވާ ކަމަށް އެ ހޮސްޕިޓަލްގެ ރިޕޯޓްތަކުން ދެއްކި ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުންޏެވެ.

"ކޮވިޑަށް ޝައްކު ނުކުރެވޭ ކަމަށް ވެސް އެ ހޮސްޕިޓަލުން [ޓްރީޓޮޕް ހޮސްޕިޓަލުން] ބުނި. ދެން ވެސް ގޭގައި ހުއްޓާ މާބޮޑަށް ބަލިވެ، ނޭވާލާން އުނދަގޫ ވުމުން ދިޔައީ އައިޖީއެމްއެޗަށް،" އޭނާ ބުންޏެވެ.

އޭނާ ކޮވިޑް-19 އަށް ޓެސްޓްކޮށް އެ ބައްޔަށް ޕޮޒިޓިވްކަން އެގުނީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށެެވެ. އެ ހިސާބުން އޭނާގެ ކޮންޓެކްޓުން ވެސް ހޯދައި މިހާރު ވަނީ އައިސޮލޭޭޓް ކޮށްފަ އެވެ.

ޕާކިސްތާންގެ މި ވިޔަފާރިވެރިޔާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ.

އެކަމަކު ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބޭއްވި ޕްރެސް ބްރީފިންގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވި ގޮތުގައި މާލޭގެ ކޮވިޑް ކްލަސްޓާތަކުގެ ތެރެއިން ބާޒާރުމަތީ ކްލަސްޓާ ދުބާއީ އެކްސްޕޯއާ ގުޅިފައި ވުމަކީ އެކަށީގެންވާ ކަމެކެވެ.

"ވަރަށް އެކަށީގެންވާ ކަމެއް އިނގޭތޯ. އަޅުގަނޑުމެންނަކަށް ޔަގީނާ ގާތަކަށް ނުބުނެވޭނެ އެހެން ނަމަވެސް އެ ޕޮޒިބިލިޓީ އެބަ އޮތް. އެއީ އެ ކްލަސްޓާއިން އައި ބަޔަކީ ވިޔަފާރިވެރިން ކަމަށް ވާތީ،" އޭނާ ވިދާޅުވި އެވެ.