ވ. ތިނަދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި ޒީނާ އަހްމަދު ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ސޮއިކުރައްވައިފި އެވެ.

ޒީނާ ޕީއެންސީއާ ގުޅިވަޑައިގަތުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ޕާޓީގެ ރައީސް  މުއިއްޒާއި، ޕާޓީގެ ލީޑާޝިޕާއި، ގައުމީ މަޖިލީހުގެ އިތުރުން އާއްމު މެންބަރުންގެ ނަމުގައި ޒީނާއަށް މަރުހަބާ ވިދާޅުވެފަ އެވެ.

އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ޒީނާ އެ ޕާޓީ އިހުތިޔާރު ކުރެއްވީ ރައީސް މުއިއްޒު ޕާޓީ ހިންގެވުމުގައި ގެންގުޅުއްވާ ހަރުދަނާ އުސޫލުތަކާއި ސަރުކާރުގެ ސިޔާސަތުތައް ގަބޫލުކުރައްވާތީ އެވެ.

ޕީއެންސީއަކީ ހުރިހާ އުމުރެއްގެ އަދި ހުރިހާ ފަންތިއެއްގެ ރައްޔިތުންނަށްވެސް ހުޅުވާލެވިފައިވާ ޕާޓީއެއް ކަމަށާއި، އަދި ޕާޓީގެ ތެރެއިން ކުރިއަށް ގޮސް، ކޮންމެ މެންބަރަކުވެސް ވާސިލުވާން ބޭނުންވާ ހިސާބަކަށް ވާސިލުވުމުގެ ފުރުސަތު އެ ޕާޓީގައި އޮންނާނެކަން ފާހަގަކުރައްވައި، ހިތްވަރާއެކު މަސައްކަތް ކުރުމަށް އާއްމު މެންބަރުންނަށް އަބްދުއްރަހީމް އިލްތިމާސްކުރެއްވި އެވެ.

މީގެ އިތުރުން، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުކަން އަބްދުއްރަހީމް ވަނީ ތަކުރާރުކުރައްވާފައެވެ.

"މުޅި ޕާޓީގެ ހުރިހާ ގުނަވަނެއްގެ އަމާޒު ހިފާފައި މިހުރީ 2028 ވަނަ އަހަރު ބޭއްވޭ ރިޔާސީ އިންތިހާބު ދެވަނަ ދައުރަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބުކޮށްދިނުމަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕާޓީން މިހާރު ހިންގާ ކޮންމެ ހަރަކާތެއްވެސް ފަރުމާކުރަމުންދަނީ ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ކާމިޔާބުކޮށްދިނުމުގެ އަމާޒަށް ވާސިލުވެވޭނެ ގޮތަށް ކަމަށް ވިދާޅުވެ، އެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެވަޑައިގަތުމަށް އަބްދުއްރަހީމް ވަނީ ޒީނާގެ އަރިހުން އެދިވަޑައިގެންފަ އެވެ.

ޕީއެންސީގެ ފިކުރުގައި މީގެ ކުރިން ހިންގި އެކި ޕާޓީތަކުގެ މާޒީއަށް އަލިއަޅުއްވާލައްވަމުން އަބްދުއްރަހީމް ވިދާޅުވީ، މިހާރު ރައީސް މުއިއްޒު ޕާޓީ ހިންގަވާހާ ހަރުދަނާކޮށް އަދި އިންތިޒާމުވެގެން މީގެ ކުރިން އެއްވެސް ވެރިޔަކު ޕާޓީ ހިންގަވާފައި ނުވާ ކަމަށެވެ.

އެގޮތުން ޕާޓީގެ ކަންކަން ތަރުތީބުވެގެން ހިނގާނެ އުސޫލުތައް ރައީސް މުއިއްޒު ހަމަޖައްސަވާފައިވާ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ބައި-އިލެކްޝަންގައި އަމިއްލަ ގޮތުން ވާދަކުރެއްވި، ޒީނާ އެ ގޮނދި ކާމިޔާބުކުރެއްވީ، އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ރިސްފާ ނަސީމް އާ ވާދަކުރައްވައިގެންނެވެ.