ނަޝީދު ހާޒިރު ނުކުރެވޭތީ އެމަނިކުފާނުގެ ޝަރީއަތް އަނެއްކާވެސް ކެންސަލްކޮށްފި

އިނގިރޭސިވިލާތުގެ ހިމާޔަތުގައި ރާއްޖެއިން ބޭރުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކޯޓަށް ހާޒިރު ނުކުރެވޭތީ އެމަނިކުފާނުގެ ޝަރީއަތް އަނެއްކާ ވެސް މިއަދު ކެންސަލްކޮށްފި އެވެ.


ޓެރަރިޒަމްގެ ކުށުގައި 13 އަހަރަށް ޖަލަށްލާފައި ވަނިކޮށް ބޭސްފަރުވާ އަށް އިނގިރޭސިވިލާތަށް ވަޑައިގެން އެ ގައުމުން ހިމާޔަތް ހޯއްދަވައި، ނަޝީދު މިވަގުތު ހުންނެވީ ސްރީލަންކާގަ އެވެ. ނަޝީދަށް މިފަހަރު ދައުވާކުރަނީ އެމަނިކުފާނުގެ ވެރިކަމުގައި ޖުލައި، 2010 ގައި މިހާރުގެ ރައީސް އަބްދުﷲ ޔާމީން ކ. އާރަށުގައި ބަންދުކޮށްފައި ބެހެއްޓި މައްސަލައިގަ އެވެ.

އެ މައްސަލާގައި ނަޝީދަށް ޓެރަރިޒަމްގެ ދައުވާކުރީ މި އަހަރުގެ ތެރޭގަ އެވެ. އެ މައްސަލައިގެ އަޑުއެހުމެއް ބާއްވަން ދެވަނަ ފަހަރަށް މިއަދު ތާވަލް ކުރިޔަސް އެމަނިކުފާނު ކޯޓަށް ހާޒިރު ނުކުރެވޭތީ އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ. މީގެކުރިން ތާވަލްކުރި އަޑުއެހުން ވެސް ކެންސަލްކުރީ އެމަނިކުފާނު ކޯޓަށް ހާޒިރު ނުކުރެވޭތީ އެވެ.

ގާނޫނު އަސާސީ ބުނާގޮތުން ޖިނާއީ މައްސަލަތަކުގެ ޝަރީއަތް ހިންގަން ޖެހެނީ ދައުވާލިބޭ ފަރާތުގެ ހާޒިރުގަ އެވެ.

އެ މައްސަލާގައި އޭރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލަށް ދައުވާކޮށް، އޭނާގެ ޝަރީއަތް ދަނީ ހިންގަމުންނެވެ.

ހިމާޔަތް ދޭން ކަމަށް ބުނެ ސިފައިންގެ ބެލުމުގެ ދަށުން ގާނޫނާ ޚިލާފަށް ރައީސް ޔާމީން އާރަށުގައި ބަންދުކޮށްފައި ބެހެއްޓި މައްސަލާގައި އެމަނިކުފާނަށް ބަދަލު ދޭން ސިވިލް ކޯޓުން އޮތީ ހުކުމްކޮށްފަ އެވެ. އެކަމަކު ފަހުން ވެރިކަމަށް ވަޑައިގެން ރައީސް ޔާމީން ވަނީ ބަދަލުގެ ފައިސާ ބޭނުންފުޅުނުވާ ކަމަށް ސަރުކާރަށް އަންގަވައިފަ އެވެ.

ނަޝީދަށް މިހާރު އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމަކީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ބަންދުކޮށްފައި ބެހެއްޓި މައްސަލާގައި ކުރި ދައުވާ ސާބިތުވުމުން އައިސްފައިވާ ހުކުމެކެވެ.