ނަޝީދާ ޗިޓް ހަވާލު ނުކުރެވޭތީ އެމަނިކުފާނުގެ ޝަރީއަތް މިއަދު ނުފެށުނު

މިހާރުގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް މިއަދު ފަށަން ހަމަޖެއްސި ނަމަވެސް ކޯޓަށް ހާޒިރުވުމުގެ އަމުރު ނަޝީދާ ހަވާލު ނުކުރެވޭތީ އަޑުއެހުން ކެންސަލްކޮށްފި އެވެ.


މިވަގުތު އިނގިރޭސި ވިލާތުގެ ހިމާޔަތުގައި ރާއްޖެއިން ބޭރުގައި ހުންނެވި ނަޝީދަށް ދައުވާކުރަނީ އެމަނިކުފާނުގެ ވެރިކަމުގައި ޖޫން، 2010 ގައި ރައީސް ޔާމީން ހައްޔަރުކޮށް، ކ. އާރަށުގައި ބެހެއްޓި މައްސަލައިގަ އެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު މެންދުރު ބާއްވަން ހަމަޖެއްސުމަށް ފަހު، އަޑުއެހުން ކެންސަލް ކުރީ ކޯޓަށް ހާޒިރުވުމުގެ އަމުރު ނަޝީދާ ހަވާލު ނުކުރެވޭތީ އެވެ.

ނަޝީދު މިވަގުތު ހުންނެވީ ސްރީ ލަންކާގަ އެވެ.

ގާނޫނުއަސާސީގައިވާ ގޮތުން ޖިނާއީ މައްސަލަތައް ކުރިއަށް ގެންދެވޭނީ ދައުވާލިބޭ ފަރާތުގެ ހާޒިރުގަ އެވެ.

ނަޝީދު މިހާރު ވެސް ހުންނެވީ 13 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. އެއީ އެމަނިކުފާނުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އޭރުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކޮށްގެން އާރަށުގައި ގެންގުޅުނު މައްސަލައިގަ އެވެ. ނަޝީދު އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދެވީ އެ މައްސަލާގައި އެމަނިކުފާނު ޖަލަށްލާން ހުކުމް ކޮށްފައި ވަނިކޮށް ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ފޮނުވުމުންނެވެ.

ހިމާޔަތް ދޭން ކަމަށް ބުނެ ރައީސް ޔާމީން ގަދަކަމުން އާރަށުގައި ބެހެއްޓި މައްސަލާގައި އެމަނިކުފާނަށް ބަދަލު ދޭންޖެހޭ ކަމަށް ސިވިލް ކޯޓުން އޮތީ ކުރިން ހުކުމްކޮށްފަ އެވެ. އެ މައްސަލާގައި އޭރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލަށް ވެސް ދައުލަތުން ވަނީ ދައުވާކޮށްފަ އެވެ. އެ މައްސަލައިގެ ޝަރީއަތް މިހާރު ކުރިއަށް އެބަދެ އެވެ.