ރާއްޖޭގައި ރައީސްކަން ކުރައްވާ ބޭފުޅުން ޖަލަށް ލުން ހުއްޓުމަކަށް އަންނަން އެމަނިކުފާނު ބޭނުންފުޅުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

ނަޝީދު މިގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހާއި ޕީއެސްއެމް ގުޅިގެން ގެނެސްދޭ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި، ފަސް އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން ގޭބަންދަށް ބަދަލުކުރާނީ ކޮން އިރަކުތޯ އަހައި މީހަކު ކުރި ސުވާލުގެ ޖަވާބުގަ އެވެ.

މި ވެރިކަމުގައި ޔާމީނަށް ޖަލު ހުކުމެއް އިއްވީ އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭ މަނީ ލޯންޑްރިންގެ މައްސަލައެއްގަ އެވެ.

ނަޝީދު ވިދާޅުވީ ކުށެއް ކޮށްފި ނަމަ އަދަބު ދޭން ޖެހޭނެ ކަމަށް އެންމެން ވެސް ބުނާ ކަމަށާއި އެކަމަށް އިންކާރު ނުކުރައްވާ ކަމަށެވެ. އެކަމަކު ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުންނާ ދޭތެރޭގައި ހަރުކަށިކޮށް އަމަލުކުރުމަކީ ރަނގަޅު ގޮތެއް ކަމަށް ގިނަ ރައްޔިތުން ދެކޭ ކަމަކަށް އެމަނިކުފާނަށް ގަބޫލުނުކުރެއްވޭ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް ވެރިކަން ކުރައްވާފައިވާ ވެރިންނަށް ބަލާއިރު އޭގެތެރޭގައި ހުރިހާ ރައްޔިތުން ގަޔާވާ ނުވަތަ ނަފްރަތުކުރާ ވެރިއެއް ނެތް ކަމަށާއި ކޮންމެވެސް އެއް ބަޔަކު އަބަދުވެސް ދެކޭ ގޮތް ތަފާތު ކަމަށް ވިދާޅުވި އެވެ.

"ކޮންމެވެސް ބައެއް އަބަދުވެސް ނަފްރަތުކުރާނެ، އެއް ބަޔަކު އަބަދުވެސް ވަރަށް އިހްތިރާމް ވެސް ކުރާނެ. އަޅުގަނޑު ދެކޭ ގޮތުގައި ވެރިންނާ ގުޅޭ ގޮތުން ނުވަތަ ވެރިކަން ކޮށްފައި ތިބޭ މީހުންނަށް ގާނޫނުއަސާސީގައި އެބަބުނޭ އަމަލުކުރަންވީ ގޮތްތަކެއް. އަޅުގަނޑަށް ފެންނަ ގޮތުގައި ގާނޫނުއަސާސީގައި އެ ކިޔައިދެނީ އޭގެ ރޫހް،" ނަޝީދު ވިދާޅުވި އެވެ.

ޔާމީން ވެރިކަމަށް ވަޑައިގެން އެމަނިކުފާނު ޖަލަށް ލީ ކަން ފާހަގަކުރައްވައި ވިދާޅުވީ މައުމޫންގެ ދައުރު ނިމުމުން ޖަލަށް ނުލީ އަނިޔާ ނުދޭތީ ނޫން ކަމަށެވެ. މައުމޫންގެ 30 އަހަރުގެ ދިގު ވެރިކަމަކީ ޚުދުމުހުތާރު، ފިތްކަނޑައިގެންދާ ވަރުގެ ވެރިކަމެއް ކަމަށް ނަޝީދު ރޭ ވެސް ވިދާޅުވި އެވެ.

"އެހެން ނަމަވެސް އެކަން އަޅުގަނޑު ބެލީ ތާރީޚުގެ ފަށްފުށަށް ގެންދެވި އަޅުގަނޑުމެންނަށް ހެޔޮ ގޮތުގައި ދިވެހިންނަށް ވެރިކަން ކުރަމުން ދެވޭނެ ގޮތެއް ހޯދުން. އަޅުގަނޑަށް ދުވަސްކޮޅަކު އެކަން ކުރެވުނު،" ނަޝީދު ވިދާޅުވި އެވެ.

އެކަމަކު އެމްޑީޕީގެ ވެރިކަން ބަދަލުވުމުން ރައީސްކަމާ ހަވާލުވެވަޑައިގަތް، ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު އަނެއްކާވެސް އެމަނިކުފާނު ޖަލަށް ލީ ކަމަށް ވިދާޅުވި އެވެ. ހަމަ އެގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެން ވެސް މަސައްކަތް ކުރެއްވީ އެމަނިކުފާނު ޖަލަށް ލުމަށް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ވާހަކައަކީ މިގޮތަށް މިކަން ހިނގާހާ ދުވަހަކު ހުއްޓޭކަށެއް ނެތޭ. އަޅުގަނޑު އެދެނީ ހުއްޓުމެއް އަންނަން،" ނަޝީދު ވިދާޅުވި އެވެ.