ކުޑަކުދިންނަށް އަނިޔާކޮށްގެން މަހެއްގެ ތެރޭގައި 142 މައްސަލަ!

މިދިޔަ މާޗު މަހުގެ ތެރޭގައި އެކަނި ވެސް ކުޑަކުދިންނަށް އަނިޔާކޮށްގެން 142 މައްސަލަ ޖެންޑާ މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.


އަންހެނުންނާއި ދުވަސްވީ މީހުންނާއި އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަންކަން ބަލަހައްޓާ ޖެންޑާ މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނިގޮތުގައި މިދިޔަ މަހު އެތަނަށް ޖުމްލަ ހުށަހަޅާފައިވަނީ 279 މައްސަލަ އެވެ. އަދި އޭގެ ތެރެއިން 50 ޕަސެންޓަކީ ކުޑަކުދިންނަށް އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަލަތައް ކަމަށް ބުންޏެވެ.

"ކުޑަކުދިންނަށް ކުރާ އަނިޔާގެ ތެރޭގައި އެންމެ ގިނައީ ޖިންސީ އަނިޔާ އެވެ. އެގޮތުން ޖިންސީ އަނިޔާކޮށްގެން 50 މައްސަލަ ހުށަހަޅާފައިވާއިރު އޭގެ ތެރޭން 90 ޕަސެންޓަކީ އަންހެން ކުދިންނެވެ. މީގެ އިތުރުން އިހުމާލުވުމުގެ 41 މައްސަލަ އާއި ޖިސްމާނީ އަނިޔާގެ 26 މައްސަލަ އާއި ނަފްސާނީ އަނިޔާކޮށްގެން 23 މައްސަލަ ހުށަހަޅާފައިވާއިރު ބުލީ ކުރުމުގެ މައްސަލައެއް ވެސް ހިމެނެ އެވެ.

ޖެންޑާ މިނިސްޓްރީން ވަނީ އަންހެނުންނަށް ވީތީ ކޮށްފައިވާ އަނިޔާ އާއި ގެވެށި އަނިޔާކޮށްގެން އެތަނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ވެސް ތަފްސީލު ދީފަ އެވެ. އެގޮތުން އަންހެނަކަށް ވީތީ އަނިޔާކޮށްގެން 44 މައްސަލަ ހުށަހަޅާފައިވާއިރު ޖިސްމާނީ އަނިޔާކޮށްގެން 21 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. މީގެ އިތުރުން ނަފްސާނީ އަނިޔާ ދިނުމާއި ބިރު ދެއްކުމާއި ޖިންސީ އަނިޔާކޮށްގެން ވެސް މައްސަލަތައް ހުށަހަޅާފައި ވެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިކަން ފޯރުކޮށް ނުދީގެން 11 މައްސަލަ ހުށަހަޅާފައިވާއިރު އަމިއްލަ ނަފްސަށް ގެއްލުން ދީގެން ހަ މައްސަލައެއް ހުށަހަޅާފަައިވާ ކަމަށް ޖެންޑާ މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.