ލޯންޗުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ފަޔާޒާއި ސިފައިންގެ ދެ މީހުންނަށް ހުކުމް ކުރުން މާދަމާ

ރިޔާސީ ލޯންޗް "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލި މައްސަލައާ ގުޅިގެން މާލޭ އޭރިޔާގެ ކޮމާންޑަރު ކެޕްޓަން އަހުމަދު ފަޔާޒު (ޕާޕާ) އާއި ސިފައިންގެ އިތުރު ދެ މީހަކަށް ކުރާ ދައުވާގެ ހުކުމް އިއްވުން މާދަމާ އަށް ކްރިމިނަލް ކޯޓުން ތާވަލްކޮށްފި އެވެ.


މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ފިނިފެންމާ ލޯންޗްގައި ދަތުރުކުރައްވަނިކޮށް އޭގައި އެއްޗެއް ގޮއްވާލި މައްސަލައާ ގުޅިގެން ފަޔާޒްގެ މައްޗަށް ދައުވާކުރަނީ ހާދިސާ ހިނގި ވަގުތު ފުލުހުން ތަހުގީގަށް ލޯންޗަށް އަރަން އުޅުމުން ފަޔާޒް އެކަމަށް ހުރަަސް އަޅައި އެކަން މަނާކުރި ކަމަށް ބުނެއެވެ.

ފަޔާޒާ އެކު ދައުވާލިބޭ ސިފައިންގެ ދެ މީހުން ކަމަށްވާ މޫސާ ޒަމީރާއި އަހުމަދު ތިހާމްގެ މައްޗަށް ދައުވާކުރަނީ ހާދިސާ ހިނގުމުން ލޯންޗަށް އަރައި، ހެކި ނައްތާލި ކަމަށް ބުނެ އެވެ. އެ ތިން މީހުންގެ މައްޗަށް ވެސް ކުރަނީ އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ އެވެ.

މާދަމާ މެންދުރު ހުކުމް އިއްވާ މި މައްސަލައިގެ އަޑުއެހުންތައް މިދިޔަ އަންގާރަ ދުވަހު ވަނީ ނިންމާލައިފަ އެވެ.

ފިނިފެންމާ ލޯންޗު ގޮއްވާލި މައްސަލާގައި ދައުވާ ލިބޭ އަހްމަދު ފަޔާޒް (ޕާޕާ) ކޯޓަށް ހާޒިރުކުރަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

އެ މީހުންނަށް ދައުވާކޮށްފައިވަނީ ގާނޫނުލް އުގޫބާތުގެ ދަށުން ކަމަށްވާތީ މާދަމާ އިއްވާ ހުކުމުގައި އެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައިފި ނަމަ އެ މީހުންނަށް ކަނޑައަޅާނެ އަދަބާ ބެހޭގޮތުން ދެ ފަރާތުން ވެސް މާދަމާ ބަހުސް ކުރާނެ އެވެ.

ފަޔާޒަކީ އެ ހާދިސާ ހިނގިއިރު ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕާއި ބަޑި ގުދަނުގެ ވެރިޔާގެ މަގާމުގައި ހުރި މީހާ އެވެ. އެކަމަކު އެ ހާދިސާއަށް ފަހު ސިފައިންގޭގައި އޭނާ ބަންދުކޮށް، އޭނާ އެ ދެ މަގާމުން ވަނީ ވަކިކޮށްފަ އެވެ. އަދި ކާނަލެއްގެ ރޭންކުގައި ހުއްޓާ ކެޕްޓަން ކަމަށް ރޭންކް ދަށްކޮށް މާލޭ އޭރިޔާގެ ކޮމާންޑަރު ކަމަށް ވަނީ ބަދަލުކޮށްފަ އެވެ.

ލޯންޗްގައި އެއްޗެއް ގޮއްވާލުމުގެެ އަޑީގައި ހުރިކަން ސާބިތުވެ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު އެކަމުގައި އޭނާއާ އެކު ބައިވެރިވި އޭނާގެ ދެ ބޮޑީގާޑުންނަށް ވަނީ 10 އަހަރުގެ ހުކުމެއް އިއްވައިފަ އެވެ.