ޖަލު ހުކުމް ތަންފީޒުކޮށް ނިމި، ފަޔާޒް މިނިވަންވެއްޖެ

ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގޮއްވާލި މައްސަލައިގެ ތަހުގީގަށް ހުރަސް އެޅިކަމުގެ ކުށުގައި ދެ އަހަރަށް ޖަލަށް ލި ސިފައިންގެ އޭރުގެ ކާނަލް އަހުމަދު ފަޔާޒް (ޕާޕާ) ހުކުމް ތަންފީޒުކޮށް ނިމި، މިއަދު މިނިވަން ވެއްޖެ އެވެ.


ސެޕްޓެމްބަރު 2015 ގައި ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ރިޔާސީ ލޯންޗުކޮޅުގައި ވަޑައިގަންނަވަނިކޮށް، އޭގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން ފަޔާޒްގެ މައްޗަށް ޖަލު ހުކުމް އައީ އެ ހާދިސާގެ ތަހުގީގަށް ލޯންޗުކޮޅަށް އަރަން ދިޔަ ފުލުހުންނަށް ހުރަސް އެޅުމަށް ފަޔާޒު އަމުރު ކުރުމުންނެވެ.

އެ މައްސަލާގައި، ފަޔާޒަށް އިއްވި ދެ އަހަރުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމި، މިއަދު އޭނާ މިނިވަންވި ކަން ފަޔާޒްގެ ވަކީލް ހުސްނުއްސުއޫދު ކަށަވަރުކޮށް ދެއްވި އެވެ.

ފަޔާޒް މިނިވަން ވިޔަސް، އޭނާގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާއެއް ކްރިމިނަލް ކޯޓުގައި މިހާރު ވެސް އެބައޮތެވެ. އެ ދައުވާ ކުރަނީ ބ. ހިބަޅިދޫން ހަނގުރާމަވެރި ހަތިޔާރާއި ގޮވާ ތަކެތި ފެނުނު މައްސަލައިގަ އެވެ.

އެ މައްސަލާގައި ފަޔާޒްގެ މައްޗަށް އެ ދައުވާ ކުރަނީ ސިފައިންގެ ބަޑި ގުދަނުގެ ވެރިއަކަށް އޭނާ ހުރި ދުވަސްވަރު ގަވާއިދާ ޚިލާފަށް ބަޑި ގުދަނުން ބައެއް ހަތިޔާރު ނެރެފައިވާ ކަމަށާއި އަދި މަދުވި ހަތިޔާރުތައް ހޯދަން ކުރި މަސައްކަތަށް އޭނާ ހުރަސް އެޅި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އިތުރު ބަޔަކަށް ވެސް ދައުވާ ކުރެ އެވެ.

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާ ހިނގިއިރު ފަޔާޒަކީ ސިފައިންގެ ބަޑި ގުދަނުގެ ވެރިޔާ އެވެ. އަދި މާލޭ އޭރިޔާގެ ކޮމާންޑަރު ކަމާއި ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް(އެސްޕީޖީ) ގެ ވެރިއަކަށް ވެސް ފަޔާޒް ކުރިން ހުއްޓެވެ. އެ ހާދިސާ ހިނގިއިރު ފަޔާޒަކީ ކާނަލެއްގެ ރޭންކުގައި ހުރި މީހަކަށް ވިޔަސް، އެ ހާދިސާއަށް ފަހު އޭނާ ކެޕްޓަނެއްގެ ރޭންކަށް ދަށް ކުރި އެވެ.