"ފިނިފެންމާ" ގައި ގޮއްވާލި މައްސަލައިގެ ޝަރީއަތް ވެސް ސިއްރުކޮށްފި

ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ"ގައި އައިއީޑީއެއް ގޮއްވާލި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އޭނާގެ ދެ ބޮޑީގާޑަކަށް ކުރާ ދައުވާގެ ޝަރީއަތުގައި ސިއްރު ހެކިވެރިއެއްގެ ހެކިބަސް މިއަދު ނަގަން ހަމަޖައްސާފައި ވަނިކޮށް، އެ ޝަރީއަތް ވެސް ސިއްރުކޮށްފި އެވެ.


ކްރިމިނަލް ކޯޓުން ބުނިގޮތުގައި މިއަދުގެ އަޑުއެހުން ސިއްރުކުރީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެތީ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ދަތުރުފުޅު ކުރައްވަނިކޮށް، "ފިނިފެންމާ"ގައި އައިއީޑީއެއް ގޮއްވާލި މައްސަލާގައި އަދީބާއި އޭނާގެ ދެ ބޮޑީގާޑުން ކަމަށްވާ އަހުމަދު އާމިރާއި އިސްމާއިލް ރިކާޒްގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ ދައުވާ އެވެ.

މިއަދު މެންދުރު ބާއްވާ އަޑުއެހުމުގައި އޮތީ ދައުލަތުން ހުށަހެޅި ސިއްރު ހެކިންގެ ތެރެއިން ނުނެގި ހުރި ހަމައެކަނި ހެކިވެރިޔާގެ ހެކިބަސް ނެގުމެވެ. ދައުލަތުން ކުރީގެ އަޑުއެހުމެއްގައި ބުނެފައިވާ ގޮތުން އެ ހެކިވެރިޔާގެ ހެކިބަސް އެ މައްސަލައަށް ވަރަށް މުހިންމެވެ.

ޝަރީއަތެއް ނުވަތަ ޝަރީއަތުން ބައެއް ސިއްރުކޮށްގެން ގެންދިއުމުގެ ބާރު މައްސަލަ ބަލާ ފަނޑިޔާރުންނަށް އޮވެ އެވެ. އެކަމަކު "ފިނިފެންމާ" ގައި އައިއީޑީއެއް ގޮއްވާލި މައްސަލައިގެ ހުރިހާ އަޑުއެހުމެއް ވެސް މީގެ ކުރިން ބޭއްވީ އާންމުކޮށް ހުޅުވާލައިގެންނެވެ.

ރިޔާސޯ ލޯންޗްކޮޅުގައި ގޮއްވާލި މައްސަލައިގެ އިތުރުން އޭގައި ބޮން ހަރުކުރަން ލޯންޗަށް އެރި ކަމަށް ބުނެ އަދީބަށް ކުރާ އިތުރު ދައުވާ އާކާއި ފިސްތޯލަ ގެންގުޅުނު ކަމަށް ބުނެ ކުރާ ދައުވާ އަކާއި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި ކަމަށް ބުނެ ކުރާ ދައުވާގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ސިއްރުކޮށްފި އެވެ.