ފިނިފެންމާ މައްސަލާގައި އަދީބަށް ކުރި ހުކުމް ބާތިލްކޮށް، މައްސަލަ އަލުން ބަލަން އަންގައިފި

ރިޔާސީ ލޯންޗްކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޖަލަށް ލާން ކުރި 15 އަހަރުގެ ހުކުމް ބާތިލްކޮށް، އެ މައްސަލާގެ ޝަރީއަތް އަލުން ހިންގަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.


ސެޕްޓެމްބަރު، 2015 ގައި އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ދަތުރު ކުރައްވަނިކޮށް އެ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ، އަދީބު 15 އަހަރަށް ޖަލަށް ލުމަށާއި އަދީބުގެ އޭރުގެ ދެ ބޮޑީގާޑުން ކަމަށްވާ ހަސަން ރިކާޒާއި އަހުމަދު އާމިރު 10 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ 2016 ގަ އެވެ.

ހަސަން ރިކާޒާއި އަހުމަދު އާމިރުގެ ހުކުމް ވެސް މިއަދު ހައިކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. އެ ދެ މައްސަލަ ވެސް އަލުން ބަލަން ހައިކޯޓުން އެންގި އެވެ.

އެ މައްސަލަ އަދީބުގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި އަދީބާއި އޭރުގެ އިދިކޮޅު ބައެއް ފަރާތްތައް ދޫކޮށްލަން އެންގުމަށް ފަހު، އެ އަމުރުގެ ބައެއް ބައިތައް ފަހުން ސުޕްރީމް ކޯޓުން ބާތިލް ކުރިޔަސް، ފަހުން ނެރުނު އަމުރުގައި ބާތިލްކޮށްފައިވަނީ އެ ފަރާތްތައް ވަގުތުން ދޫކޮށްލަން އަމުރުކުރި ބައި އެކަނި ކަމަށެވެ.

އެ އަމުރުގައި ބާތިލް ނުކޮށް އޮތް ބައިގައި، ސިޔާސީ އެކި ސަބަބުތަކަށްޓަކައި ގާނޫނާ ޚިލާފަށް ކޮށްފައިވާ ހުކުމްތަކުގެ ވާހަކަ ބަޔާން ކޮށްފައިވާތީ އެ މައްސަލާގައި އަދީބުގެ މައްޗަށް ވެސް ޝަރީއަތް ހިންގީ ނުފޫޒު ފޯރުވައިގެން ކަމަށް ބެލުމުގެ ފުރުސަތު އޮތް ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. އަދި ސުޕްރީމް ކޯޓުގެ ފެބްރުއަރީ 1 ގެ އަމުރުގައި ބައެއް ފަރާތްތައް ދޫކޮށްލަން އެންގިއިރު، ވަކިވަކި މައްސަލަތަކަށް ހަވާލާ ދިނުމުގެ ބަދަލުގައި އޮތީ ދައުވާ ލިބުނު ފަރާތްތަކެއްގެ ނަންތަކެއް ކަމަށާއި އޭގެ ތެރޭގައި އަދީބުގެ ނަން ވެސް ހިމެނޭ ކަން ހައި ކޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެކަންކަން ފާހަގަކޮށް، އެ މައްސަލަ ހައި ކޯޓުން ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރީ ރިޔާސީ ލޯންޗްކޮޅުގެ މައްސަލާގައި އަދީބަށް ކުރި ހުކުމުގެ މައްސަލަ ދަށު ކޯޓުން އަލުން ބަލަން ޖެހޭ ކަމަށާއި އެހެންވެ، އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ތަހުވީލު ކުރުމަށެވެ.

އެކަމަކު އެ މައްސަލަ އަލުން ދަށު ކޯޓުން ހިންގާއިރު އަދީބު ބަންދުގައި ބެހެއްޓުމާ މެދު އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މެދުގައި ރައުޔު ތަފާތުވި އެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ ރައުޔަކީ އެ މައްސަލައިގެ ސީރިއަސް ކަމަށް ބަލައި، އެ މައްސަލައިގެ ޝަރީއަތް ދަށު ކޯޓުން ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމަށް އަމުރު ނެރުއްވުމަށެވެ.

އެކަމަކު އެ ބެންޗުގައި ދެން ހިމެނިވަޑައިގަތް އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު ހުސައިން ޝަހީދުގެ އަޣުލަބިއްޔަތުން ހުކުމްކުރީ އަދީބު ބަންދުގައި ބަހައްޓަން ޖެހޭނީ 15 ދުވަހަށް ކަމަށާއި އެ މުއްދަތުގެ ތެރޭގައި އަދީބުގެ ބަންދާ މެދު އަލުން ގޮތެއް ނިންމަން ޖެހޭނީ ދަށު ކޯޓުން ކަމަށެވެ.

އަދީބު 15 އަހަރަށް ޖަލަށް ލާން ކުރި ހުކުމް ބާތިލް ކުރިޔަސް، އޭނާގެ މައްޗަށް އިތުރު ދެ ހުކުމެއް އަދިވެސް އެބަ އޮތެވެ. އެއީ ފިސްތޯލައެއް ގެންގުޅުނު މައްސަލާގައި އިއްވާފައިވާ 10 އަހަރުގެ ޖަލު ހުކުމަކާއި ޚިޔާނާތުގެ ކުށެއް ސާބިތުވެ، އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމެކެވެ.