ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ފައިސަލް ނަސީމް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފި އެވެ.
ފައިސަލް "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި އޭނާ ފުލުސް އޮފީހަށް ހާޒިރުވާން އެންގީ ފުލުހުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން މާދަމާ ހެނދުނު 10 ޖަހާއިރަށް ކަމަށެވެ.
ފުލުހުން ބަލަމުން އަންނަނީ ކޮން މައްސަލައެއް ކަން އެނގިވަޑައިި ނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ފުރަތަމަ އެންގީ މިރޭ ފުލުސް އޮފީހަށް ހާޒިރުވާން. އެކަމަކު ރަށުގައި ހުރި ކަމަށް ބުނީމަ މާދަމާ ހެނދުނަށް ބަދަލު ކުރީ،" އުފަން ރަށް ފުވައްމުލަކުގައި ހުންނެވި ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ފުލުސް އޮފީހަށް ހާޒިރު ކުރާއިރު، ފަހަކަށް އައިސް އޭނާ ގެންދަވަނީ ސަރުކާރަށާއި ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
އެގޮތުން އިދިކޮޅު ފަރާތްތަކުން ގުޅިގެން މ. ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ދާދި ފަހުން ފައިސަލް ވަނީ ފުލުހުންނަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ފައިސަލް ވިދާޅުވީ ރައްޔިތުންނަށް އިންސާފު ހޯދައިދޭން ސަލާމަތީ ބާރުތަކުން ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ފުލުހުން ޣައިރު ގާނޫނީ އަމުރުތަކަށް ކިޔަމަން ވުމަކީ އެއްވެސް ހާލެއްގައި ކުރަން ޖެހޭ ކަމެއް ނޫނެވެ. ބާރަކީ އަބަދުމެ، އޮންނާނެ އެއްޗެއް ނޫން ކަމަށާއި ކޮންމެ ކަމަކަށް ވެސް ނިމުން އަންނާނެ ކަމަށް ފައިސަލް ވިދާޅުވެފައިވެ އެވެ.
ފައިސަލްގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން ވަނީ މީގެ ކުރިން ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ. އޭގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ހިމެނިވަޑައިގަންނަވަ އެވެ. އޭގެ ތެރެއިން ކްރިމިނަލް ކޯޓުގައި ޝަރީއަތް ހިނގަމުން ދަނީ ގާސިމާއި ރިޔާޒްގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށެވެ.