ޔާމީންގެ މަރުގެ މައްސަލާގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް ބުނެ ކޯޓަށް

ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީ ބްލޮގަ ޔާމީން ރަޝީދު މަރާލީ އޭނާ ފުލުހުންގެ ހިމާޔަތަށް އެތައް ފަހަރަކު އެދުމުން ވެސް އެކަމާ އަޅާނުލައި އޮއްވައި ކަމަށް ވާތީ، އެ މަރުގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް ބުނެ ޔާމީންގެ ގާނޫނީ ޓީމުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.


ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު، ޔާމީންގެ ބައްޕަ ހުސެން ރަޝީދާ އެކު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ މީގެ ހަތް އަހަރު ކުރިއްސުރެ ޔާމީނަށް ދިޔައީ ތަކުރާރުކޮށް މަރުގެ އިންޒާރުތައް ދެމުން ކަމަށެވެ. އަދި އެ އިންޒާރުތަކާ ގުޅިގެން ހިމާޔަތް ހޯދުމަށް 2014 ވަނަ އަހަރާއި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވެސް ޔާމީން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި ނަމަވެސް ފުލުހުން އެ މައްސަލަތައް ބަލާފައި ނުވަތަ އޭނާއަށް އެއްވެސް ހިމާޔަތެއް ދީފައި ނުވާ ކަމަށް ވިދާޅުވި އެވެ.

"މި ދޭތެރެ މެދުން ވެސް އެކި ފަހަރު މަތިން ޔާމީން ދިޔައީ ސޯޝަލް މީޑިއާގައި ފުލުހުންނާއި ކަމާ ބެހޭ ފަރާތްތައް ޓެގްކޮށް، އެ އިންޒާރުތައް އެ މީހުންގެ ސަމާލު ކަމަށް ގެންނަމުން. އެކަމަކު އެކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވޭ،" ސުއޫދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޔާމީނަށް ހަމަލާ ދިނީ އެކި ފަހަރު މަތިން ދިން އިންޒާރުތަކަށް ފުލުހުން އެއްވެސް ފިޔަވަޅެއް ނާޅައި، ހިމާޔަތް ދީފައި ނުވާތީކަން ސާބިތު ކުރުމަށް ކޯޓަށް މައްސަލަ ހުށަހެޅީ ކަމަށެވެ.

ހުސްނުއް ސުއޫދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ-- މިހާރު ފޮޓޯ: ނިޝާން އަލީ

ޔާމީނަށް ދެމުން ދިޔަ މަރުގެ އިންޒާރުތަކަށް ފުލުހުން ފިޔަވަޅު ނޭޅުން ރާއްޖޭގެ ބައެއް ޖަމިއްޔާތަކާއި ބޭރުގެ ފަރާތްތަކުން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ. އެކަމަކު ފުލުހުން ބުނެފައިވަނީ އެ އިންޒާރުތައް ބަލައި ބަޔަކާ ސުވާލު ވެސް ކުރި ކަމަށެވެ. ނަމަވެސް މައްސަލަތަކުގައި އަޅާފައިވާ ފިޔަވަޅެއް ފުލުހުން ނުބުނެ އެވެ.

ސުއޫދު ވިދާޅުވި ގޮތުގައި އެއްވެސް ދިވެހި ރައްޔިތަކު ހިމާޔަތަކަށް އެދިއްޖެ ނަމަ، އެ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ފުލުހުންގެ މައްޗަށް ވާޖިބު ކަމެކެވެ. އެހެންވެ، ފުލުހުން އެ މީހުންގެ ވާޖިބާ ހިލާފުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔާމީން، 29، މަރާލިކަމުގެ ތުހުމަތުގައި މިހާތަނަށް ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ އެކަކު މިދިޔަ ހޯމަ ދުވަހު ހައްޔަރު ކުރި އިރު، ދެ ވަނަ މީހާ ހައްޔަރު ކުރީ އިއްޔެ އެވެ.

ޔާމީންގެ ހަށިގަނޑުގެ އެކި ތަންތަނަށް ތޫނު ހަތިޔާރުން ހަމަލާދީ މަރާލާފައި އޮތީ އޭނާ ދިރިއުޅޭ ގޭގެ ތިރީބުރީގައި ސިޑި ކައިރީގަ އެވެ.