ކޯޓު ހުރުމަތް ކެނޑިކަން ސާބިތުވެ، ކުރީގެ ރައީސް މައުމޫން ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް 85،000ރ. އިން ކުރި ޖޫރިމަނާގެ ފައިސާ، ވަކިލާރިން ދައްކަން ދިއުމުން ބަލައިނުގަތުމުން ނޫޓަށް ބަދަލުކޮށްގެން ސިވިލް ކޯޓަށް މިއަދު ދައްކައިފި އެވެ.
ކޯޓުގައި ހުންނަވައިގެން އަލީމް މިއަދު ވިދާޅުވީ ޖޫރިމަނާ ދައްކަން 85،000ރ. ގެ ވަކި ލާރި ހިފައިގެން ސިވިލް ކޯޓަށް ދިއުމުން އެ ފައިސާ ބަލައިނުގަތް ކަމަށެވެ. އެހެންވެ، އެމްއެމްއޭ އަށް ވަޑައިގެން އެ ތަނުން ވަކި ލާރިތައް ނޫޓަށް ބަދަލު ކުރީ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމްއެމްއޭ އަށް ދިއުމުން ފަސް ރުފިޔާ އާއި 10 ރުފިޔާގެ ނޫޓުތައް ދިނީ، ބާކީ 1000 ވަކި ލާރި ހުރި ނޫޓަށް ބަދަލު ނުކުރެވި. އެކަމަކު އެ ވެސް ބަލައިގެންފައި ވަނީ،" އަލީމް ވިދާޅުވި އެވެ.
ކޯޓުތަކުން ކުރާ ޖޫރިމަނާ ދައްކަން ޖެހެނީ އެ ކޯޓަކަށް ކަމަށް ވާތީ ސިވިލް ކޯޓަށް އޭނާ ވަޑައިގަތީ ވަކި ލާރިން 85،000ރ. ހަމަކޮށް، ކޮތަޅުތަކަށް އަޅައިގެންނެވެ.
އަލީމަށް އެ ޖޫރިމަނާ އައީ ޕީޕީއެމް ހިންގުން ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށް އެ ކޯޓުން މިދިޔަ އަހަރު ކުރި ހުކުމާ ޚިލާފަށް އަމަލު ކުރެއްވި ކަން ސާބިތުވެގެންނެވެ. ކޯޓުގެ ހުކުމުގައި އަލީމަށް އަންގާފައި އޮތީ 10 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށެވެ.