މެޓުގެ އިންޒާރު: ކަނޑުތައް ވަރަށް ގަދަވާނެ!

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކަނޑު ވަރަށް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުނެފި އެވެ. އަދި ބައެއް ސަރަހައްދުތަކަށް ނަގޫރޯޅި އެރުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް އެ އިދާރާ އިން ބުންޏެވެ.


މޯލްޑިވްސް މީޓްރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނިގޮތުގައި މި ވިއްސާރަ އެންމެ ގަދަޔަށް ކުރާނީ އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށެވެ. އެގޮތުން 15 މޭލާއި 25 މޭލަށް ވައި ޖެހޭއިރު، ވިލާގަނޑުގައި 45 މޭލަށް ވައިޖެހޭނެ ކަމަށް އެތަނުން ލަފާ ކުރެ އެވެ.

"އެހެންވެ، ވިލާގަނޑުގައި ހާއްސަކޮށް ކަނޑުގަދަވާނެ،" މެޓުގެ އޮފިޝަލަކު ވިދާޅުވި އެވެ.

ކަނޑުގަދަވުމުގެ ސަބަބުން އދ. ހަންޏާމީދޫ ކައިރި އަށް މިއަދު ވަނީ ދޯންޏެއް ވެސް އަޑިއަށް ގޮސްފަ އެވެ.

ވިއްސާޜައިގައި ކަނޑުގެ ބާނިތައް ބޮޑުވެ، އުދަ އެރުމުގެ ފުރުސަތު އޮތް ކަމަށް ވެސް މެޓުން ބުންޏެވެ.

މެޓު އޮފީހުން ލަފާ ކުރާގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހޭނެ އެވެ. އެހެންވެ، ބައެއް ރަށްރަށުގައި ވަރަށް ބޮޑަށް ފެންބޮޑުވާނެ ކަމަށް އެތަނުން ލަފާ ކުރެ އެވެ.

މާލޭގެ ފަޅުން ފެރީއެއް ނިކުންނަނީ: ވިއްސާރައިގައި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓުން ބުނޭ

މޫސުން ގޯސްވެ، ވަޔާއި ކަނޑު ގަދަވި ނަމަވެސް ވާރޭ ވެހޭ މިންވަރު އެހެން އަހަރުތަކަށް ވުރެ ވަކި އިތުރު ނުވާނެ ކަމަށް މެޓުން ބުންޏެވެ.

"ބައެއް ދުވަސް ދުވަހު ވަރަށް ބޯކޮށް ވެސް ވާރޭ ވެހިފާނެ. އެކަމަކު ޖުމްލަކޮށް ބަލާއިރު ވާރޭ ވެހޭ މިންވަރު އެހެން އަހަރުތަކަށް ވުރެ ވަކި އިތުރެއް ނުވާނެ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުޅަނގު މޫސުމް ފެށޭއިރު ކޮންމެ އަހަރަކު ވެސް މިގޮތަށް ގަދަވެ، ރަށްރަށަށް ގެއްލުން ލިބޭ ކަމަށެވެ.

މި ވިއްސާރަ އެންމެ ބޮޑަށް ކުރާނީ އުތުރުގެ އަތޮޅުތަކަށް ކަމަށް މެޓުން ބުނި ނަމަވެސް ވިއްސާރައިގައި މިހާތަނަށް އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ އައްޑު އަށާއި ފުވައްމުލަކުގެ އިތުރުން ގދ. ނަޑެއްލާ އަށެވެ.

އެގޮތުން ސ. ހިތަދުއަށް އެރި ނަގޫ ރޯޅިއެއްގައި އެ ރަށުގެ 12 ގެއަކަށް ގެއްލުން ލިބިފައިވާއިރު ނަޑެއްލާއަށް ބޯކޮށް ވާރޭ ވެހި، މުޅި ރަށުގައި ވަނީ ފެންބޮޑުވެފަ އެވެ. އަދި ފުވައްމުލަކުގައި ވެސް ފެންބޮޑުވެ ބައެއް ގެތަކަށް ވަނީ ގެއްލުން ލިބިފަ އެވެ.