ބައިތުލަހަމް (މެއި 23) - އިޒްރޭލާއި ފަލަސްތީނުން ސުލްހަ ގާއިމް ކުރުމަށް ހުރިހާ ކަމެއް ވެސް ކޮށްދެއްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ އެކު ހުޅަނގު އައްސޭރީގައި ބޭއްވި ބައްދަލުވުމުގައި ޓްރަމްޕް ވިދާޅުވީ ބައިތުލަހަމް އަށް އޭނާ ވަޑައިގެންނެވީ ސުލްހައިގެ އުއްމީދުގައި ކަމަށެވެ. ޓެރަރިޒަމާ ދެކޮޅަށް މަހްމޫދު އައްބާސް ކުރައްވާ މަސައްކަތަށް ޓްރަމްޕް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
އިޒްރޭލާއި ފަލަސްތީނުން ސުލްހައިގެ މަޝްވަރާތައް ނުބާއްވާތާ ތިން އަހަރު ވެއްޖެ އެވެ. ޓްރަމްޕް ވަނީ އެއީ ދުނިޔޭގައި ސުލްހަ ހޯދަން އެންމެ އުނދަގޫ މަސައްކަތް ކަމަށް ވިދާޅުވެފަ އެވެ. ޓްރަމްޕުގެ ދަތުރުފުޅާ ދެކޮޅަށް ހުޅަނގު އައްސޭރި އާއި ގާޒާގައި ވަނީ މުޒާހަރާކޮށްފަ އެވެ.
"އިޒްރޭލާއި ފަލަސްތީނުން ސުލްހަ ގާއިމް ކުރުމަށް ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން. ދާއިމީ ސުލްހައެއް ހޯދެންދެން ދެ ގައުމުގެ ލީޑަރުންނާ އެކު މަސައްކަތް ކުރާނަން،" ޓްރަމްޕް ވިދާޅުވި އެވެ.
އެމެރިކާގެ ރައީސް ވިދާޅުވީ ސުލްހަ ހޯދުމުގެ ހެޔޮ ނިޔަތުގައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އައްބާސްގެ ފަރާތުން ލިބިވަޑައިގެންފައިވާ ކަމަށެވެ. އައްބާސް ވެސް ވިދާޅުވީ ސުލްހަ ހޯދަން ތައްޔާރަށް ހުންނެވި ކަމަށެވެ.