ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން ޖަރުމަނު ސަރުކާރުގެ އިސްފަރާތްތަކާއި ގާނޫނު ހަދާ މަޖިލިހުގެ މެމްބަރުންނާއި މަދަނީ ޖަމިއްޔާތަކާ ބައްދަލުކުރުމަށް އިދިކޮޅު ޕާޓީތަކުގެ އިސްބޭފުޅުން ހިމެނިވަޑައިގަންނަވާ ވަފުދެއް ޖަރުމަނަށް ހިނގައްޖެ އެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީން ބުނީ އެ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލިހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދާއި އެމްޑީޕީގެ ގައުމީ މަޖިލިހުގެ މެމްބަރު އުމަރު އަބްދުލް ރައްޒާާއި ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަނުގެ ކައުންސިލް މެމްބަރު އާމިނަތު ނާދިރާ އާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމް އަދި ޑރ. އާސިމް އަހުމަދާއި، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އާއިލާގެ ފަރާތުން އޭނާގެ ކޮއްކޮ އާދަމް އާޒިމް ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިދިކޮޅު ޕާޓީތަކުގެ އިސްބޭފުޅުންގެ ވަފުދު ޖަރުމަނުގައި: އެ ބޭފުޅުން ޖަރުމަނުގެ އިސް ފަރާތްތަކާ ބައްދަލުކުރައްވާނެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިދިކޮޅު ޕާޓީތަކުގެ އިސްބޭފުޅުންގެ ވަފުދު ޖަރުމަނުގައި: އެ ބޭފުޅުން ޖަރުމަނުގެ އިސް ފަރާތްތަކާ ބައްދަލުކުރައްވާނެ.

މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް މި ވަފުދުން ޖަރުމަންގެ ބާލިންގެ ޗާންސެލާގެ އޮފީހުގެ އިސް ފަރާތްތަކާއި ހާރިޖީ އަދިި އިގްތިސާދާ ބެހޭ ވުޒާރާގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާނެ ކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ބުނީ އެ ވަފުދުގެ ބޭފުޅުން ސަރުކާރުގެ ވުޒާރާތަކުގެ އިތުރުން ސިޔާސީ ޕާޓީތަކާ ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ. އަދި ޖަރުމަނުގެ ގާނޫނު ހަދާ މަޖިލިހުގެ މެމްބަރުންނާއި އެ މަޖިލިހުގެ އެކިއެކި ކޮމިޓީތަކާ ސިޔާސީ ގްރޫޕްތަކާ ބައްދަލުކުރައްވާނެ ކަމަށް ވެސް ބުންޏެވެ.