ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފަށް އިއްވާފައިވާ ދެ ހުކުމުގެ ތެރެއިން ހަ މަހުގެ ޖަލު ހުކުމަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.

ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅިކަން ސާބިތުވެ، މަހްލޫފަށް ކްރިމިނަލް ކޯޓުން އިއްވި އެ ހުކުމަށް ހައި ކޯޓުން ތާއީދު ކުރިއިރު، މި ހުކުމް ވަނީ ތަންފީޒުކޮށް ނިމިފަ އެވެ. މަހްލޫފް މިހާރު ތަންފީޒު ކުރަމުން ގެންދަވާ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމި، މާދަމާ އޭނާ މިނިވަންވާނެ އެވެ.

މަހްލޫފް ހަ މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ މާޗް، 2015 ގައި ބޭއްވި މުޒާހަރާއެއްގައިި ފުލުހުން ބަންދު ކޮށްފައިވާ ސަރަހައްދަކަށް އޭނާ ވަތް ކަން ސާބިތުވުމުންނެވެ. ހުކުމަށް ތާއީދު ކުރީ އެ ހުކުމް މަހްލޫފްގެ ފަރާތުން އިސްތިއުނާފް ކުރުމުންނެވެ.

ފަނޑިޔާރު އަބްދުﷲ ހަމީދު ރިޔާސަތު ބެލެހެއްޓެވި އެ މައްސަލަ ބެލި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އަދި ފަނޑިޔާރު އަލީ ސަމީރު އެވެ.

ހައި ކޯޓުން އެގޮތަށް ނިންމިއިރު އދ. ގެ ވޯކިން ގްރޫޕުން އިއްޔެ ނިންމާފައިވަނީ މަހްލޫފް ޖަލަށްލީ ގޯސްކޮށް ކަމަށާއި އޭނާ ވަގުތުން މިނިވަން ކުރަންޖެހޭ ކަމަށެވެ.

އެ ދެ ހުކުމާ އެކު މަހްލޫފްގެ މެމްބަރުކަމުގެ ގޮނޑި ނުގެއްލުނަސް ހުކުމުގެ މުއްދަތުގައި އޭނާ އަށް މަޖިލީހުގެ ޖަލްސާތަކަށް ހާޒިރެއް ނުވެވޭނެ އެވެ.