ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފަށް އިއްވާފައިވާ ދެވަނަ ޖަލު ހުކުމް ތަންފީޒުކުރުން ފަސް ކުރުމުގެ އަމުރަކަށް އޭނާގެ ފަރާތުން ހައި ކޯޓުގައި އެދެފި އެވެ.
ފުލުހުންގެ ދައުރު އަދާކުރަން ދަތިކުރުމުގެ ދެ ދައުވާއެއް ސާބިތުވެ، 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް މަހްލޫފަށް ކްރިމިނަލް ކޯޓުން އިއްވާފައިވާއިރު އެ ދެ މައްސަލަ ވެސް މަހްލޫފްގެ ފަރާތުން ހައި ކޯޓުގައި ވަނީ އިސްތިއުނާފްކޮށްފަ އެވެ. މަހްލޫފް މިވަގުތު ތަންފީޒު ކުރަމުން ދަނީ އެންމެ ފުރަތަމަ އިއްވި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެވެ.
މަހްލޫފަށް އައިސްފައިވާ ހަ މަހުގެ ޖަލު ހުކުމް އަންނަ ޑިސެމްބަރު މަހު ތަންފީޒު ކުރަން ފަށާނެތީ އޭނާގެ ވަކީލް ހައި ކޯޓުގައި އެދިވަޑައިގަތީ އެ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރަކަށެވެ.
އިސްތިއުނާފް މަރުހަލާގައި އޮންނަ މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލަން ނުވަތަ ކަފާލާތުގެ އުސޫލުން އެ މީހަކު ދޫކޮށްލަން އެންގުމުގެ ބާރު ހައި ކޯޓަށް އޮވެ އެވެ. ނަމަވެސް އެގޮތަށް މީހުން ދޫކުރުމަކީ އެ ކޯޓުން އާންމުކޮށް ކުރާ ކަމެއް ނޫނެވެ.
މަހްލޫފަށް އިއްވި ދެ ހުކުމް ވެސް އިސްތިއުނާފަށް ހުށަހަޅާފައި ވާއިރު އެއިން އެއްވެސް މައްސަލައެއްގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުން އަދި ނުފަށަ އެވެ. މަހްލޫފް ޖަލަށްލީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ބޭއްވި މުޒާހަރާއެއްގައި ފުލުހުން ބަންދުކުރި ސަރަހައްދަށް ވަން މައްސަލައިގަ އާއި އެ މައްސަލާގައި އޭނާ ބަންދުގައި ހުއްޓާ ފުލުހުންގެ ވެހިކަލަށް އަރަން ދެކޮޅު ހަދައި، ފިލަން އުޅުނު މައްސަލާގައި އެވެ.