ކުއްލި ނުރައްކަލުގެ ހާލަތުގައި މަހްލޫފް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް: ހައި ކޯޓު

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މިދިޔަ ފެބްރުއަރީ މަހު ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.


ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މަހްލޫފް ހައްޔަރުކުރީ ފެބްރުއަރީ، 22 ވަނަ ދުވަހުގެ ރޭ އެމްޑީޕީގެ ހަރުގެ ސަރަހައްދުންނެވެ. އޭނާ ހައްޔަރުކުރީ އެ ސަރަހައްދުގައި މާސްކް ބައްސަވަން ހުންނަވަނިކޮށެވެ.

މަހްލޫފް ހައްޔަރުުކުރީ ގާނޫނާ ޚިލާފަށް ކަމަށް ހައި ކޯޓުން ހުކުމްކުރީ އެ މައްސަލައިގައި އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު މަހްލޫފްގެ ފަރާތުން އިސްތިއުނާފް ކުރުމުންނެވެ. ހައި ކޯޓުގެ ހުކުމުގައި ވަނީ މަހްލޫފް ހައްޔަރުކުރީ މެމްބަރުންގެ އިމްތިޔާޒްގެ ގާނޫނާ ޚިލާފަށް ކަމަށެވެ.

ހައި ކޯޓުގެ ހުކުމުގައި ވަނީ އިމްތިޔާޒުގެ ގާނޫނު އޮތް ގޮތުން، ކުށެއް ކުރަނިކޮށް ފެންނަ ހާލަތެއްގައި މެނުވީ މެމްބަރަކު ހައްޔަރު ކުރެވޭނީ ޕްރޮސެކިއުޓާ ޖެނެރަލް މެދުވެރިކޮށް ހޯދާ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވާއިރު، މަހްލޫފް ހައްޔަރު ކޮށްފައި ވަނީ އެ ގޮތަށް ނޫން ކަމަށެވެ. އަދި އޭރު އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ ދަށުން ގާނޫނުއަސާސީގެ ބައެއް މާއްދާތަކާއި ބައެއް ގާނޫނުތަކަށް އަމަލު ކުރުން ވަގުތީ ގޮތުން ހުއްޓުވާފައި އޮތަސް، މެމްބަރުންގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު އެ ގަރާރުގެ ދަށުން ހުއްޓުވާފައި ނެތްކަން ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.

މަހްލޫފް ހައްޔަރު ކޮށްފައިވަނީ ކުށެއް ކުރަނިކޮށް ފެނިގެން ކަމަށާއި އެހެންވެ، އެ ހާލަތުގައި ކޯޓު އަމުރެއް ބޭނުން ނުވާނެ ކަމަށް ދައުލަތުން ބުނެފައި ވިޔަސް، ހުކުމުގައިވާ ގޮތުން ހުށަހެޅިފައި ހުރި ލިޔުންތަކަށް ބަލާއިރު، މަހްލޫފް ހައްޔަރުކުރީ ކުށެއް ކުރަނިކޮށް ފެނިގެން ނޫން ކަން އެނގެ އެވެ.

އެހެންވެ، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވަނީ އެ މައްސަލައިގައި މަހްލޫފް ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލް ކުރުމަށެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ އިތުރުން އިސް ފަނޑިޔާރު ޝުޖާއު އުސްމާނެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ސަމީރެވެ.

މާސްކްތައް ބައްސަވަނިކޮށް، މަހްލޫފް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ހައި ކޯޓުން ހުކުމް ކުރިއިރު، އެ މައްސަލައިގައި ދައުލަތުން އޮތީ އޭނާގެ މައްޗަށް ދައުވާއެއް ވެސް އުފުލައިފަ އެވެ. އެ މައްސަލަ ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ.

މަހްލޫފްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާއެއް ވެސް ދައުލަތުން އުފުލި އެވެ. އެކަމަކު، އެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި، ކޯޓުން ވަނީ އެ ދައުވާ ބާތިލްކޮށްފަ އެވެ.

އިބްރާހިމް ހަމްޒާ ޚަލީލް

3

ގަލޮޅު އުތުރު ދާއިރާ