މަހުލޫފްގެ ޖަލު ތަޖުރިބާ: ކެތްތެރިކަމުން އާ ހިތްވަރަކަށް

ހަތަރު މަހުގެ ހުކުމް ތަންފީޒުކުރައްވަން ޖުލައި 18، 2016 ގައި މާފުށީ ޖަލުގެ ގޮޅި އަށް، ވަދެވަޑައިގަތުމާ އެކު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފަށް އަވަހާރަފުޅުލެއްޕެވުނީ އެވެ. އެތަން، އަރާމުވެގެންނެއް ނޫނެވެ؛ އޭނާ ވިދާޅުވި ގޮތުގައި، ސިކުނޑީގައި އެނބުރެމުން ދިޔަ އެތައް އުދާސްތަކާ އެކު ހަށިގަނޑު ވަރުބަލިވެފައި ހުރިލެއް ބޮޑުކަމުންނެވެ.


"ހުކުމް އިއްވި ދުވަހުގެ ރޭ ވެސް އެއްކޮށް ނުނިދައި އުޅުނީ، ދަރިފުޅާއި ނަޒޫ [އަނބިކަނބަލުން ނަޒްރާ ނަސީމް] ގެ ކަންކަން ހަމަޖެއްސުމަށް. ދަރިފުޅު އެލީއާ ވަކިވާން ވަރަށް އުނދަގޫވި. އެންމެ ހިތްދަތިވި ކަންތައް އެއީ،" ޖަލުގައި ކުރެއްވި ތަޖުރިބާ "މިހާރު"އާ ހިއްސާކުރައްވަމުން ވިދާޅުވި އެވެ.

ޖެހިގެން އައި ދުވަހު ހެނދުނު ހޭލެވުމާ އެކު ހުއްޓުން އަރާފައި އިންނެވުނީ އެވެ؛ މާފުށީ ޖަލުގެ ޔުނިޓު 10ގެ އެ ގޮޅީގެ ހަތަރު ފާރުގެ ތެރޭގައި މުޅިން ވެސް އެކަނިވެރި ކަމެވެ. ސިކުންތެއްގެ ތެރޭގައި އެތައް ހާސް ޝުއޫރެއް ސިކުނޑި އަށް ޖަމާވި އެވެ. އެތައް ސުވާލެއް ހިތު ތެރޭގައި އުފެދުނެވެ. ރާޅު ޖަހާ އަޑު ނޫން އެއްވެސް އަޑެއް އިވިވަޑައެއްނުގަންނަވަ އެވެ.

ޖަލަށް ވަޑައިގެންނެވިއިރު، ދިރިއުޅުއްވި އެޕާޓްމެންޓުން އެހެން ތަނަކަށް އޮތީ ބަދަލުވާން ޖެހިފަ އެވެ. ކުޑަ ދަރިފުޅު ގޮވައިގެން ނަޒޫ އެކަނި އެކަން ކުރައްވާނީ ކިހިނެއްތޯ އާއި އޭނާ ގޭގައި ނޫޅުއްވާތީ ދަރިފުޅުގެ ސުވާލުތަކަށް ދެއްވާނީ ކޮން ޖަވާބެއްތޯ ހިތްޕުޅަށް އަރާވަޑައިގެންނެވި ކަމަށް މަހްލޫފް ވިދާޅުވި އެވެ.

ނޮވެމްބަރު 1، 2016 ގައި މަހްލޫފު ޑޮކްޓަރަށް ދައްކަން މާލެ ގެނެސް އައިޖީއެމްއެޗުގައި.

އޭނާއާ ޖެހިގެން ހުރި ގޮޅީގައި ހުންނެވީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބެވެ. ވަރަށް ބާރަށް ވާހަކަ ދެއްކެވުމުން އަދީބަށް އަޑު އިވިވަޑައިގަންނަވާނެ ކަން މަހްލޫފަށް އެނގިވަޑައިގަންނަވަ އެވެ. އެކަމަކު އެގޮތަށް ވާހަކަ ދައްކަވައިފި ނަމަ، އަނެއްކާވެސް އަދަބެއް ލިބިވަޑައިގެންފާނެތީ ފުރަތަމަ ދުވަހު ގޮޅީގައި މަޑުން އިންނެވީ އެވެ.

ފުރަތަމަ ހުކުމުގައި ޖަލަށް ވަޑައިގެންނެވިއިރު، އެއާ ވިދިގެން ފުލުހުންގެ ދައުރަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި އުފުލި ދައުވާގެ ހުކުމް ވެސް ކުރިއަށް އޮތީކަން އޭނާ އަށް އެނގިވަޑައިގަންނަވަ އެވެ. ދެ ހުކުމުގައި 10 މަސް ޖަލުގައި ހޭދަކުރެއްވި އެވެ. މިދިޔަ ހުކުރު ދުވަހު މިނިވަންވިއަސް، އެއީ އޭނާ އަށް ހައްގު އަދަބުތޯ އަދިވެސް ސުވާލު އުފައްދަވަ އެވެ.

ގޮޅިން ބޭރަށް ނެރޭ ވަގުތު އެހެން މީހުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަ އެވެ. އެ ހިސާބުން މަޑުމަޑުން ހަމައަކަށް އެޅި، ހޭނިވަޑައިގަތީ އެވެ.

"އަޅުގަނޑު ޖަލަށް ލައިގެން ރައީސް ޔާމީން ހީފުޅުކުރެއްވީ އަޅުގަނޑަށޭ އަދަބު ދެވުނީ. އަޅުގަނޑަކަށް ނުވޭ މާ ބޮޑު ކަމެއް. ހަގީގަތަކީ އަޅުގަނޑުގެ ދަރިފުޅު އެލީ އަށް އަނިޔާ ދެވުނީ،" އޭނާ ވިދާޅުވި އެވެ.

ޖަލަށް ގެންދިއުމާ އެކު ދަރިފުޅުގެ މިޒާޖަށް ނަފްސާނީ ގޮތުން ނުރަނގަޅު ބަދަލުތަކެއް އައި ކަން ފާހަގަކުރައްވަމުން މަހްލޫފް ވިދާޅުވީ މިނިވަންވަންދެން ވެސް ދަރިފުޅަށް ވިސްނައިދީފައި އޮތީ އޭނާ ހުންނެވީ ޓްރެއިނިން ޕްރޮގްރާމެއްގައި ކަމަށެވެ.

މަހްލޫފު އިއްޔެ "މިހާރު" އަށް އިންޓަވިއު ދެއްވަމުން އޭނާގެ ދަރިފުޅު އެލީއާ ސަމާސާ ކުރައްވަނީ: މަހްލޫފު ވިދާޅުވީ އޭނާ ޖަލަށް ލުމުން އެންމެ ބޮޑު ގެއްލުމެއް ވީ އެލީ އަށް ކަމަށް.---މިހާރު ފޮޓޯ: ނިޝާން އަލީ

"އާއިލީ ބައްދަލުވުންތަކަަށް ފުރަތަމަ ދާން ފެށީ ޓައީ އަޅައިގެން. އެ ވެސް ދަރިފުޅަށް ނާންގަންވެގެން. ވަރަށް ސުވާލުކޮށް ހެދި،" މަހްލޫފް ވިދާޅުވި އެވެ.

އޭނާ އަށް ލިބިވަޑައިގަތް ހިތްހަމަޖެހުމަކީ އެތަނުގެ ތެރެއިން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) ފަދަ ބޭފުޅުންނާ ބައްދަލުވެވަޑައިގަތުމެވެ. އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރައްވައި، ބައެއް ހުސް ވަގުތުތަކުގައި ނާޒިމާއި އިމްރާނާ އެކު ރާޒުވާ ކުޅުއްވައި ހެއްދެވި އެވެ.

ގޮޅީގައި އެކަނި އޮންނަންވުމުން، ރޭޑިއޯއެއް ބައްލަވައިގެން މިނިވަން ރޭޑިއޯ އަޅުވައިގެން ސިޔާސީ ހަބަރުތައް ބަރާބަރަށް އަޑުއައްސަވާ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގައުމުގެ ކަންކަން ހިނގާ ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގެން ނޫސްބަޔާން ނެރުއްވަން ފެއްޓެވީ، އެއްޗެއް ވިދާޅު ނުވެ ނުހުންނެވިގެން ކަމަށެވެ.

ހުރިހާ ކަމެއް ހިތުހުރި ގޮތަކަށް، މުޅިން ގޯސް!

މާފުށީ ޖަލުގައި ތިބި އޮފިސަރުން ކިތަންމެ ރަނގަޅަސް މަހްލޫފް ދެކެވަޑައިގަންނަވާ ގޮތުގައި އެތަނުގެ ކަންކަން އޮތީ ބޮއްސުންލައިފަ އެވެ. އެތަނުގައި އަމަލުކުރަނީ ލިއެފައި އޮންނަ ގާނޫނާއި ގަވާއިދުތަކަކާ އެއްގޮތަކަށް ނޫނެވެ. އެ ވާހަކަ ސާބިތުކުރައްވަން މަހްލޫފް އެތައް ހެއްކެއް ދެއްކެވި އެވެ.

އޭނާ އަކީ މަޖިލިސް މެމްބަރަކަށް ވިއަސް ގޮޅިއަށް ވެއްދުމާ އެކު އެތަނުގެ ގަވާއިދުތަކާއި އުސޫލްތައް ކިޔައިދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ. އެއީ ގާނޫނުގައި އޮންނަ ގޮތެވެ. އެކަމަކު ކަރެކްޝަނަލް ސާވިސްއަކުން އެކަމެއް ނުކުރެ އެވެ. އާއިލާއާ ބައްދަލުކުރަން ފުރުސަތު ދިނީ ވެސް ގޮޅިއަށް ވެއްދިތާ 10 ދުވަސް ފަހުން ކަން ފާހަގަކުރައްވަމުން ވިދާޅުވީ އެއީ ވެސް އުސޫލާ ހިލާފަށް ކުރި ކަމެއް ކަމަށެވެ.

މަހްލޫފު ޖުލައި 2016 ގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންގެ ބެލުމުގެ ދަށުން ގެންދަނީ: މާފުށީ ޖަލުގެ އޮފިސަރުން އޭނާއާ މެދު ކަންތައް ކުރީ ވަރަށް ރަނގަޅަށް ކަމަށް ވިދާޅުވި.---މިހާރު ފައިލް ފޮޓޯ

"އޮފިސަރުން ރަނގަޅަސް އަމަލުކުރަން މިޖެހެނީ މަތިން އަންނަ އޯޑަރަށް، މިއީ މައްސަލައަކީ" މަހްލޫފް ވިދާޅުވި އެވެ.

ކުރިން ދެ ގަޑިއިރަށް ދިން އާއިލީ ބައްދަލުވުންތައް އެއް ގަޑިއިރަށް އަދި 24 ގަޑިއިރަށް ދިން އެކަހެރި ބައްދަލުވުންތައް 12 ގަޑިއިރަށް ކުރު ކުރުން ފަދަ ކުއްލި ބަދަލުތަކެއް ވެސް ގެނަ އެވެ. މަހްލޫފް ތުހުމަތުކުރައްވާ ގޮތުގައި، މިއީ، ސީދާ އޭނާ އަށް އަމާޒުކޮށްގެން ގެނައި ބައެއް ބަދަލުތަކެވެ.

"އެއީ ސްޕެޝަލް ޕްރޮޓެކްޝަންގައި އަޅުގަނޑުމެން ތިބޭތީ މިގޮތަށް މިހާ ގިނައިރު މި ދެނީ. ވިސްނާލާ އާދައިގެ މީހާ އަށް މިދެނީ މަހަކު އެއް ފަހަރު އާއިލީ ބައްދަލުވުން، އެ ވެސް ހަތަރު ގަޑިއިރު ދޯނީގައި ދަތުރުކޮށްފައި ގޮސް،" މަހްލޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރެއްވުނު އެއް ތަޖުރިބާއަކީ، "ޖަލު ހިންގަވަން ތިއްބެވި ބޭފުޅުންގެ ސިކުނޑި ވަނީ ޖަލެއްގެ ތެރޭގައިި" ކަމެވެ. އުސޫލްތަކެއް ކަނޑައަޅާފައި ހުއްޓަސް ބައެއް ކަންކަން ބަދަލުކުރައްވަނީ، ޖަލު ހިންގަވަން ހުންނަވާ ބޭފުޅެއްގެ ހިތްޕުޅަށް އޭރަކު އަރާވަޑައިގެންނެވި ގޮތަކަށް ކަމަށް ވިދާޅުވި އެވެ.

"ވަރަށް އުފާވާ ވަގުތު ކޮޅެއް، ފެމިލީ އަންނައިރު ކައްކައިގެން ކާ އެއްޗެހި ގެނެވުން އެއީ. އެކަމަކު އެކަން ވެސް ކުއްލިއަކަށް މި ހުއްޓާލީ ކޭކަށް ޑްރަގު އަޅައިގެން ޖަލަށް ވެއްދީއޭ ކިޔާފައި. އެންމެ މީހަކު ކުރި ކަމަކުން ޖަލުގައި ތިބި އެންމެންނަށް އަދަބު،" މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފު އިއްޔެ "މިހާރު" އަށް އިންޓަވިއު ދެއްވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އެއީ ސްކޭން މެޝިންތަކުން ސްކޭންކޮށްގެން ހައްލުވާން އޮތް މައްސަލައެއް ކަން ފާހަގަކުރެއްވި އެވެ. ހޯމަ، ބުރާސްފަތީގައި ސުންނަތް ރޯދަ ހިފާ މީހުން ހާރުކާން ގޮޅިން ނުކުންނަން ހުއްދަ ނެތަސް މޯލްޑިވިއަން އައިޑޮލް ބަލަން ބޭނުންވާ މީހުންނަށް ޝޯ ނިމެންދެން ގޮޅިން ބޭރުގައި ތިބެވޭ ކަމަށް ވިދާޅުވި އެވެ. އެ ޝޯ ބެލެނީ، އެއީ "ގައުމީ ކަމަކަށް ވާތީ" ކަމަށް ކަރެކްޝަނުން ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކީކޭ ބުނާނީ؟ މިވެސް ދެން އެތަނުގައި އުސޫލު ކަނޑައަޅާފައި އޮންނަ ގޮތް،" ކަންބޮޑުވުން ފާޅުކުރައްވަމުން ވިދާޅުވި އެވެ.

މަހްލޫފް ގަބޫލުކުރައްވާ ގޮތުގައި އޭނާ އަށް ޕެރޯލް ދިނުން ވެސް ދިޔައީ، ނާއިންސާފުންނެވެ. ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ބުނެ "އެކަހެރިކޮށްފައި" ބޭއްވުމަކީ އަނިޔާ ކަމަށް ވިދާޅުވި އެވެ. ޕެރޯލް އަށް ކުރިމަތިލެއްވޭނެތޯ އެއްސެވެމުން މަހްލޫފަށް ފުރަތަމަ ޖަވާބު ދިނީ، އޭނާ ޝަރުތު ހަމަނުވާ ކަމަށެވެ. ޖަލުގައި ގައިދީން އޮރިޔާން ކުރާ މައްސަލަ ކުށްވެރިކުރައްވައި ބަޔާން ނެރުއްވަންވެގެން ގާނޫނު ބެއްލެވިއިރު، އޭނާ އަށް ވުރެ ބޮޑަށް ޕެރޯލަށް ޝަރުތު ހަމަވާ އެހެން މީހަކު ނެތް ކަން ސާފުވެވަޑައިގެންނެވި ކަމަށް ވެސް ވިދާޅުވި އެވެ.

"ޕެރޯލަށް އަޅުގަނޑު ޝަރުތު ހަމަނުވާ ކަމަށް އޮޅުވާލަން ދީފައި ހުންނަ ޖަވާބުތަކުގައި ވެސް ޖަހާފައި ހުންނަނީ ނުބައި ގަޒިއްޔާ ނަމްބަރުތައް. އެގޮތަށް ޖަހައި ބާކީ އޮތީ މިވެނި ދުވަހެކޭ ކިޔައި ދުވަސް ވެސް އޮޅުވާލާ، ހުރިހާ މައުލޫމާތެއް ހަމަކޮށްފައި ދިނީމަ ޕެރޯލް ބޯޑަށް ހުށަހަނާޅާ ވެސް ހުރި. ޖުލައި މަހު ޕެރޯލް އަށް ހުށަހެޅެން އޮއްވައި އެކަން ކުރެވުނީ ޑިސެމްބަރު މަހު،" އޭނާ ވިދާޅުވި އެވެ.

އަނެއް މައްސަލައެއްގެ ގޮތުގައި ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރު، ހުކުމް ތަންފީޒުކޮށް ނިމޭ މީހުން ޖަލުން ދޫކޮށްފައި ވަނީ ވެސް ގޯސްކޮށް ކަމަށެވެ. ހުކުމުގެ މުއްދަތު ކަރެކްޝަނަލް ސާވިސް އިން ގުނަނީ ފެބުރުއަރީ މަހުގައި 30 ދުވަސް އޮންނަ ކަމަށް އެތަނުގެ ސިސްޓަމްގައި ޖަހައިގެން ކަމަށް ވިދާޅުވި އެވެ. އެގޮތަށް ގުނައިގެން އެންމެ ދުވަހެއް ގެއްލުނަސް އެއީ ބޮޑު މައްސަލައެއްގެ ގޮތުގައި އޭނާ ދެކެވަޑައިގަންނަވަ އެވެ.

މިދިޔަ ހުކުރު ދުވަހު އޭނާ ދޫކުރީ، ހަތަރު މަސް ވަންދެން ވަރަށް ބޮޑަށް އެކަމާ ޝަކުވާ ކުރައްވައިގެން ކަމަށް މަހްލޫފް ވިދާޅުވި އެވެ. ކަރެކްޝަނުން ގުނާ ގޮތުން ނަމަ، ހުކުރު ދުވަހު މަހްލޫފް މިނިވަނެއް ނުވެ އެވެ.

"މުޅި ކަރެކްޝަނަލް ސިސްޓަމް ވަރަށް ކަމުދޭ. ވެރިންނަށް އަންނަންވީ ތަންކޮޅެއް ތަންދޮރުފިލާ، ސަރުކާރުން ބުނާހާ ގޮތަކަށް މިކަން ނުކުރާނެ ބަޔަކު. އޭރުން ވަރަށް ރަނގަޅަށް ޖަލުގެ ކަންކަން ހިނގާނެ،" މަހްލޫފް ވިދާޅުވި އެވެ.

މިއީ ބަދަލު ހިފުމެއް، މާ ކުރިން ވެސް އެނގޭ

ރައީސް ޔާމީނަށް ޕީޕީއެމްގެ ޕްރައިމަރީ ކާމިޔާބުވެވަޑައިގެން، އިންތިހާބުގެ ކެމްޕޭން ތެރޭގައި ކަންކަން ކުރެއްވި ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގެން ޕީޕީއެމް ދޫކޮށްލައްވަން ހިޔާލުކުރައްވައި އެ ވާހަކަ ޕީޕީއެމްގެ ވައިބާ ގްރޫޕެއްގައި މަހްލޫފް ލިއުއްވި އެވެ. އެ ދުވަހު، މެމްބަރު އަހްމަދު ނިހާނާއި މޫސާ ޒަމީރާއި އަލީ އާރިފް އަދި އަބްދުއްރަހީމް އަބްދުﷲ ވަޑައިގެން އޭނާގެ ގޭގައި އެތައް ވަގުތެއް ހޭދަކުރެއްވި ކަމަށް މަހްލޫފް ވިދާޅުވި އެވެ.

ޕީޕީއެމުން ދުރަށް ވަޑައިގަތުމުގެ ހިޔާލާ އެކު، ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވަން ތިން ފަހަރަށް އެޕޮއިންޓްމަންޓް ވެސް ހެއްދެވި އެވެ. އެކަމަކު، އެކަން ނާކާމިޔާބުވީ، ގެއިން ނިކުމެވަޑައިގަންނަވާނެ ފުރުސަތެއް ވެސް ނިހާންމެން ނުދެއްވުމުން ކަމަށް ވިދާޅުވި އެވެ.

އެ އެންމެން ދެއްކެވި ވާހަކަތައް، ގަބޫލުކުރައްވައި ޕީޕީއެމްގައި މަޑުކުރެއްވީ އެވެ. އޭގެ ފަހުން ރައީސް ޔާމީނާ ނަސަންދުރަ ތެރެއިން ބައްދަލުވެވަޑައިގަތުމުން، "ވެރިކަމަށް ވަޑައިގެން އަޅުގަނޑުގެ ކިބައިން ބަދަލު ހިފާނެތޯ" ރައީސް އަރިހުން އެއްސެވި ކަމަށް މަހްލޫފް ވިދާޅުވި އެވެ.

"އެ ދުވަހު [ރައީސް ޔާމީން] ވިދާޅުވީ ނޫނެކޭ، އެކަމަކު އެކަން ދެއްތޯ މިކުރެއްވުނީ،" މަހްލޫފް ވިދާޅުވި އެވެ.

ޖަލަށް ވަޑައިގަތްއިރަށް ވުރެ ވެސް މާ ބޮޑަށް، މަހްލޫފް ވިދާޅުވި ގޮތުގައި، މިހާރު ރައީސް ޔާމީން ހުންނެވީ ބަލިވެ، އެކަނިވެރިވެފަ އެވެ.

ރައީސް ޔާމީން ގަބޫލުފުޅުކުރައްވަނީ އެމަނިކުފާނުު ވަށައިގެން ތިއްބެވި މަދު ބައެއްގެ ވާހަކަ ކަމަށާއި ހަގީގަތް އޮޅުވާލައި ދައްކާ ވާހަކަތަކުން އެމަނިކުފާނަށް އަދިވެސް މަންޒަރު ސާފުވެވަޑައިނުގަންނަވާ ކަމަށް މަހްލޫފް ވިދާޅުވި އެވެ.

"ހަގީގަތަކީ، މިއަދު ވެސް މި [ހައްޔަރުކޮށްފައި ތިބި ސިޔާސީ] އެންމެން ދޫކޮށްލާފައި ދެން ބްރިޖު ވާހަކަ ދައްކަބަލަ. އޭރުން ގަބޫލުކުރާނެ އެ ދައްކާ ވާހަކަ. ބްރިޖު އެޅިއަސް އައިޖީއެމްއެޗުގެ 25 ބުރީގެ އިމާރާތް ފެނުނަސް ރައްޔިތުން ގަބޫލެއްނުކުރޭ ދައްކާ ވާހަކަތަކެއް. ނިމިގެން ދިޔަ އިންތިހާބުން ވެސް އެ އޮތީ ފެންނަން،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ކަންކަން ކުރާ ގޮތުން ރިޔާސީ އިންތިހާބު އޮންނާނެ ކަމާ މެދު ޝައްކު އުފައްދަމުންދާ ކަން ފާހަގަކުރައްވަމުން ވިދާޅުވީ، އިންތިހާބު ނުބާއްވައި، ރައީސް ޔާމީނަށް ކުރެއްވޭނެ އެއް ކަމެއް ވެސް ނޯންނާނެ ކަމަށެވެ. ލޯކަލް އިންތިހާބު ނުބާއްވަން ސަރުކާރުން ގަދަފައި ވިއްދާފައި އުޅުނު ނަމަވެސް އެންމެ ފަހުން ޖެހުނީ އިންތިހާބު ބާއްވައި ރައްޔިތުންގެ އަޑު އަހަން ކަމަށް ވިދާޅުވި އެވެ.

މަހްލޫފްގެ މިސްރާބު އަނެއްކާވެސް ޕާޓީއަކާ ދިމާލަށް!

ރިޔާސީ އިންތިހާބުގެ ކެމްޕޭނާއި އޭގެ ފަހުން ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ބައެއް ކަންކަން ކުރެއްވި ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގެން މަހްލޫފް ފާޑުވިދާޅުވި އެވެ. ޕީޕީއެމުން، 2015 ގައި އޭނާ ވަކިކުރީ އެ މައްސަލައިގަ އެވެ.

ސަރުކާރަށް ފާޅުގައި ފާޑުވިދާޅުވާން މަޖުބޫރުވެވަޑައިގަތީ، މަހްލޫފް ވިދާޅުވި ގޮތުގައި، "ފްރޭމްކޮށްގެން" ނާޒިމް ހައްޔަރުކުރި ހިސާބުންނެވެ. އޭގެ ފަހުން، މަހްލޫފް ފެނުނީ އިދިކޮޅު މުޒާހަރާތައް ލީޑްކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ. ސިޔާސީ ގިނަ ލީޑަރުންތަކެއް ހައްޔަރުގައި ތިބިއިރު، މަހްލޫފް ދެއްކެވި ހިތްވަރަށް އެތައް ބަޔަކު ތައުރީފް ވެސް ކުރި އެވެ.

ސިޔާސީ ކަންކަމުގެ މިސްރާބު ހުރި ގޮތުން ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަން އެނގިވަޑައިގެން ވެސް ފަހަތަށް ޖެހިވަޑައިނުގަތީ އެވެ. އަދަބަކީ ވިދިވިދިގެން ދެ ހުކުމެވެ.

މިނިވަން މެމްބަރެއްގެ ގޮތުގައި މިހާތަނަށް ކުރެއްވުނު ތަޖުރިބާ އަށް ބަލާއިރު، މަހްލޫފް ވިދާޅުވި ގޮތުގައި، އެންމެ ރަނގަޅު ގޮތަކީ ޕާޓީއެއްގެ ތެރެއިން ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިއުމެވެ. ރައްޔިތުންގެ ހައްގުގައި، މަޖިލީހުގެ ތަޅުމުގައި ބަސް ވިދާޅުވާން ލިބޭ ވަގުތުކޮޅާއި އެހެން ކަންކަމަށް ބަލާއިރު ވެސް މިނިވަން މެމްބަރެއްގެ ގޮތުގައި ހުންނެވުމުން އުނދަގޫތަކެއް ކުރިމަތިވެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

އެހެންވެ، މަހްލޫފް މިހާރު ވިސްނުން ގެންގުޅުއްވަނީ، އިދިކޮޅު ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގަތުމަށެވެ. އެކަމަކު އެއީ ކޮން ޕާޓީއެއް ކަމެއް އޭނާ އަދި ނުނިންމަވަ އެވެ.

"އެންމެ ރަނގަޅު ވަގުތަށް ބަލާފައި، ޕާޓީއަކާ އެކީގައި ދެން ކުރިއަށް ދާނީ،" އޭނާ ވިދާޅުވި އެވެ.

މި ނިންމެވުން ނިންމަވާއިރު، އޭނާ ސިޔާސީ ހަޔާތުގައި އެންމެ ކުރިން އެކުގައި އުޅުނު މީހުންނާ އެއްވެސް ދެކޮޅުވެރިކަމެއް ނެތް ކަމަށް ވިދާޅުވި އެވެ. ނިހާނާއި އަބްދުއްރަހީމާއި އަލީ އާރިފާއި މޫސާ ޒަމީރާއި މުހައްމަދު ހުސެއިން ޝަރީފް (މުންދު) މެން ފަދަ ބޭފުޅުންނަކީ އޭނާ އަދި ވެސް ލޯބިވާ އެއް އާއިލާއެއްގެ ބޭފުޅުން ކަމަށް ވިދާޅުވި އެވެ.

އެ ބޭފުޅުންނާ އޭނާ ދުރަށް ދާން ޖެހިވަޑައިގަތް ސަބަބަކީ، މަހްލޫފް ވިދާޅުވި ގޮތުގައި، ރައީސް ޔާމީނެވެ.

ޕީޕީއެމްގެ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން (ވ) އަދި އަބްދުއް ރަހީމް ބައިވެރިވެވަޑައިގަންނަވަނީ: ޖަލުގައި ހުންނެވިއިރު ވެސް އޭނާގެ ހާލު ނިހާން ދޭތެރެދޭތެރެއިން ބައްލަވަމުން ގެންދެވި ކަމަށް މަހްލޫފު ވިދާޅުވި.---މިހާރު ފައިލް ފޮޓޯ

"ނިހާނަކީ އަދިވެސް އަޅުގަނޑާ ވަރަށް ގާތް، އަދިވެސް ދެކެނީ އާއިލީ މީހެއްގެ ގޮތަށް. ހަމަ އެގޮތަށް މުންދުު ވެސް އަލީ އާރިފް ވެސް. ވަރަށް އުފާވި. ޖަލުގައި ހުއްޓައި އަޅުގަނޑު ދަރިފުޅު އެލީ އަށް ބޮޗޭ [މެމްބަރު ރިފާއު] ހަދިޔާއެއް ދެއްވީމަ. މިއީ އަދިވެސް އަޅުގަނޑުގެ ގާތް މީހުން،" މަހްލޫފް ވިދާޅުވި އެވެ.

ޖަލުގެ އެކަނިވެރިކަމާއި ހިތްދަތިކަމަކީ ރާއްޖޭގެ ހާލަތު މިހާރު އޮތް ގޮތުން، ސިޔާސީ ކުރިމަގު ކުރެއްސެވުމަށް ލިބުނު ފުރުސަތެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ޔުނިޓު 10 އެއްގެ ގޮޅިން، އެތައް ފިލާވަޅެއް ދަސްވެއްޖެ އެވެ. އިންސާނާގެ ނިކަމެތިކަމާއި ކެތްތެރިވާން ދަސްވެ، ކުރިއަށް ވުރެ ވެސް ބޮޑަށް އަޒުމް ވަރުގަދަވެ އުފާވެރި އިހްސާސްތަކެއް ކުރެއްވޭ ކަމަށް ވިދާޅުވި އެވެ.

މަހްލޫފްގެ އަނބިކަނބަލުންނާއި ދަރިފުޅު އެެލީއާއެކު ސެލްފީއެއް ނަންގަވަނީ.--- ފޮޓޯ: ނަޒޫ ފޭސްބުކް

"އަލުން ޖަލަށް ލާފާނެތީ އަސްލު ވަރަށް ބިރުގަނޭ. އެކަމަކު ވެސް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަން. ބާކީ މިއޮތް އަހަރެއްހާ ދުވަހު އެއް ބަޔަކަށް އަނިޔާ ލިބޭނެ، ދެރަ ލިބޭނެ. އެ ދެރަ ލިބޭ މީހުންގެ ތެރޭގައި ހިމެނުނަސް މައްސަލައެއް ނެތް. މަސައްކަތް ހުއްޓައެއްނުލާނަން،" މަހްލޫފް ވިދާޅުވި އެވެ.