މަކަރު ހަދާ އޮޅުލާލުމަކީ އެކަން ރައްދުވާ މީހާއަށް ދެވޭ ވަރަށް ބޮޑު އަނިޔާ އެކެވެ. ފަހުގެ ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ބައިވެރިޔާ ބޭވަފާތެރިވުމަށް ފަހު ނުވަތަ މަކަރުހަދާ އޮޅުވާލުމަށް ފަހު އަމިއްލަ ނަފްސާ ސުވާލުކުރުމަކީ އިތުރު ގެއްލުންތަކެއް އެމީހަކަށް ލިބޭނެ ކަމެކެވެ.
"ގޯސްކޮށް ކުރެވުނީ ކޮން ކަމެއް" ތޯ އުފެދޭ ސުވާލަކީ ސައިންސްވެރިން ބުނާ ގޮތުގައި އެމީހާއަށް ޖިސްމާނީ އަދި ނަފްސާނީ އަސަރުތައް ކުރާލެއް އިތުރުވެގެންދާނެ ސުވާލެކެވެ.
ޔުނިވަސިޓީ އޮފް ނެވާޑާ ރޭނޯ (އެމެރިކާ) ގެ ސައިންސްވެރިން ހަދާފައިވާ މި ދިރާސާގައި ބުނެފައިވާ ގޮތުގައި ހަޔާތުގެ ބައިވެރިޔާ ބޭވަފާތެރިވާކަން އެނގޭ ވަގުތަކީ ކޮންމެ މީހެއްގެ ހަޔާތުގައި ވެސް އަންނާނެ އެންމެ ސްޓްރެސް ބޮޑު ވަގުތެވެ. އެހެންވެ ސައިންސްވެރިން މިފަހަރުގެ ދިރާސާގައި ހޯދާފައިވަނީ ބައިވެރިޔާގެ ބޭވަފާތެރިކަމުން ވަކިވަކި ފަރުދުންނަށް އަސަރުކުރާ ގޮތެވެ. އަދި މަކަރު ހަދައިފިކަން އެނގުމުން އަނެއް މީހާގެ ދިރިއުޅުމަށް ކުރާ އަސަރުތަކެވެ.
މި ދިރާސާ ކުރުމަށް ސައިންސްވެރިން ވަނީ ކޮލެޖުގައި ކިޔަވާ، ދުވަސްކޮޅެއް ކުރިން ބައިވެރިޔާ ބޭވަފާތެރިވުމުގެ ހިތާމަތަކެއް ކޮށްފައިވާ 232 ކުދިންނާ ސުވާލުކޮށް އެކަމުގެ ސަބަބުން އެކުދިންގެ ދިރިއުޅުމަށް ކުރި އަސަރުތަކާއި ތަޖުރިބާތައް އޮޅުންފިލުވާފަ އެވެ.
ސައިންސްވެރިންނަށް އެނގުނު ގޮތުގައި ބޭވަފާތެރިކަމުގެ ޝިކާރައަކަށްވާ މީހުންގެ މިޒާޖަށް އެކަމުން އަސަރުތަކެއް ކުރެ އެވެ. އަދި މަކަރު ހެދުމާ ބެހޭ ގޮތުން އެމީހުން ދެކޭ ގޮތް ބަދަލުވެ އިތުބާރު ގެއްލެ އެވެ.
މި ދިރާސާގައި ބުނި ގޮތުގައި މިފަދަ މީހުންނަށް ކުރާ ނޭދެވޭ އަސަރުތަކުގެ ތެރެއިން އެންމެ ނުރަނގަޅު އަސަރަކީ އެކަންތައްތައް ދިމާވީ ތިމާގެ ކުށުން ކަމަށް ގަބޫލު ކުރެވިގެން ސިއްހަތަށް ނުސީދާކޮށް ދެވޭ ގެއްލުންތަކެވެ. އަދި މިގޮތަށް ސައިކޮލޮޖިކަލް ސްޓްރެސް ކުރިމަތިވާ މީހުން ވަރަށް ގިނަ ފަހަރަށް، މަސްތުވާތަކެތީގެ އަވައިގައި ޖެހޭ ކަން ސައިންސްވެރިން ފާހަގަކޮށްފައިވެ އެވެ. އަދި މިފަދަ މީހުން ކެއިން ބުއިމަށް ދޭ ސަމާލުކަން ކުޑަވެ ގެއްލުން ލިބޭ ކަހަލަ ކަންތައްތައް ކުރަން ފަސް ނުޖެހޭ ކަން ވެސް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.
ދިރާސާއިން ސައިންސްވެރިންނަށް ފާހަގަކުރެވުނު އަނެއް ކަމަކީ ބައިވެރިޔާ ބޭވަފާތެރިވުމުން އެކަމުގެ ޒިންމާ އޭނާގެ ބޮލުގައި އަޅުވާ މީހުން އަމިއްލަ ނަފްސަށް ގެއްލުންދީ ހެދުން މަދުކަމެވެ. މި އަސަރުތައް ފިރިހެނުންނަށް ވުރެ ބޮޑަށް ކުރަނީ އަންހެނުންނަށް ކަމަށްވެ އެވެ.
މި ދިރާސާގެ ބައިވެރިންނަކީ 20 ގެ އަހަރުތައް ގުނަމުންދާ ޒުވާނުންނެވެ. ސައިންސްވެރިން ބުނަނީ އުމުރުން ދުވަސްވާ ވަރަކަށް ނަތީޖާ ދައްކާ ގޮތަށް ބަދަލު އަންނާނެ ކަމަށެވެ.