ރައީސް އަބްދުﷲ ޔާމިނާއި އެ މަނިކުފާނަށް ވާގިވެރިވާ މީހުން ދިވެހި ރައްޔިތުންނަށް ބޭއިންސާފުން އަނިޔާ ކުރަމުންދާ ނަމަ، އެ މަނިކުފާނާ ހަމައަށް ވެސް ކޮންމެވެސް ދުވަހަކުން ގާނޫނީ ދިގު އަތް ފޯރާނެ ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް މިރޭ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ޖަލުން މިނިވަންވުމާ ގުޅިގެން އޭނާގެ ޝަރަފުގައި އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ޝިފާޒް ވިދާޅުވީ އިންސާފު ހޯދަން ނުކުތް ދަތުރުގައި މިހާތަނަށް އެތައް ބަޔަކަށް ނުހައްގުން، މި ސަރުކާރުން އަނިޔާ ދީފައިވާ ކަމަށެވެ.

"އެތައް ބަޔަކު އަދިވެސް މާފުށީ ޖަލުގަގައި އެބަތިބި. އަދި ދޫނިދޫ ޖަލުގައި ވެސް އެބަތިބި،" އޭނާ ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވި ގޮތުގައި އެމްޑީޕީ އާއި އަދި އެ ޕާޓީއާ ގުޅިގެން މަސައްކަތް ކުރާ އެއްވެސް ސިޔާސީ ޕާޓީއަކުން ބޭއިންސާފުން އަނިޔާ ލިބޭ އެއްވެސް ރައްޔިތަކު އެކަހެރިއެއް ނުކުރާނެ އެވެ.

"މިއަދު ވެސް މާދަމާ ވެސް އަދި އަނެއް ދުވަހު ވެސް އިންސާފު ގާއިމު ކުރުމަށްޓަކައި ކުރަން ޖެހޭ ކޮންމެ މަސައްކަތެއް އަޅުގަނޑުމެން ސާބިތުވެ ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،" ވަރަށް ގިނަ އަދަދެއްގެ ބަޔަކު ދިޔަ ޖަލްސާގައި އޭނާ ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވީ އަނިޔާވެރި ވެރިންގެ ކުރިމަތީގައި ހިތްވަރު ކުރުމަކީ އުނދަގޫ ކަމެއް ކަމަށެވެ. އެހެން ނަމަވެސް އެފަދަ ވެރިންގެ ކުރިމަތީގައި ކާމިޔާބީީއެއް ލިބޭނެ ގޮތަކީ ނުގުޑާ ފަދަ އަޒުމެއް ކަމަށް ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވީ ޖަލުގައި 10 މަހާއި 24 ދުވަސް ހޭދަ ކުރައްވައި މަހްލޫފް ސާބިތުކޮށް ދެއްވީ އެ ހިތްވަރާއި އަޒުމް ކަމަށެވެ.

"ރައީސް ޔާމީންގެ އެެފަދަ ހިތްވަރެއް ނެތް. އަޅުގަނޑުމެން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުން ކުރައްވާ މި މަސައްކަތް ބަލިކަށި ކޮށްލެވޭނެ އެއްވެސް ހިތްވަރެއް ރައީސް ޔާމީން ގެއެއް ނެތް،" ޝިފާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީން މިހާރު ކުރައްވާހާ ވެސް ކަމަކީ ސިޔާސީ މީހުން ހައްޔަރުކޮށް ނުހައްގުން އަނިޔާ ދެއްވުން ކަމަށެވެ.

"ހައްޔަރު ކުރަންވީމާ މި ފެންނަނީ އިންޓެލިޖެންސް ރިޕޯޓެއް. އެ ފެންނަ ރައްޔިތަކު ނޫޅޭ. އޭގައި އޮންނަ އެއްޗެއް އެނގޭ ރައްޔިތަކު ވެސް ނެތް. ހައްޔަރުކޮށްފައި ބަހައްޓަންވީމަ ހެކި ފޯރުވާނެތީ، ނުފޫޒް ފޯރުވަފާނެތީ ހައްޔަރުކޮށްފައި ބަހައްޓަނީ،" ޝިފާޒް ވިދާޅުވި އެވެ.

"މިއަށް ވުރެ ތަހުޒީބު ވާން ވެއްޖެ. މި ރާއްޖޭގެ ރައްޔިތުންނަކީ ތަންދޮރު އޮޅުން ފިލާ ބައެއް."

ޝިފާޒް ވިދާޅުވީ ރާއްޖޭގައި ގާނޫނުތަކާއި އުސޫލްތައް ހެދިފައި އެބަހުރި ކަމަށާއި ޑިމޮކްރެޓިކް ނިޒާމް ދަމަހައްޓަން ކުރާ މަސައްކަތަށް، ކުރާ އަނިޔާއަކާ ބިރަކުން ނުހުއްޓުވޭނެ ކަމަށެވެ.

"އަޅުގަނޑުމެން އެންމެން މި ތިބީ ކެރިގެން ނުކުމެ. ހުރިހާ ބޭފުޅުން ވެސް ގެންދެވިދާނެ. އެކަމަކު ހަގީގަތަކީ ދެނެއް މި ރާއްޖޭގެ ރައްޔިތުންނެއް އަނިޔާވެރި ކަމަކަށް އާއެކޭ ނުބުނާނެ. އަދި ރައްޔިތުން ހުދުމުހުތާރު އުސޫލަކަށް އާއެކޭ ބުނެފަނާ ނުތިބޭނެ،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީން މިރޭ ބޭއްވި ޖަލްސާގައި މަހްލޫފު ވާހަކަ ދައްކަވަނީ.
އެމްޑީޕީން މިރޭ ބޭއްވި ޖަލްސާގައި މަހްލޫފު ވާހަކަ ދައްކަވަނީ.

ޝިފާޒް ވިދާޅުވި ގޮތުގައި ގާނޫނުއަސާސީން ވަނީ ރައްޔިތުންނަށް ވަރަށް ފުޅާކޮށް މިނިވަންކަން ލިބި ދީފަ އެވެ. އެހެންވެ ރައްޔިތުންގެ އަނގަ ބަންދު ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

"ރައީސް ޔާމީން ގަބޫލު ކުރައްވަން ޖެހޭ އެ މަނިކުފާނު އެކަންޏެއް ނޫންކަން މި ރާއްޖޭގެ ގާނޫނުތައް ދަންނަކީ. ކަމެއްވާ ކޮންމެ ފަހަރަކު ނުކުމެ ގާނޫނުގެ ދިގު އަތް ފޯރާނޭ [ވިދާޅުވާނެ]. ދިގު އަތް އަޅުގަނޑުމެންނަށް ވެސް އެނގޭ. އެ ފޯރަން ފެށީމާ ނޫޅުއްވާތި ތިމަން މަނިކުފާނަށް ރެކެވިދާނެ ކަމަށް،" ޝިފާޒް ވިދާޅުވި އެވެ.

"...މި ކުރާ މަސައްކަތުގެ އާޚިރު ނަތީޖާއަކަށް ވާނީ ރައީސް ޔާމީން ވެސް އަދި އެ މަނިކުފާނަށް ވާގިވެރިވާން ކައިރީގައި ތިއްބެވި މަދު ބޭފުޅުންނާ ހިސާބަށް ވެސް އިންސާފު އަރާ ހަމަ ކުރާނެ."

ޝިފާޒް ވިދާޅުވީ ބޭއިންސާފުގެ މައްޗަށް ވެސް އަބަދު ވެސް އިންސާފު ކާާމިޔާބު ހޯދާނެ ކަމަށެވެ.

"މި އަކުންނެއް އަޅުގަނޑުމެން އެކަކަށް ވެސް ރެކިއެއް ނުގަނެވޭނެ،" ޝިފާޒް ވިދާޅުވި އެވެ.