މޯލްޑިވްސް އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރު އަބްދުﷲ އަލްގީން އެ މަގާމުން ވަކިކުރައްވައި އެންވަޔަރުމެންޓް މިނިސްޓަރުގެ ނައިބަކަށް މިއަދު އައްޔަން ކުރައްވައިފި އެވެ.
އަލްގީން އަކީ ރައީސް އަބްދުﷲ ޔާމީންގެ އެއްބަނޑުއެއްބަފާ ބޭފުޅެކެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓަރުގެ ނައިބަކަށް އަލްގީން އައްޔަން ކުރެއްވިއިރު، އޭނާއާ އެކު އެ މަގާމުގައި މިހާރު ވެސް އަށް ބޭފުޅަކު އެ މިނިސްޓްރީގައި ތިއްބަވަ އެވެ. އެއީ ތިން ނައިބުންނާއި ފަސް ސީނިއާ ޕޮލިސީ އެގްޒެކެޓިވުންނެވެ.
ސިޔާސީ މަގާމުތަކުގެ އޮނިގަނޑު މިހާރު ހަމަޖައްސާފައިވާ ގޮތުން ސީނިއާ ޕޮލިސީ އެގްޒެކެޓިވުންނަކީ ވެސް މިނިސްޓަރުގެ ނައިބުގެ ފެންވަރުގެ މަގާމެކެވެ. ސީނިއާ ޕޮލިސީ އެގްޒެކެޓިވުންނަކީ އެ މިނިސްޓްރީއެއްގައި ޕޮލިސީ ފެންވަރުގައި ކަންކަން ނިންމަވާ ބޭފުޅުންނެވެ.
އަށް ޑެޕިއުޓީ މިނިސްޓަރުންގެ އިތުރުން ހަތަރު ސްޓޭޓް މިނިސްޓަރަކު ވެސް ތިމާވެއްޓާ ބެހޭ މިނިސްޓްރީގައި މިހާރު ތިއްބަވަ އެވެ. އެންމެ ފަހުން އެތަނުގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވީ ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުއް ޝުކޫރު އެވެ.