ސުމޭދު ގެއްލުނުތާ ހަފުތާއެއް، ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް

ދެ އެކުވެރިންނާ އެކު މަހަށް ގޮސް އުޅެނިކޮށް ފުލުސް މީހެއް ކަމަށްވާ މުހައްމަދު ސުމޭދު ގެއްލުނުތާ ހަފުތާއެއް ވެއްޖެ އެވެ. ފުލުހުން ބުނާ ގޮތުގައި އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.


ސުމޭދާ އެކު މަހަށް ދިޔަ ފޭދޫ ފަހާގޭ ހުސައިން ސައީދާއި ބެންހާގޭ އިބްރާހީމް ނާއިފް ބުނާ ގޮތުގައި ބޮޑު ރާޅަކާ އެކު ޑިންގީ ބަންޑުން ޖަހާލީ އެވެ. އެ ދެ މީހުން ސަލާމަތްވީ ފަތާފައި ގޮސް ފަޅުރަށަކަށް އެރުމުން ކަމަށް، އެ މީހުން ބުނެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސުމޭދު ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފުން ހުއްޓާނުލައި ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން ކަނޑުގެ ބޮޑު ސަރަހައްދެއް ބަލައި، ބަައެއް ހިސާބުތަކަށް ޑައިވްކޮށްފައި ވެސް ވެ އެވެ.

މޫދުގައި ސުމޭދު އެންމެ ފަހުން އޮތް ހިސާބުކަމަށް އަނެއް ދެ މީހުން ބުނާ ސަރަހައްދުން އޭނާގެ ފޯނު ވަނީ ފެނިފަ އެވެ. ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނިކޮށް މި މަހުގެ ފަސް ވަނަ ދުވަހު ސުމޭދުގެ ފޯން ކަމަށް ބެލެވޭ ފޯނެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ފޯން ފެނިފައި ވަނީ ސުމޭދު މަހަށް ދިޔަ ޑިންގީ "ބަންޑުން ޖަހާލި" ކަމަށް ބުނާ ސަރަހައްދާ ދިމާލުގައި އޮތް ފަޅު ރަށް މަޑިހެރަ ކައިރިންނެވެ.

ސުމޭދު ހަބަރެއް ނުވެގެން ހޯދަމުން އަންނަ އިރު، އޭނާއާ އެކު ޑިންގީގައި މަހަށް ދިޔަ އަނެއް ދެ މީހުން ވަނީ ސަލާމަތްވެފަ އެވެ. އެ މީހުން ސަލާމަތްވީ ކަނޑުވުމުން ޝަންގްރިއްލާ ވިލިގިލި ރިސޯޓް ކައިރީގައި އޮތް ފަޅު ރަށަށް އަރައިގެންނެވެ.

ހުސައިން ބުނި ގޮތުގައި މި މަހުގެ 4 ވަނަ ދުވަހު ހަވީރު އެ މީހުން މަހަށް ނުކުމެ އުޅެނިކޮށް ކަނޑުވީ، 17 ފޫޓުގެ ޑިންގީ އަށް ޖެހި ބޮޑު ރާޅަކާ އެކުގަ އެވެ.

އެހެން ނަމަވެސް އޭގައި ހުރި ހުރިހާ އެއްޗަކާ އެކު ޑިންގީ ފެނިފައިވާތީ ޑިންގީ ބަންޑުން ޖަހާލީ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ސުމޭދުގެ އާއިލާ އިން ވަނީ ބުނެފަ އެވެ.

އަދި ފުލުހުން ވެސް ވަނީ ޑިންގީ ބަންޑުން ޖަހާލިކަން ކަށަވަރު ނުވާ ކަމަށް ބުނެފަ އެވެ.

މި ހާދިސާ ތަހުގީގު ކުރަން ފުލުހުންގެ ހާއްސަ ޓީމެއް އައްޑޫގައި ހަރަކާތްތެރިވަމުން އަންނަ އިރު، ޑިންގީ މިހާރު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.