ޑިންގީ ބަންޑުން ޖަހާލީ ބޮޑު ރާޅަކާ އެކު

އައްޑޫ ގަން ކަނޑަށް އިއްޔެ ހަވީރު ތިން މީހުންނާ އެކު މަހަށް ނިކުމެ އުޅެނިކޮށް ޑިންގީ ބަންޑުން ޖަހާލީ ފަހަތުން ނެގި ބޮޑު ރާޅެއްގައި ކަމަށް، ސަލާމަތްވި އެކަކު މިއަދު ބުނެފި އެވެ.


ޑިންގީ ބަންޑުން ޖަހާލުމުން ގެއްލުނު ފުލުސް މީހާ މުހައްމަދު ސުމައިދު، އާބިން، ހިތަދޫ، ހޯދުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރަމުންނެވެ. ފަތާފައި ގޮސް ކައިރީގައި އޮތް ފަޅުރަށަކަށް އަރައިގެން ސަލާމަތްވީ ފޭދުއަށް ނިސްބަތްވާ ހުސެއިން ސައީދު އާއި އަހުމަދު ނާއިފެވެ.

ހާދިސާ ހިނގި ގޮތް ކިޔައިދެމުން ހުސެއިން ބުނީ އެ މީހުން މަހަށް ނުކުތީ ރޯދަ ވީއްލައިގެން ރަށަށް އަންނަ ގޮތަށް ކަމަށެވެ. މިއީ އެ މީހުންނާ އެކު ސުމައިދު މަހަށް ދިޔަ ފުރަތަމަ ދުވަސް ކަމަށް ވެސް އޭނާ ބުންޏެވެ.

މަރަދޫފޭދޫ ބަނދަރުން ޑިންގީގައި އެ މީހުން މަހަށް ނުކުތީ ހަވީރު 4:30 ހާއިރު އެވެ. ހާދިސާ ކުރިމަތިވީ ހައެއް ޖަހާކަންހާއިރު އެވެ.

ހުސެން ބުނި ގޮތުގައި ކަނޑު ގަދަައެއް ނޫނެވެ. އަދި އޮއި ވެސް ބާރެއް ނޫނެވެ. އެކަމަކު ޑިންގީ އޮތް ހިސާބާ 200 ވަރަކަށް ފޫޓު ދުރުން ބޮޑެތި ރާޅުތައް ނަގަމުން އަންނަ ތަން ފެނުނު ކަމަށް އޭނާ ބުންޏެވެ.

"ފަހަތުން ރާޅު އައިކަން އެނގުނު އިރު ވިއްސަކަށް ފޫޓް ކައިރިވެއްޖެ. އެހެންވެ ދުއްވާލާނެ ވަގުތެއް ނުލިބިގެން އުޅެނިކޮށް ޑިންގީ ބަންޑުން ޖަހާލީ،" ގަން އެއާޕޯޓްގައި ވަޒީފާ އަދާކުރާ ހުސައިން ބުންޏެވެ.

އޭރު ސުމައިދާއި ނާއިފު ތިބީ ދޮށި އެއްލައިގެންނެވެ.

ފުލުހުންގެ ޓްވީޓްތަކެއް.

ސަތާރަ ފޫޓްގެ ޑިންގީގައި އާންމުކޮށް މަހަށް ނިކުމެ އުޅޭ ހުސައިން ބުނީ ޑިންގީ ބަންޑުން ޖަހާލުމުން އޭތި އަލުން ނަގައިގެން ހަތަރު ވަރަކަށް ފަހަރު އެރި ކަމަށެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކު ވެސް ބަންޑުން ޖަހާލީ ކަމަށް އޭނާ ބުންޏެވެ.

"އޭރު ފަޅުރަށުގެ ފަރާ ހިސާބުގައި އަހަރެމެން ތިބީ. ދެން ރާޅާ އެކު ޑިންގީ ޖަހަމުން ގޮސް އެ ރަށުގެ ފަޅުތެރެއާ ހަމައަށް އަހަރެން ދިޔައީ. އޭރު ވެސް ނާއިފާއި ސުމައިދު އަތުން ހަނާ އަޅާ، އަދި އަންނަން މަސައްކަތް ކުރަމުންދާ ކަމަށް ބުނަމުން ދިޔަ،" ހާދިސާގައި ބޯ ވެސް ފަޅައިގެން ދިޔަ ހުސެއިން ކިޔައިދިނެވެ.

އޭނާ ބުނީ ރަށަށް އެރުމަށް ފަހު، ހިކި ފަނެއްގައި ލައިޓަރުން އަލިފާން ރޯކޮށްގެން އެހެން ބައެއްގެ ސަމާލުކަން ލިބޭތޯ މަސައްކަތްކުރި ކަމަށެވެ.

"އެއް ފަހަރު ފެނުނު ލޯންޗެއް ވެސް ދިޔަ ތަން. އެކަމަކު ބޮޑަށް ހީވަނީ އެ މީހުންނަށް އަހަރެމެން ނުފުންނަނީހެން،" ހުސެއިން ބުންޏެވެ.

"ދެން ނާއިފު ގޮވާ އަޑު އިވިގެން ބެލި އިރު، އޭނާ ހުރީ ކަކޫ ޖަހާލައިގެން ގޮނޑުދޮށާ ހިސާބުގައި. އޭރު ވަރަށް ބޮޑަށް އަނދިރި ވެސް ވެއްޖެ. ސުމައިދު ކޮބައިހޭ އެހީމާ ބުނީ އެ ދިމާލުގައި އެބަ އޮތޭ ފްލޯޓްކޮށްގެން. ފައިގައި ވަރަށް ގަދަ އަށް ރިއްސާ ކަމަށް ބުންޏޭ. އެކަމަކު ފަހުން އޭނާގެ އަޑެއް ނީވޭ."

ހުސެއިން ބުނީ ވަރަށް ބޮޑަށް އަނދިރިވުމުން އޭނާ އާއި ނާއިފް ދެން މަސައްކަތް ކުރީ ކައިރީގައި އޮތް ޝަންގްރިއްލާ ރިސޯޓަށް ދާން ކަމަށެވެ.

"އަހަރެމެން ތިބި ފަޅުރަށުން ޝަންގްރިއްލާ އަށް ދެވެން އޮތީ މެޔާ ހަމައަށް އޮތް އޮޅި ހުރަސްކޮށްފައި. ދެން ބައި ގަޑިއެއްހާ އިރު މަސައްކަތްކޮށްގެން ޝަންގްރިއްލާ އަށް ދެވޭ ވަރުވީ،" ހުސެއިން ބުންޏެވެ.

"އެރަށަށް އަރައިގެން ކުރިއަށް ދިޔަ އިރު، ބަންދުކޮށްފައި އޮންނާތީ އެކި މަގުތަކުން ހިނގަމުން ދަނިކޮށް ބަގީއެއް ދުއްވާ ތަން ފެނިގެން ހަޅޭއްލަވައިގަތީމަ އޭތި އައީ. ދެން އޭގައި އިން މީހާގެ އެހީތެރިކަމާ އެކު އެމްއެންޑީއެފަށް ރިޕޯޓް ކުރީ."

ހުސައިން ބުނީ ޝަންގްރިއްލާ އިން އެ މީހުންނަށް އެހީތެރިވެ ދިން ކަމަށެވެ. އެގޮތުން ބޮލުން ފެޅިފައި ހުރި ތަން ފަހައިދީ، ބޭސް އަޅައި ދިން ކަމަށް ބުންޏެވެ.

"އެ މީހުން ކައިރީ އަހަރެމެން އެދުނިން ލޯންޗެއްގައި އެ ދިމާލަށް ގޮސް ސުމައިދު ހޯދައި ދޭން ވެސް. އެކަމަކު އެވަގުތު އެކަން ކުރެވޭ ގޮތެއް ނުވި،" އޭނާ ބުންޏެވެ.

ހުސައިން ބުނީ ކޯސްޓް ގާޑް އައުމުން ޑިންގީ ބަންޑުން ޖަހާލި ސަރަހައްދު އެ މީހުންނަށް ވަރަށް ރަނގަޅަށް ކިޔައިދިން ކަމަށެވެ. އޭރު ޑިންގީ އޮތީ އެމީހުން އެރި ފަޅުރަށަށް ލައްގައިފަ އެވެ. ނާއިފާއި ހުސައިން ފޭދު އަށް ގެނައީ ކޯސްޓް ގާޑްގަ އެވެ. އަދި އެ މީހުންނަށް ފޭދޫ ސިއްހީ މަރުކަޒުން ވެސް ފަރުވާ ދިނެވެ.

އެކަމަކު އެއްވެސް މީހަކަށް ސީރިއަސް ގެއްލުމެއް ނުވެ އެވެ.

ސުމައިދަށް ވީ ގޮތް ނޭނގޭތީ ހުސެއިން އާއި ނާއިފްގެ ކަންބޮޑުވުން ވަރަށް ބޮޑެވެ.

ޑިންގީ ބަންޑުން ޖަހައިލި ހާދިސާގައި ގެއްލިގެން ހޯދަމުން އަންނަ ސުމެއިދު

"އޭނާއަކީ އަސްލު ކަނޑުމައްޗަށް ވަރަށް ގަދަ ވެސް މީހެއް. އަނެއްކާ ޕޮލިސް ޓްރޭނިން ހަދާފައި ހުރީމަ ވެސް އަހަރެމެންނަށް ވުރެ އޭނާ މާ ގަދަ ވާނެ ކަމަށް ގަބޫލުކުރަނީ،" ހުސެއިން ބުންޏެވެ.

"މިކޮޅުގައި އުޅޭ ބައެއް ޕޮލިހުން ވެސް ބުނޭ ސުމައިދު ކަނޑުމައްޗަށް ވަރަށް ގަދަވާނޭ."

ސުމައިދަށް 27 އަހަރު ވީ އިއްޔެ އެވެ. ފުރަންވެގެން އޭނާ އައުން ލަސްވާތީ އޭނާ ނުލައި މަހަށް ނައްޓާލާ ވާހަކަ ވެސް ގުޅާފައި ހުސެން ބުންޏެވެ.

"އަހަރެމެން ގުޅާފައި ބުނިން މިއަދު ކަލޭ ބަހައްޓާފައޭ ދާނީ. އެހެން ކިޔަކިޔާ ތިއްބައި އޭނާ ހިތަދޫގައި ހުރެފައި ރައްޓެއްސަކާ އެކު ކާރުގައި އައީ،" ހުސައިން ކިޔައިދިނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އޭނާ ހޯދުމުގެ އޮޕަރޭޝަނުގައި ފުލުހުންނާއި އެމްއެންޑީއެފާއި ބައެއް އާންމުން ވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މިއަދު ހެނދުނު އެ މަަސައްކަތް ފެށީ އެމްއެންޑީއެފްގެ ހެލިކޮޕްޓަރު ބޭނުންކޮށްގެންނެވެ.

ސުމައިދަކީ ވަޅި ހިފައިގެން މީހަކު ފޭރެން އުޅުނު ދެ ކުށްވެރިޔަކު ހުއްޓުވަން ބިރެއް ނެތި ކުރިމަތިލައި، އައްޑޫގެ އެތައް ބައެއްގެ ތައުރީފް ހޯދި ފުލުހެކެވެ.