އިއްސެ މަރާލިކަމަށް ބަންގްލަދޭޝް މީހާ އެއްބަސްވެއްޖެ

ހއ. އިހަވަންދޫގައި ހުންނަ މިފްކޯގެ އައިސް ޕްލާންޓްގެ މެކޭނިކް އިސްމާއިލް އުމަރު (އިއްސެ) އަށް ހަމަލާދީ މަރާލި ކަމަށް، އެ ގަތުލުގެ ތުހުމަތުގައި ހައްޔަރުކުރި އެތަނުގެ ބަންގްލަދޭޝް މުވައްޒަފު އެއްބަސްވެއްޖެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


އިއްސެގެ މަރާ ގުޅިގެން ފުލުހުން އާއްމުކުރި ބަޔާނުގައި ބުނީ ވަޅި ހަރައި އޭނާ މަރާލި ކަމަށް އެއްބަސްވީ، އައިސް ޕްލާންޓުގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލާދޭޝްގެ ރައްޔިތެއް ކަމަށްވާ ޝުމޮން މިއާ ކަމަށެވެ. އިއްސެ އަށް ހަމަލާ ދޭން އޭނާ ބޭނުންކުރި ވަޅި އާއި ހަމަލާ ދިންއިރު ލައިގެން ހުރި އަންނައުނު ވެސް މިހާރު ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި އިއްސެގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކުރުމުން، ފުލުހުން އައިސް ޕްލާންޓަށް ގޮސް ބެލިއިރު އެތަނުގެ އޮފީސް އަދި އެކޮމޮޑޭޝަން ބްލޮކަށް ވަންނަ ދޮރުގައި ވެސް ލޭ ހުއްޓެވެ. އިއްސެގެ ހަށިގަނޑު ފެނުނީ، އައިސް ޕްލާންޓުގެ އައިސް ޕްރޮސެސިން ޔުނިޓުގެ ތެރޭގައި އޮއްވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ސޯޝަލް މީޑިއާގައި އާއްމުވާ ފޮޓޯތަކުން ފެންނަ ގޮތުގައި ސިމެންތިން ހަދާފައި ހުރި ހަނި ދޭތެރެއެއްގައި އިއްސެ އޮތީ ބަރަހަނާ ހާލުގަ އެވެ. އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހެރުމުން ފޭބި ލޭތައް ވެސް އެ ގޮޅި ތެރޭގައި ހުއްޓެވެ.

ފުލުހުންގެ ބަޔާނުގައި ބުނީ އިއްސެގެ މަރަކީ ބަޔަކު ގަސްދުގައި ހިންގާފައިވާ ލާއިންސާނީ އަމަލެއް ކަމަށާއި އޭގައި ހިމެނޭ ކަމަށް ތުހުމަތުކުރެވޭ ހަތަރު ބިދޭސީން ވެސް މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.

"މި މައްސަލަ ފުލުހުން ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުންނެވެ. މި މައްސަލާގައި ޝާމިލްވާ ހުރިހާ ފަރާތްތަކެއް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ފުލުހުން ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުން ދާނެ ވާހަކަ ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.

އިއްސެ އަށް ހަމަލާދީ މަރާލި ސަބަބެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އިއްސެގެ މަރާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކުރި ޝުމޮން މިއާގެ އަތެއްވާ ކަމަށް ރައްޔިތުން ޝައްކުކުރީ، އިއްސެ މަރާލާފައި އޮއްވާ ފެނުނުތާ ތިން ދުވަސް ކުރިން އޭނާ ރަށުން ފިލުމުންނެވެ. އެ މީހާ ހޯދަން އިއްސެ އާއި އޭނާގެ ގާތް މީހުން މަސައްކަތް ކުރި ނަމަވެސް ނުފެނުމުން ނިންމައިގެން ތިބީ އޭނާ ފިލައިގެން ދިއްދުއަށް ދިޔައީ ކަމަށެވެ.

އެކަމަކުު އިއްސެ މަރާލި ރޭ ޝުމޮން ޑިންގީއެއްގައި އިހަވަންދޫން ފުރައިގެން ހޯރަފުށްޓަށް ދިޔަކަން އެނގުމާ އެކު، އިއްސެގެ މަރުގެ ފަހަތުގައި އޭނާގެ އަތެއް ވާ ކަމަށް އިހަވަންދޫ މީހުންނަށް ޝައްކުކުރެވުނީ އެވެ. އިހަވަންދޫން ވާހަކަ ދެއްކި މީހުން ބުނެފައިވާ ގޮތުގައި ޝުމޮންއާ އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށް އިއްސެ ވަނީ ބުނެފަ އެވެ. އޭނާ ފިލީ ބޮޑު މުސާރައެއް ހޯދަން އެހެން ތަނަކަށް ދާން ވެގެން ކަމަށް އިއްސެ ގަބޫލުކުރި ކަމަށް ވެސް "މިހާރު"އާ ވާހަކަ ދެއްކި މީހަކު ކިޔައިދިނެވެ.