އަދީބާއި ޒިޔަތު އަށް އަހަރަށް ހާމިދު ދެ އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތާއި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލްގެ މައްޗަށް ކުރި ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި އެ އެންމެން ޖަލަށްލާން ކްރިމިނަލް ކޯޓުން މިރޭ ހުކުމްކޮށްފި އެވެ.


އަދީބާއި ޒިޔަތު އަށް އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރި އިރު ހާމިދަށް އިއްވީ ދެ އަހަރާއި ނުވަ މަހާއި 18 ދުވަހުގެ ހުކުމެކެވެ.

މި ތިން މީހުންގެ މައްޗަށް ދައުވާކުރަނީ ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމުން އިކުއިޒިޝަން ފީގެ ގޮތުގައި ލިބުނު ފަސް މިލިއަން ޑޮލަރުގެ ޗެކާ ހަވާލުވުމަށް ފަހު އެއަށް ޚިޔާނާތްތެރިވި ކަމަށް ބުނެ އެވެ. ދައުވާގައިވާ ގޮތުން އެ ޗެކާ ހަވާލުވީ ޒިޔަތެވެ. އަދި އެ ޗެކް ހާމިދުގެ ކުންފުނި އެމްސީއެމްގެ އެކައުންޓަށް ޖަމާކުރީ އަދީބެވެ.

ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި ކަމުގެ ކުށް ސާބިތުވެ ޖަލު ހުކުމް އައި ހާމިދު އިސްމާއިލް ކޯޓުން ނެރެ ޑީޕީއާރްއެސްގެ ވެހިކަލަށް އަރުވަނީ. -- ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

މި މައްސަލައިގެ ހުކުމް ވެސް އިއްވީ އާންމުކޮށް ހުޅުވާ ނުލައި، ސިއްރުކޮށްގެން ބޭއްވި މަޖިލީހެއްގައި ކަމަށްވާތީ ހުކުމުގެ ތަފްސީލެއް ނުލިބެ އެވެ. މި މައްސަލާގައި ހުކުމް އިއްވަން މި މަހު ކުރީކޮޅު ތާވަލް ކުރި އެވެ. އެކަމަކު ފަހުން ފަސްކުރީ އެވެ.

މިރޭގެ ޝަރީއަތް ކޯޓުގައި ކުރިއަށް ދިޔައިރު ކޯޓު ކައިރިއަށް އެއްވެ ތިބި މީހުން ދުރަށް ޖައްސަން ފުލުހުން ކުރި މަސައްކަތުގައި ދެ މީހަކު ހައްޔަރުކޮށްފައިވެ އެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނަކީ ފަހުގެ ތާރީޚެއްގައި ފެންމަތިވި ކޮރަޕްޝަންގެ އެންމެ ބޮޑު މައްސަލަ އެވެ. އެތަނުގެ އޮޑިޓް ރިޕޯޓް ބުނާގޮތުން ދައުލަތަށް ލިބެންޖެހޭ 1.22 ބިލިއަން ރުފިޔާ ވަނީ އަމިއްލަ ފަރާތްތަކުގެ އެކައުންޓަތަކަށް ޖަމާކޮށްފަ އެވެ.

ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވުމުގެ ކުށް ސާބިތުވެ އަށް އަހަރުގެ ޖަލު ހުކުމް އައި އަބްދުﷲ ޒިޔަތު ޖަލަށް ގެންދަން ޑީޕީއާރްއެސްގެ ވެހިކަލަށް މިރޭ އަރުވަނީ. -- ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

އަދީބު މިހާރު ވެސް ގެންދަވަނީ ދެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އެއީ ފިސްތޯލައެއް ގެންގުޅުނު މައްސަލަ އާއި ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލި މައްސަލައިގަ އެވެ. އިތުރު ދެ މައްސަލައެއް ވެސް އަދީބާ ދެކޮޅަށް ކޯޓުގައި އަދި އެބައޮތެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅިގެން އަދީބާ ދެކޮޅަށް ގިނަ މައްސަލަތަކެއް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި މިހާރު ވެސް އެބަހުއްޓެވެ. އެ މައްސަލަތަކުގައި ދައުވާ ކުރުން މަޑުޖައްސާލާފައިވަނީ އެންޓި ކޮރަޕްޝަންގެ ކޮމިޝަނުން ކުރަމުން ގެންދާ ތަހުގީގުތަކެއް ނިމެންދެންނެވެ.