ފ. އަތޮޅުގެ މަޝްރޫއު ހުއްޓިފައިވާ ކަމުގެ އިޝާރާތެއް ރައީސް ޔާމީން ދެއްވައިފި

ފ. އަތޮޅަށް އެތައް ބިލިއަން ޑޮލަރެއްގެ އިންވެސްޓަރުން ގެނައުމަށް ސަރުކާރުން މަސައްކަތް ކުރި ނަމަވެސް މިހާރު އެ އިންވެސްޓަރުން ނާންނާނެ ކަމަށް ދޭހަވާ ގޮތަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވާހަކަފުޅު ދައްކަވައިފި އެވެ.


ޕީޕީއެމްގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ފ. އަތޮޅުގައި ސައުދީ އިންވެސްޓަރުންގެ ބަޔަކާ ހަވާލުކޮށްގެން ހިންގަން ރޭވި ޕްރޮޖެކްޓާ ބެހޭ ގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް ޔާމީން ވިދާޅުވީ އެ މަޝްރޫއު ދެން އަޔަސް، ނަޔަސް ކުރައްވާނެ ކަމެއް ނެތް ކަމަށެވެ. އަދި އެ ޕްރޮޖެކްޓް ގެއްލުމުން އޭގެ ޒިންމާ އެ މަނިކުފާނު ނަންގަވަން ޖެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު މިއުޅެނީ ރައްޔިތުންނަށް ފައިދާ ހުރި ބޮޑު މަސައްކަތެއް ކޮށްދޭން. ރާއްޖޭގައި ތިބި ހުރިހާ ސިޔާސީ ލީޑަރުން އެކަމާ ދެކޮޅު ހެދީމަ ދެން ސައުދީގެ މަލްޓި މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް އަންނާނެތޯ ނުވަތަ ނޫންތޯ؟ އަޔަސް ނަޔަސް އަޅުގަނޑެެއް ނޫން އޭގެ ޒިންމާ އުފުލާނީ،" ވަރަށް ބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައިނުގެން ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ފ. އަތޮޅުގެ މަޝްރޫއުގެ ޒިންމާ އުފުލާނީ މިހާރު ރާއްޖޭގެ ރައްޔިތުންނަށް ބިނާކުރަނިވި ފިކުރަކާ އެކީ ވެރިކަން ކުރައްވާނެ ކަމަށް ވިދާޅުވާ ބޭފުޅުން ކަމަށެވެ.

"އަޅުގަނޑު އުޅުނީ އެ މަސައްކަތް ކޮށްދޭން. އެއީ އެތައް ހާސް މިލިއަން ޑޮލަރެއްގެ ޕްރޮޖެކްޓެއް،" ރައީސް ވިދާޅުވި އެވެ.

ފ. އަތޮޅުގެ މަޝްރޫއުގެ ކަންކަން ދެން ކުރިއަށް ނުގެންދާނެތޯ ނޫސްވެރިއަކު ސުވާލު ދެންނެވުމުން ރައީސް ޔާމީން ވިދާޅުވީ "ނޫން، އަޅުގަނޑު އޭގެ ޒިންމާ ނުނަގާނެ" ކަމަށެވެ. އަދި ވިދާޅުވީ ޕްރޮޖެކްޓަކީ "ދުވެފައި އަންނަ އެއްޗެއް" ނޫން ކަމަށެވެ.

"ދިވެހި ރައްޔިތުން ބޭނުން ނޫން ކަމަށް އިދިކޮޅު ހުރިހާ ލީޑަރު އަރާ އެ ވާހަކަ ދެއްކީމަ އެއްވެސް ތަނަކަށް އިންވެސްޓަރުން ނާންނާނެ ނޫންތޯ އެ ބަޔަކު ބޭނުންވާ ކަމެއް. ރާއްޖޭގެ ވެރިކަން ކުރަން ނުވަތަ މިތަނަށް ސުލްހަވެރިކަމާ މިއަށް ވުރެ ރަނގަޅު ވެރިކަމެއް ގެންނަން ވަކާލާތުކުރާ މީހުން ނޫންތޯ އެއަށް ސުވާލު އުފެއްދީ،" ރައީސް ވިދާޅުވި އެވެ.