ގާސިމްގެ މައްސަލައިގެ ޝަރީއަތެއް މިއަދު ބާއްވަން ހަމަޖައްސައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ކުރާ ތިން ދައުވާގެ ތެރެއިން އެއް ދައުވާއެއްގެ ޝަރީއަތެއް މިއަދު ބާއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމަށް ކުރާ ތިން ދައުވާގެ ތެރެއިން މިއަދު ބާއްވަން ހަމަޖައްސާފައި އޮތީ ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާގެ ޝަރީއަތެއް ކަމަށް ގާސިމްގެ ވަކީލުންގެ ޓީމުން ބުންޏެވެ. އެ މައްސަލައިގެ ޝަރީއަތް މިއަދު މެންދުރު 2:00 ގައި ބާއްވަން ނިންމައި، ޗިޓް ފޮނުވީ މިއަދު ކަމަށް ވަކީލުން ބުންޏެވެ.

މިދިޔަ ހުކުރުދުވަހު ވެސް އެ މައްސަލަތަކުގެ އިބްތިދާއީ އަޑުއެހުމެއް ބާއްވަން ކްރިމިނަލް ކޯޓުން ހަމަޖެއްސި އެވެ. އެކަމަކު ފަހުން ވަނީ އެ އަޑުއެހުން ކެންސަލްކޮށްފަ އެވެ. އެ ދުވަހު ބާއްވަން ހަމަޖެއްސީ އިބްތިދާއީ އަޑުއެހުމެއް ނަމަވެސް މިއަދު ގާސިމަށް ފޮނުވި ޗިޓްގައި އޮތީ ޝަރީއަތުގެ އަޑުއެހުމެއް ބާއްވާ ވާހަކަ ކަމަށް ގާސިމްގެ ވަކީލުންގެ ޓީމުން ބުންޏެވެ.

"ކުރިން ދުވަހު ބާއްވަން އުޅުނީ އިބްތިދާއީ އަޑުއެހުމެއް ކަމަށް އޭރު ފޮނުވި ޗިޓްގައި އޮތީ. އެ ދުވަހު [އިބްތިދާއީ އަޑުއެހުން] ކެންސަލް ވެފައި މިއަދު ފޮނުވި ޗިޓްގައި މިއޮތީ ޝަރީއަތެއް ކަމަށް މިއަދު މިބާއްވަނީ. އިބްތިދާއީ އަޑުއެހުން ނުބާއްވައި، ޝަރީއަތުގެ އަޑުއެހުމެއް ނުބޭއްވޭނެ،" ގާސިމްގެ ވަކީލުންގެ ޓީމުގައި މަސައްކަތް ކުރާ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވި އެވެ.

އެ މައްސަލަތަކުގެ ޝަރީއަތް މިހާރު ކުރިއަށް ގެންދަން ތައްޔާރު ވެފައި ވަނީ ކުރިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަކީލުން ހާޒިރު ނުވެގެން އެ މައްސަލަތައް ކޯޓުން ބޭރުކޮށްލާފައި ވަނިކޮށް، އެ މައްސަލަ ޕީޖީން އަލުން ހުށަހެޅުމުންނެވެ.