ބާތިލްކުރި މައްސަލައެއް އަލުން ބަލާ ގޮތެއް ހޯދަން ގާސިމްގެ ވަކީލުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި

ކްރިމިނަލް ކޯޓުން ކުރިން ބާތިލްކޮށްފައި އޮތް މައްސަލައެއް އަލުން ބަލައިގަނެ، ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން އެ ކޯޓުގެ އާންމު މަޖިލީހުން ނިންމާފައިވާ ނިންމުމެއްގެ ކޮޕީ ހޯދުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވަކީލުން އެ ކޯޓަށް މިއަދު ސިޓީއެއް ފޮނުވައިފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމަށް ކުރާ ތިން ދައުވާގެ ތެރެއިން އެއް ދައުވާގެ އަޑުއެހުންތައް ވަނީ ފަށައިފަ އެވެ. ގާސިމަށް ކުރާ ދައުވާތަކުގެ ޝަރީއަތް ފަށަން ކޯޓުން ހަމަޖެއްސީ ކުރިން އެ މައްސަލަ ކޯޓުން ބޭރު ކޮށްލާފައި ވަނިކޮށް، އެ މައްސަލަތައް ދައުލަތުން އަލުން ހުށަހެޅުމުންނެވެ. އެ މައްސަލަތައް އޭރު ކޯޓުން ބޭރުކޮށްލީ ދައުލަތުގެ ވަކީލުން ކޯޓަށް ހާޒިިރު ނުވުމުންނެވެ.

ގާސިމްގެ ވަކީލުންގެ ޓީމުން މިއަދު ނެރުނު ބަޔާނުގައި ބުނީ ކްރިމިނަލް ކޯޓުން ބާތިލު ކޮށްފައިވާ މައްސަލައެއް އަލުން ބަލައިގަނެ ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުގެ އެއްވެސް ގަވާއިދެއްގައި އެއްވެސް އުސޫލެއް ބަޔާންކޮށްފައި ނުވާ ކަމަށެވެ.

އެ ބަޔާނުގައި ބުނި ގޮތުގައި މައްސަލައެއް ބާތިލް ކުރުމަކީ އެ ދައުވާއެއް ކުރި އަށް ގެންދެވެން ނެތް ކަމަށް ކޯޓުން ކަނޑައެޅުން ކަން ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި އޮތް އިރު، އެ މައްސަލަ އަލުން ކޯޓަށް ހުށަހެޅުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެ މައްސަލަ ބަލައިގަނެ، ކުރި އަށް ގެންދިއުމަކީ އެއްވެސް ގޮތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"ވީމާ ގާނޫނީ ގޮތުން ބަލާއިރު، ގާސިމްގެ މައްޗަށް ދައުވާކޮށް މިހާރު ހިނގަމުންދާ މައްސަލަތަކަކީ އަލުން ހުށަހަޅައިގެން މިހާރު ކުރިއަށް ގެންދެވޭނެ މައްސަލަތަކެއް ނޫނެވެ. އަދި ކްރިމިނަލް ކޯޓުން ޝާއިއުކޮށް އަމަލު ކުރަމުންދާ އެއްވެސް ގަވާއިދެއްގައި ވެސް ކްރިމިނަލް ކޯޓުން މައްސަލައެއް ބާތިލް ކުރުމަށް އަލުން ހުށަހެޅޭނެ ގޮތެއް އަދި ހުށަހެޅިއްޖެ ނަމަ ބާތިލް ކުރި މައްސަލަ ކުރިން ގޮސްފައިވާ ހިސާބާ ގުޅުވާލައިގެން ހިންގޭނެ ގޮތެއް ވެސް ބަޔާންކޮށްފައެއް ނުވެ އެވެ،" ގާސިމްގެ ވަކީލުންގެ ބަޔާނުގައިވެ އެވެ.

ބަޔާނުގައިވާ ގޮތުގައި އެ ވާހަކަތައް އިޖުރާއީ ނުކުތާއެއްގެ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ގާސިމްގެ ފަރާތުން ފާހަގަ ކުރި އެވެ. އެކަމަކު މައްސަލަ އަލުން ބަލައިގަނެ، ކުރިން ބާތިލު ކުރި މައްސަލައާ ގުޅުވާލައިގެން ކުރިއަށް ގެންދަނީ ކޯޓުން އެފަދަ މައްސަލަތަކުގައި އަމަލު ކުރަން ނިންމާފައިވާ އުސޫލާ އެއްގޮތަށް ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"ކޯޓުން ބާތިލު ކޮށްފައިވާ މައްސަލައެއް ބާތިލް ކުރި ކޯޓަށް އަލުން ހުށަހެޅުމުގެ ގާނޫނީ އަސާސެއް އެއްވެސް ގާނޫނެއްގައި ބަޔާންކޮށްފައި ނެތް ހިނދު، އަދި ޕްރޮސެކިއުޓާ ޖެނެރަލް އޭނާގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާ ކުރުމުގައި ގާނޫނުއަސާސީއަށާއި ގާނޫނަށް ތަބާވުން ގާނޫނުއަސާސީގެ 220 ވަނަ މާއްދާގެ (ށ) އިން ލާޒިމް ކޮށްފައިވާ ހިނދު، މިފަދަ ގޮތަކަށް ހަމަ އެއްވެސް ފަރާތަކާ މެދު އަމަލު ކުރުމަކީ ގަބޫލު ކުރެވޭނެ ހަމައެއް ނޫނެވެ،" ގާސިމްގެ ވަކީލުންގެ ބަޔާނުގައިވެ އެވެ.

މާމިގިލީ ދާއިރާގެ މެމްބަރު ކަން ކުރައްވާ އަދި އިދިކޮޅު ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް މަސައްކަތް ކުރައްވާ ގާސިމްގެ ހިތުގެ އޮޕަރޭޝަނެއް ކުރުމަށް އައިޖީއެމްއެޗުގެ ޑޮކްޓަރުން ވަނީ ލަފާ ދީފަ އެވެ.

ހިތުގެ މައްސަލައަކަށް ގާސިމް ވަނީ ކުރިން އޭޑީކޭ ހޮސްޕިޓަލް އަދި މެޑިކާ އިން ވެސް ފަރުވާ ހޯއްދަވައިފަ އެވެ. އޭރު ވެސް ޑޮކްޓަރުން ވަނީ ރާއްޖެއިން ހެދެން ނެތް ސްކޭނުތަކަކާއި ޓެސްތުތަކެއް ހަދަން ލަފާދީފަ އެެވެ. ނަމަވެސް ގާސިމްގެ ޕާސްޕޯޓު ހިފަހައްޓާފައި އޮތުމުން ބޭރަށް ވަޑައިގެންނެވޭ ގޮތެއް ނުވި އެެވެ.