ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ޖަލްސާ އަންނަ ހަފުތާގެ ހޯމަ ދުވަހު ނުބާއްވާނެކަން ޔަގީންވެއްޖެ އެވެ.
މަސީހް ވަކިކުރުމުގެ ވޯޓު ނޯންނާނެ ކަމަށް، ޕީޕީއެމްގެ ކައުންސިލްގެ ރޭގެ ބައްދަލުވުމުގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނިކޮށް، އެ ޖަލްސާގައި ބަހުސް ކުރުމުގެ ވަގުތު ކަނޑައެޅުމަށް މާދަމާ ބާއްވަން އޮތް އާންމު ކޮމެޓީ ވެސް މަޖިލިހުގެ އިދާރާ އިން ދެންމެ ވަނީ ކެންސަލްކޮށްފަ އެވެ.
ރޭ ބޭއްވި ޕީޕީއެމްގެ ކައުންސިލްގެ ކުއްލި ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވެފައި ވަނީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރި ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ޕީޕީއެމުން ވަކި ކޮށްފައިވާކަން އިލެކްޝަންސް ކޮމިޝަނުން މަޖިލިހުގެ އިދާރާ އަށް އަންގާފައިވާ ކަމަށެވެ.
މަޖިލިހުގެ އިދާރާ އިން ވެސް މިއަދު އެކަން ކަށަވަރުކޮށްދިނެވެ.
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅި މެމްބަރުންގެ އަދަދު 42 އަށް ވުރެ ދަށް ވާނެ ކަމަށް ރައީސް ޔާމީން ރޭ ވިދާޅުވި ކަމަށް "މިހާރު" އާ މައުލޫމާތު ހިއްސާ ކުރެއްވި، ކައުންސިލްގެ މެމްބަރަކު ވިދާޅުވި އެވެ. އެހެންކަމުން މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ބާތިލު ވާނެ ކަމަށާއި އެ ވޯޓެއް ނޯންނާނެ ކަމަށް ރައީސް ޔާމީން، ކައުންސިލްގައި ވިދާޅުވި ކަމަށް ވެސް އެ މެމްބަރު ވިދާޅުވި އެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓު ނޯންނާނެ ކަމަށް ރައީސް ޔާމީން ރޭ ޕީޕީއެމްގެ ކައުންސިލްގެ ބައްދަލުވުމުގައި އިއުލާން ކުރެއްވުމުގެ ކުރިން، އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ވައިބާގައި އެ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން މެމްބަރުންނަށް ވިދާޅުވީ އެ ޖަލްސާ އަންނަ ހޯމަ ދުވަހަށް އެޖެންޑާ ކޮށްފައިވާ ކަމަށެވެ. އަދި މާދަމާ އިން ފެށިގެން ހުރިހާ މެމްބަރުން މާލޭގައި ތިއްބެވުމަށް އޭނާ އެންގެވި އެވެ.
އެކަމަކު މަޖިލިހުގެ ހަތަރު މެމްބަރަކު ޕީޕީއެމުން ވަކިވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން މަޖިލިހުގެ އިދާރާ އަށް އަންގާފައިވާ ކަމަށް ރައީސް ޔާމީން ރޭ އިއުލާން ކުރެއްވުމާ އެކު، ސަރުކާރުގެ ފަޅީގެ ބޭފުޅުން ވެސް މިހާރު ވިދާޅުވަނީ މަސީހްގެ މައްސަލަ ނޯންނާނެ ކަމަށެވެ.