މާލެ ތެރޭގައި ހަމަނުޖެހުން ހިންގަން އުޅުނު ބަޔަކު ފުލުހުން މިރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ މާލެ ތެރެ ބެލެހެއްޓުމަށް ފުލުހުން މިހާރު ފަށާފައިވާ އޮޕަރޭޝަނުގެ ދަށުން، ހަމަނުޖެހުން ހިންގަން އުޅުނު ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެކަމަކު ހައްޔަރު ކުރި މީހުންގެ އަދަދެއް އަދި އެ މައްސަލައިގެ އިތުރު ތަފްސީލެއް ނުދެ އެވެ.
މާލޭގައި މާރާމާރީއެއް ނުހިންގާތާ ގިނަ ދުވަސްތަކެއް ފަހުން، އަނެއްކާ ވެސް އެ މައްސަލަ ވަނީ އިތުރުވެފަ އެވެ. އެގޮތުން ރޭ ވެސް ދެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައި ވެ އެވެ.
މާލެތެރެ ބެލެހެއްޓުމުގެ އޮޕަރޭޝަން އިއްޔެ ފުލުހުން ފެށީ، މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ހަމަނުޖެހުން ހިންގުމަށް ބަޔަކު ރާވަމުންދާ މައުލޫމާތު ލިބިގެންނެވެ.
އެކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ސުލްހަ މަސަލަސްކަން ގާއިމް ކުރުމަކީ ފުލުހުންގެ އެންމެ އިސް މަގްސަދު ކަމަށާއި އެއްވެސް ސަރަހައްދެއްގައި ގާނޫނާ ޚިލާފު އެއްވެސް ކަމެއް ކުރަން ފުލުހުން ފުރުސަތު ނުދޭނެ ކަމަށެވެ. އަދި އެ ފަދަ ކަމަކަށް ހިތްވަރު ދީ، އެފަދަ ކަންކަން ކުރަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އެ ބަޔާނުގައިވެ އެވެ. އެކަމަކު ހަމަނުޖެހުން ހިންގަން ރާވަނީ ކޮން ބައެއް ކަމެއް ބަޔާނުގައި ބުނެފައެއް ނެތެވެ.