ޚިޔާލު ފާޅުކުރުމާއި ދީނީ މިނިވަންކަމާ ބެހޭ އދ. ގެ ރެޕަޓުއާ ޑރ. އަހުމަދު ޝަހީދަށް މަރުގެ އިންޒާރު ދިން މައްސަލާގައި އެމެރިކާ އިން ނުރުހުން ފާޅުކޮށްފި އެވެ.

އެމެރިކާގެ ދީނީ މިނިވަން ކަމާ ބެހޭ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ސޯޝަލް މީޑިއާ އާއި އެހެނިހެން ގޮތްގޮތަށް ޝަހީދަށް އަމާޒުކޮށް އިންޒާރުގެ މެސެޖް ފޮނުވަމުންދާ ކަމަށެވެ.

މީގެ އިތުރުން ވެރިކަން ކުރާ ޕީޕީއެމް އާއި ބައެއް މީހުން ސޯޝަލް މީޑިއާގައި ޝަހީދަކީ އިސްލާމް ދީނާ ދެކޮޅު ބޭފުޅެއް ކަމަށް ބުނެ ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަމުންދާ ކަމަށް ވެސް ބަޔާނުގައިވެ އެވެ. އެ އިންޒާރުތަކާއެކު، ޝަހީދުގެ ބޯ ބުރިކޮށްލަން ވެސް ގޮވާލަމުންދާ ކަމަށް ބުނެ، މިއީ ސަރުކާރުން ބައިވެރިވެގެން ކުރާ ކަމެއްގެ ގޮތުގައި އެ ކޮމިޝަނުން ސިފަ ކުރި އެވެ.

"މިއީ ރާއްޖޭން ނުވަތަ އެހެން ގައުމަކުން ކުރި ނަމަވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫން،" ކުރިން ފޮރިން މިނިސްޓަރުކަން ކުރެއްވި ޝަހީދާ ގުޅޭ ގޮތުން ކޮމިޝަނުން ނެރުނު ބަޔާނުގައިވެ އެވެ.

"ޝަހީދު އަމިއްލަ ގައުމުގައި ހުންނަވައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިފުމުން ސިޔާސީ އަދި ދީނީ ފަރާތްތަކުން އޭނާ އަށް ވަނީ ހަމަލާ ދީފައި."

އެމެރިކާގެ ދީނީ މިނިވަން ކަމާ ބެހޭ ކޮމިޝަނުގެ ޗެއާމަން ޑެނިއަލް މާކް ވިދާޅުވީ ޝަހީދާ ގުޅޭ ގޮތުން ޕީޕީއެމުން ދެއްކި ވާހަކަތައް އަނބުރާ ގެންނަން ޖެހޭ ކަމަށެވެ. އަދި ޝަހީދާ މެދު ފިޔަވަޅު އަޅަން ޕީޕީއެމުން ގޮވާލުމާ ގުޅިގެން އޭނާ ވަނީ އެކަން ކުށްވެރި ކުރައްވައިފަ އެވެ.

"ޝަހީދަކަސް، ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ލިބިފައިވާ ހައްގެއް އެއީ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަކީ. ސަރުކާރުން އެންމެން ހިމާޔަތް ކުރަން ޖެހޭ،" ޑެނިއަލް ވިދާޅުވި އެވެ.

ޕީޕީއެމުން ކުރިން ނެރުނު ބަޔާނެއްގައި ބުނީ އެއް ޖިންސުން ކައިވެނިކުރުން ހުޅަނގުގެ ގައުމެއްގައި ހުއްދަކުރުމާ ގުޅިގެން އެއީ އިންސާނީ ހައްގެއްގެ ގޮތުގައި ޝަހީދު ސިފަ ކުރައްވައި އެކަމަށް ތާއީދުކުރާ ކަން ހާމަވެފައިވާތީ އެކަމަށް މައާފަށް އެދި ތައުބާވާން ޖެހޭ ކަމަށެވެ.

މުސްލިމެއްގެ ގޮތުގައި ހުރެގެން ﷲ ނަހީކުރައްވާފައިވާ ކަމެއް ކުރުމަށް ހިތްވަރު ދިނުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މާތްﷲ ގެ ހުކުމްފުޅުތަކާ ހިލާފަށް އެހެން ބަޔަކު ރުއްސުމުގެ ގޮތުން އެފަދަ ވާހަކަތައް ނުދެއްކޭނެ ކަމަށް ވެސް ޕީޕީއެމްގެ ބަޔާނުގައިވެ އެވެ.