ރައްޔިތުންގެ ހައްގުތައް ހޯދައި ދެނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަމަށް ނިލަންދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލް ރޭ ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ކޯލިޝަނުން އެމްޑީއޭ ޖަގަހައިގައި ބޭއްވި ޖަލްސާގައި، ރަސްފަންނު ސަރަހައްދުން މިސާލު ނަންގަވައި ޚަލީލް ވިދާޅުވީ ދިވެހިންގެ އޮތް ގުޅުންތައް ވަރުގަދަވަމުން އަންނަ މަންޒަރު އެ ބީޗުން ފެންނަ ކަމަށެވެ. އެތަނުން ފެންނަނީ ދިވެހި އެތައް ބަޔަކު އަމާންކަމާއި އޮމާންކަމާ އެކީގައި އުޅޭ ތަން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ނޫންތޯ ހައްގުތައް ހޯދައި ދިނުމަކީ. މި ހައްގުތައް ވެސް މި ހޯދައި ދެނީ އަޅުގަނޑުމެންގެ ސަރުކާރުން،" ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ހަލީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފުލުހުންގެ ވާޖިބުތައް ފުރިހަމަ އަށް އަދާކުރަމުން ދަނިކޮށް، ފުލުހުންނަށް އަނިޔާ ކުރުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކައި، ފުލުހުންގެ ހައްގުތައް ނިގުޅައިގަތުމަށް މަސައްކަތް ކުރީ އިދިކޮޅު ފަރާތްތައް ކަމަށެވެ.
ދިވެހިންގެ އަޚުލާގާއި ސުލޫކާ ނުގުޅޭ އެތައް ކަންތައްތަކެއް ތައާރަފު ކުރުމަށް ފަހު، ހައްގުތައް ހޯދައި ދިނުމަށް އިދިކޮޅު ފަރާތްތަކުން ގޮވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، އެ ހައްގުތައް އެ ފަރާތްތަކަށް ހޯދަންވީ ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށް ޚަލީލް ވިދާޅުވި އެވެ.
"ދިވެހިންނަށް ހައްގެއް ނުވޭތޯ ދައުލަތަށް ޓެކްސް ނުދައްކާ މީހުންގެ ފަރާތުން ޓެކްސް ދެއްކުމަށް ދައުލަތުން މަސައްކަތް ކުރުން؟ އެއީ ދިވެހިންގެ ހައްގެކެކޭ. ދައުލަތަށް ދައްކަން ޖެހޭ އެންމެ ލޯ ލާރިއެއް އޮތަސް، އެ ލާރީގެ ހައްގު އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހެއްގެ އެބައޮތް،" އޭނާ ވިދާޅުވި އެވެ.
އުސޫލާ ޚިލާފަށް ސަރުކާރުން އެއްވެސް ކަމެއް ނުކުރާނެ ކަން ފާހަގަ ކުރައްވައި ޚަލީލް ވިދާޅުވީ ޓެކްސް ނުދައްކާ ފަރާތްތަކާ ގާނޫނާ އަރާ ހަމަ ކުރާނެ ކަމަށެވެ. އަދި ދިވެހިންގެ ހައްގުތައް ދައުލަތުން ހޯދައި ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއިން ކޮންމެ ކަމެއް ދިމާވީމަ މި ނުކުންނަނީ ހައްގުތައް ހޯދައިދޭށޭ ކިޔާފައި، ސަރުކާރާ ދެކޮޅުވުމުގެ ނަތީޖާއެއްގެ ގޮތުން. ބައެއް ބޭފުޅުން ވ. އަތޮޅުން ފަޅު ރަށެއް ނުލިބުނީމަ ހައްގުތައް ހޯދަން މަސައްކަތް ކުރޭ. ސަރުކާރުން އެކަމަކު އެ ބުނޭ އުސޫލުގެ ތެރެއިން އަންނާށޭ، އައީމަ ތިކަން ހަމަޖެހޭނެއޭ. އެކަމަކު އުސޫލުން ބޭރުން ކަންކަން ކުރަން [އެ ފަރާތްތަކުން] ބޭނުންވަނީ ،" ޚަލީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހައްގުތައް ހޯދައި ދިނުމުގެ ނަމުގައި ވަކާލާތު ކުރައްވާ ބޭފުޅުން ކުރައްވާ ކަމަކީ ދޮގު ހެދުމާއި ދޮގު އިލްޒާމުތައް ދައުލަތުގެ މުއައްސަސާތަކުގައި އަޅުވައިގެން ބަދުނާމްކޮށް އަގު ވައްޓާލުމެވެ.
ކެލާ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަލީ އާރިފް ވަނީ ބައެއް ނޫސްވެރިންނަށް ނިސްބަތް ކުރައްވައި، އެ ނޫސްވެރިން މަސައްކަތް ކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަހަތްޕުޅުން ކަމަށް ވިދާޅުވެފަ އެވެ. އަދި ނަޝީދު އިސްލާމް ދީނާ ދެކޮޅަށް ވާހަކަ ދެއްކެވިއިރު، އެކަމާ ދެކޮޅަށް ވާހަކަ ދެއްކި ނޫސްވެރިއެއް ނެތް ކަމަށް ވިދާޅުވެ، ނޫސްވެރިންނަށް އޭނާ ފާޑު ވިދާޅުވި އެވެ.
ދީން ހަތިޔާރަކަށް ނެރެން ޖެހޭ ކަން ފާހަގަ ކުރައްވައި، އާރިފް ވިދާޅުވީ އިސްލާމް ދީނަކީ ދިވެހިން އުޅެންވީ ނަމޫނާ ކަމަށެވެ. އެއީ ދިވެހިން އުޅެންވީ ގޮތާއި "ރާއްޖޭގެ ގާނޫނު" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ފަހުރުވެރިވޭ މުސްލިމަކަށް ވީތީ. އަޅުގަނޑަކީ ދިވެހި މަންމައަކަށް ދިވެހި ބައްޕަ އަކަށް އުފަންވި ފަހުރުވެރި ދިވެއްސެއް. އެންމެ ފަހު ނޭވާއާ ޖެހެންދެން ރާއްޖޭގެ ހައްގުގައި މަސައްކަތް ކުރާނަން،" ރައީސް އަބްދުﷲ ޔާމީންގެ އެންމެ އަރިސް މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އާރިފް ވިދާޅުވި އެވެ.