ކޮންމެ އެއްޗެއް ލިޔުނަސް މީޑިއާތަކަށް ދައުވާއެއް ނުކުރާނަން: ނިހާން

އޭނާއާ ބެހޭ ގޮތުން މީޑިއާތަކުގައި ކޮންމެ އެއްޗެއް ލިޔުނަސް މީޑިއާތަކާ ދެކޮޅަށް ކޯޓުގައި ދައުވާ ނުކުރައްވާނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.


ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިހާން ވިދާޅުވީ އޭނާއަކީ ދިވެހި ހުރިހާ މީޑިއާތަކާ ވެސް ވަރަށް ގާތުން، ގުޅިގެން މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށާއި ނޫސްވެރިއަކު ގޮވައިގެން ކޯޓަށް ދާން ބޭނުން ނުވާ ކަމަށެވެ. އެކަމަކު، ރާއްޖޭގެ ނޫހަކުން، ކާކު ކަން ނޭނގޭ މީހަކު ކުރި ޓުވީޓެއްގައި އޭނާއާ ދިމާލަށް ވަގަށް ގޮވި ހަބަރު ޖަހާފައިވާތީ ނިހާން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އެއީ އަބުރު ރައްކާތެރިކުރުމުގެ ގާނޫނާއި އެހެން ގާނޫނުތަކުން ވެސް އެ މީޑިއާއާ ދެކޮޅަށް ދައުވާ ކުރެވިދާނެ ފަދަ މައްސަލައެއް ކަމަށް ވެސް ނިހާން ވިދާޅުވި އެވެ. އެކަމަކު، މީޑިއާތައް ގޮވައިގެން ކޯޓަށް ނުދާނެ ކަމަށް ތަކުރާރުކޮށް ނިހާން ވިދާޅުވި އެވެ. އެހެން ނަމަވެސް، މީޑިއާތަކުން އިތުރަށް ސަމާލުވުމަށް ނިހާން ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

"ޚަބަރު ހަދާފައި ލިޔެފައި އޮތީ އަޅުގަނޑަކީ ވަގެކޭ، ކަނޑައެޅިގެން އެ ލަފްޒު ބޭނުންކޮށްފައި ވަނީ. އަޅުގަނޑު ނުދަން އެ މީޑިއާ ގޮވައިގެން ކޯޓަށް މައްސަލަ ޖައްސާކަށް. އިހްތިރާމާއެކު ވެރިންނަށް ގުޅާފައި ދެންނެވި މި މިންވަރު ގޯހޭ. އެތިކްސް އިން ބޭރުވަމުން ދަނީ ތިޔަ ބޭފުޅުންނޭ،" ނިހާން ވިދާޅުވި އެވެ.

ޕީޕީއެމްގެ ނައިބު ލީޑަރު، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މީޑިއާތަކަށް އެންމެ ބޮޑު އިތުބާރެއް ކުރަނީ މި ސަރުކާރުން ކަމަށެވެ. އެކަމަކު، މީޑިއާތަކަށް މަސައްކަތް ކުރެވޭނީ ވަކި ހުދޫދެއްގެ ތެރޭގައި ކަމަށާއި ހަމަ ހިތަށް އެރި ގޮތަކަށް މީޑިއާތަކަށް މަސައްކަތް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހެދިފައި ހުންނަ ގާނޫނުތަކާ ހިލާފަށް މަސައްކަތް ކުރާނަމަ، ކަމާ ގުޅޭ މުއައްސަސާތަކުން ފިޔަވަޅު އަޅާނެ. މީޑިއާ އަށް އަދަބެއް ދެނީ ގާނޫނުގެ ތެރެއިން އޮންނަ އުސޫލުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.